ތާރީޚު

މުލީއާގޭގެ ތާރީޚާއި ގުޅިފައިވާ ނާމާންކަމުގެ ވާހަކަ

ޑރ. އަބްދުﷲ ވަހީދު

5

މުލީއާގޭގެ ފުރަތަމަ މިލްކުވެރިއަކީ މުލީ މުޙައްމަދު މަނިކެވެ. އެއިރު އެއީ މެދުޒިޔާރަތުގެ ހުޅަނގު ދެކުނު ފަރާތަށް ހުރި ގެއެކެވެ. ގާފޮޅުމަތީގައި މެއްލަޖަހައި ދުނބުރި ދަނޑިން ބިތް ގަތައި ބިތު ފަންގިލައި ފަނުން ފުރާޅު ހިޔާކޮށްފައި ހުރި ތަނެކެވެ. އެ ގެއަށް އޭރު ކިޔަނީ މުލީގެއެވެ.

މުލީގެއާއި ވަށައިގެންވާ ގޯއްޗާއި ގޭގައި ހުރި ސާމާނު، މުލީ ދޮން ޙަސަން މަނިކުފާނަށް (ދޮން ބަންޑާރައިންނަށް) ވާރުތައިން ލިބިވަޑައިގަތެވެ. އެ މަނިއްޕުޅުގެ ދަރިމިނިމިނީންގެ ތެރެއިން އިބްރާހީމް ނޫރައްދީން ރަދުންގެ ދޮށީ މަނިއްޕުޅަށް (ފަހުން ޝަމްސުއްދީން 3 ރަދުންނަށް) އެ ގެ ވާރުތަވިއެވެ.

މުލީއާގެ މިހާރު ހުރި ބައްޓަމަށް އިމާރާތްކުރީ ޝަމްސުއްދީން 3 ގެ ދަރިކަލުން ޙަސަން ޢިއްޒައްދީނު ހުންނަވަން ގަނޑުވަރެއްގެ ގޮތުގައެވެ. އެއީ ހެންވޭރު ގަނޑުވަރެވެ. އެ ގަނޑުވަރަށްޓަކައި ވަރަށް ބޮޑު ގޯއްޗެއް ނެންގެވިއެވެ. އެ ގޯތީގައި މުސްކުޅި މުލީގޭ ގޯއްޗާއި އެ ކޮށީގައި ހުރި އިތުރު 5 ގެއާއި ގޮނޑުބިން ހިމެނުނެވެ. އެތާނގައި އިމާރާތްކުރުމުގެ މަސައްކަތް ހަވާލު ކުރެއްވީ އަތިރީގޭ އަޙުމަދު ދޮށިމޭނާ ކިލެގެފާނާއެވެ.

ދޮށިމޭނާ ކިލެގެފާނުގެ ބެއްލެވުމު ދަށުން ސިލޯނުން މޭސްތިރިންނާއި އަތްދަށު މީހުން ގެންނަވައިގެން މަސައްކަތް ފެއްޓުނެވެ. އިމާރާތަށް ބޭނުންވާ ބޯކުތަކާއި ޖާލީތަކާއި ސްކްރީންތަކާއި ދޮރުފަތްތައް ވެސް ގެންނެވީ ސިލޯނުންނެވެ. އިމާރާތްކޮށް ނިމުމުން ފަރުނީޗަރާއި ޒީނަތުގެ ސާމާނު ގެންނެވީ ވެސް ސިލޯނުންނެވެ.

10 ފެބްރުވަރީ 1914 ގައި ބިންގާ އަޅައިގެން ހެންވޭރު ގަނޑުވަރު އިމާރާތްކޮށް ނިމި ހުޅުވުނީ 7 ޑިސެމްބަރު 1919 ގައެވެ. އެހެނަސް އެ ދުވަހަކު ޙަސަން ޢިއްޒައްދީނު އެ ގަނޑުވަރުގައި ދިރިއުޅުއްވާކަށް ނުފަށްޓަވައެވެ. އެވަރަށް ތަން ތައްޔާރެއް ވެސް ނުމެ ވޭމެއެވެ.

ޙަސަން ޢިއްޒައްދީން ކޮޅުނބުން މާލެ ވަޑައިގަތީ 1920 ވނަ އަހަރުގެ ޖަނަވަރީ ފެބުރުވަރީ ހިސާބުގައެވެ. ފުރަތަމަ މަހެއްހާ ދުވަހު ހުންނެވީ ބޮޑުގަނޑުވަރުގައެވެ. އެ މަނިއްޕުޅު ބޭނުންފުޅުވި ގޮތަށް ތައްޔާރު ކޮށް ހެންވޭރު ގަނޑުވަރުގައި ދިރިއުޅުއްވަން ފެއްޓެވީ 1920 ވަނަ އަހަރުގެ މާރޗް މަސް ނިމުނު ހިސާބުގައެވެ.

މާލޭގައި ހިނގި ގަޑުބަޑަކާ ގުޅިގެން 3 އޮކްޓޯބަރ 1934 ގައި ޝަމްސުއްދީން 3 ރަދުން ޢަޒަލްކުރެވުނެއެވެ. އެ ދުވަހު ޝަމްސުއްދީން ބޮޑުގަނޑުވަރުން ނުކުމެވަޑައިގަންނަވަން ޖެހުނެވެ. އެ މަނިއްޕުޅު ދެން ހުންނެވީ ހެންވޭރު ގަނޑުވަރުގައި ޙަސަން ޢިއްޒައްދީނު އަރިހުގައެވެ. 21 މޭ 1936 ގައި ޝަމްސުއްދީނާއި ޙަސަން ޢިއްޒައްދީން ފުވައްމުލަކަށް އަރުވާލެވުނެވެ. އެ ދުވަހަކީ އެ ދެބަފައިކަލުންނަށް ހެންވޭރު ގަނޑުވަރުގައި ތިއްބެވުނު އެންމެ ފަހު ދުވަހެވެ. އޭގެ ފަހުން ހެންވޭރު ގަނޑުވަރު ސަރުކާރަށް ނެންގެވީއެވެ. ކޮންމެއަކަސް ހެންވޭރު ގަނޑުވަރުވީ އެ ދެބަފައިކަލުންނަށް ވަރަށް ނާމާން ތަނަކަށެވެ.

1939 ހާ ހިސާބުގައި ޙަސަން ފަރީދުގެ ވެރިކަމުގައި މާލޭގައި ހުރި ގަނޑުވަރުތަކުގެ ނަންތައް (ބޮޑުގަނޑުވަރު ފިޔަވައި) އުވާލެވުނެވެ. އަދި ހެންވޭރު ގަނޑުވަރު މުލީއާގެއަށް ބަދަލުވިއެވެ. އެއީ މުލީއާގެ މި ނަން އަލަށް ބޭނުން ކުރެވުނު ހިސާބެވެ. އޭގެ ފަހުން އެ ތަނުގައި ކޮންމެ ބޭނުމެއް ކުރެވުނު ނަމަވެސް މުލީއާގެ މި ނަން އުވިގެން ނުދެއެވެ.

ސަރުކާރުގެ އޮފީހެއް މުލީއާގޭގައި އެންމެ ފުރަތަމަ ހިންގީ 19 ޖަނަވަރީ 1942 ގައި ވުޒާރަތުއް ދާޚިލިއްޔާއެވެ. ދެން މަޙުކަމަތުލް އަމްނު ޢާއްމުއާއި ކާތިބުއް ސިއްރުގެ އޮފީހެވެ. އޭގެ ފަހުން ވަޒީރުންގެ މަޖުލިހާއި ވަލީ ކޮމިޓީގެ ޖަލްސާތައް މުލީއާގޭގައި ބޭއްވިފައި ވެއެވެ. އަދި މި ނޫން ވެސް ސަރުކާރުގެ މުހިންމު ބޭނުންތަކަށް އެތަން ބޭނުން ކުރެވިފައި ވެއެވެ. ޚަޒާނާގެ ތަޅުދަނޑި ވެސް މުލީއާގޭގައި ބޭއްވުނެވެ. އަދި ބޮޑު ހަނގުރާމައިގެ ދުވަސްވަރު "ސަރުކާރުގެ ޚަބަރު"ގެ އިދާރާއަކީ ވެސް އެއީއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގައި ޤައުމުގެ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، ރަސްމީ ކަންކަން ކުރެއްވުމަށް ޚާއްސަ ކުރެވުނީ 1 ޖަނަވަރީ 1953 ގައި ދާރުއްރިޔާސަތު ނުވަތަ މުލީއާގެއެވެ. އެ މަނިކުފާނު ދިރިއުޅުއްވީ އަމިއްލަފުޅުގެކޮޅު އަތިރީގޭގައެވެ. އެހެނަސް މުލީއާގޭގެ ނާމާން ކަމަކުން އެ މަނިކުފާނު ސަލާމަތެއް ނުވިއެވެ. 21 އޮގަސްޓް 1953 ގައި އޭނާގެ ވެރިކަން އަނިޔާވެރި އިންޤިލާބަކުން ވައްޓާލެވުނެވެ. އަދި އެ ހާދިސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން 19 ޖަނަވަރީ 1954 ގައި އޭނާ އަވަހާރަވީއެވެ.

ދިވެހި ރާޖޭގައި ހުންނަވާ އިނގިރޭސި ދައުލަތުގެ ރެޕްރެސެންޓެޓިވް ސަރ އާރތިންގްޓަން ޑޭވީ އަކީ މުލީއާގޭގައި ދެން ހުންނެވި ޢިއްޒަތްތެރިޔާ އެވެ. އޭނާ އެތަނުގައި ހުންނެވީ 1960 ގެ އޮކްޓޯބަރ 8 ން ފެށިގެން ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. އޭނާ އެ ގޭގައި ހުންނެވިއިރު ގޯތިތެރޭގައި މީހުން އުޅޭހެން ހީވުމާއި ފުރާޅަށް ގާ އުކާ އަޑު އިވުން ކަހަލަ އުނދަގޫތަކާ ކުރިމަތި ލައްވަން ޖެހުނެވެ. ޑޭވީ ދެން ބަދަލުވެވަޑައިގެންނެވީ ދޫނިދޫއަށެވެ. 1964 ގައި ރާއްޖެ ދޫކުރައްވަންދެން އޭނާ ހުންނެވީ އެ ރަށުގައެވެ.

11 ނޮވެންބަރު 1968 ން ފެށިގެން 7 ފެބްރުއަރީ 1995 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅަކީ މުލީއާގެއެވެ. އެހެނަސް ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ދިރިއުޅުއްވީ 11 ނޮވެމްބަރ 1968 ން 11 ނޮވެމްބަރ 1978 އަށް އަމިއްލަފުޅު ގެކޮޅު ވެލާނާގޭގައެވެ. އެހެން ކަމުން މުލީއާގޭގެ ނާމާން ކަމުގެ އަސަރެއް އެ މަނިކުފާނަށް ކޮށްފައެއް ނެތެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް މުލީއާގޭގައި 11 ނޮވެންބަރު 1978 ން 7 ފެބުރުވަރީ 1995 އަށް ރަސްމީގޮތުން އުޅުއްވިއެވެ. ނަމަވެސް މި މުއްދަތުގެ ބައެއްގައި ވަގުތީގޮތުން ތީމުގޭގައި އުޅުއްވިއެވެ. އޭގެ ފަހުން ތީމުގެ ރިޔާސީ ގަނޑުވަރަށް 7 ފެބުރުވަރީ 1995 ބަދަލުވުމާ ގުޅިގެން އެމަނިކުފާނު 11 ނޮވެންބަރު 2008 އާ ހަމައަށް ދިރި އުޅުއްވީ ތީމުގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު 6 ފެބުރުވަރީ 2009 އިން 7 ފެބުރުވަރީ 2012 އަށް، ރަސްމީގޮތުން މުލީއާގޭގައި ދިރިއުޅުއްވިއެވެ. ދައުރު ފުރިހަމަ ނުކުރައްވައި އެ މަނިކުފާނަށް ޖެހުނީ އިސްތިއުފާ ދެއްވާށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު ވަޙީދު، 7 ފެބުރުވަރީ 2012 އިން 17 ނޮވެންބަރު 2013 އަށް، ރަސްމީގޮތުން ދިރިއުޅުއްވީ ހިލާލީގޭގައެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 1 މާރޗް 2016 އިން 17 ނޮވެންބަރު 2018 އަށް، ރަސްމީގޮތުން ދިރިއުޅުއްވީ ހިލާލީގޭގައާއި އަމިއްލަ ގެކޮޅު ދޫވެހީގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 17 ނޮވެންބަރު 2018 އިން ފެށިގެން ރަސްމީގޮތުން ދިރިއުޅުއްވަނީ މުލީއާގޭގައެވެ.

ކޮންމެއަކަސް މުލީއާގެއަށް ލިބިފަވަނީ ކުލަގަދަ ތާރީޚެކެވެ. އެ ތާރީޚުގެ މޯހިރުން އުފަންވި ނާމާންކަން އޮތީ އެގޮތުގައެވެ.