ބިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ހަދަން ނިންމާފައިވާ މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫއުގެ ޕާޓްނަރެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.

ސިޓީ ކައުންސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެމްއޯޔޫގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. ފްލޯޓިން ސިޓީ މަޝްރޫއު ހިންގާ ޑަޗް ޑޮކްލޭންޑް އިންޓަނޭޝަނަލްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕްއެވެ.

މިކަމާ ގުޅޭގޮތުން މޭޔަރު ޑރ. މުއިއްޒު މިއަދު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ކިތަންމެ ކުޑަ ނަމަވެސް ހައްލެއް ލިބޭ ކަމެއްގައި ކައުންސިލުން މަރުހަބާ ކިޔާނެ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ މާލެ ސިޓީގެ ރައްޔިތުންނަށް އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތުތައް ހޯދައިދިނުންކަން މި އެމްއޯޔޫއިންވެސް ދޭހަވެގެންދާނެ ކަމަށެވެ.

"ވަން"އަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ސްޕޯކްސް ޕާސަން އާމިނަތު ޝިއުނާ މިއަދު ވިދާޅުވީ، ސިޓީ ކައުންސިލްގެ ދައުރަކީ ޑަޗް ޑޮކްލޭންޑް އިންޓަނޭޝަނަލްގެ ފަރާތުން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ސިޓީ ކައުންސިލަށް ވެދެވޭން އޮތް އެހީއެއް އެ މަޝްރޫއު ކުރިއަށްގެންދިޔުމުގައި ވާނެ ކަމަށް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީ މަޝްރޫއުގެ ދަށުން 5000 ފްލޯޓިންގެ އަޅަން މިހާރު ވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބައިސަން ކުންފުންޏާ ހަވާލުކޮށްފައެވެ. ފްލޯޓިން ސިޓީން ކުލި ނެގޭނެ އުސޫލުވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އެކުލަވާލައިފައެވެ.

ފްލޯޓިން ސިޓީ އެޅުމަށް ނިންމާފައިވަނީ މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައެވެ. އެ ފަޅު މިހާރު ވަނީ ޑަޗް ޑޮކްލޭންޑަށް ދީފައެވެ.

ފެން މަތީގައި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ހަދާ މި ފްލޯޓިން ސިޓީ ހަދަން ސަރުކާރުން ނިންމާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ.

ފްލޯޓިން ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން ޔޮޓު މެރީނާއަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހޮސްޕިޓަލާއި ސްކޫލާއި ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެއެވެ.