މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގެ ސްކޫލުތަކުގައި ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަނުން ބުނީ، ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމަށް ސްކޫލް ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކުޅިވަރުގެ ދާއިރާއިން ސްކޫލް ދަރިވަރުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ކަލާސް އެވޯޑު ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު ކަމަށެވެ. މިއަހަރު ކަލާސް އެވޯޑު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރަނީ ސްކޫލްތަކުގެ ދަރިވަރުން މެދުގައި ދުޅަހެޔޮ ސިއްހަތާއި ރަނގަޅު ކާނާއަށް ދޭ މުހިންމުކަން އިތުރުކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމާއި، ކުޅިވަޅު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށްކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގކުރުމުގެ މަގްސަދުތަކަކީ:
- - ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަކީ ހަށިހެޔޮ ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޮޑުވުމުގެ މަގުތަނަވަސްކޮށްދިނުން
- - ކޮންމެ ދަރިވަރަކަށް ލިބިފައިވާ ހުނަރަކުން ކުރިއަށް ދިއުމަށް ބާރުއެޅުމާއެކު އެފަދަ ފުރުސަތުތައް ތަނަވަސްކޮށްދިނުމާއެކު އެ މަގަށް ހިތްވަރު ދިނުން
- - ދަރިވަރުންގެ ހިތްތަކުގައި ކުޅިވަރަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުން
- - ދުޅަހެޔޮ ކާނާއަށް ހޭލުންތެރިކުރުން
- - ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކަމުގެ މުހިންމުކަމާއިމެދު ދަރިވަރުންނާއި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުން
އެޑިއުކޭޝަނުން ބުނީ ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފެށުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ފަތިސް ނަމާދުން ކަމަށެވެ. އެގޮތުން އެ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންވެސް އެކުއްޖަކު ދިރިއުޅޭ ރަށެއްގެ މިސްކިތަށް ހާޒިރުވެ ޖަމާއަތުގައި ނަމާދުކުރަން ޖެހޭނެއެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ތައުލީމީ ދާއިރާގެ މުވައްޒަފުން ރަމްޒުކޮށްދޭގޮތަށް ގިނަ ސްކޫލްތަކެއްގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ އެއް ކިލޯ މީޓަރުގެ ދުވުމެއް އޮންނާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ.
މާލޭގައި އެ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅިވަޅު އެކުވެނި ޓްރެކްގައި ބުރާސްފަތި ދުވަހުގެ ހެނދުނު 6 ޖަހާއިރުއެވެ. އެ ދުވުމުގައި ބައިވެރިވެ ވަޑައިގެން އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވާނީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްއެވެ.
އެ ދުވަހުގެ އެސްމްބްލީ ހާއްސަ ކުރެވިގެންދާނީ ދުޅަހެޔޮ ސިއްހަތާއި ދުޅަހެޔޮ ކާނާއާއި ގުޅޭގޮތުންނެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ އެސެމްބްލީގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ ހާއްސަ ރެކޯޑިން މެސެޖެއް ދަރިވަރުންނަށް ގެނެސްދޭނެއެވެ. ދުޅަހެޔޮ ހަށިހެޔޮ ދުވަހުގައި ސްކޫލްތަކުގައި ކުރިއަށް ގެންދާނީ ކުޅިވަރާއި ދުޅަހެޔޮ ސިއްހަތާއި ގުޅޭ ހަރަކާތްތަކެވެ. އެ ހަރަކާތްތަކުގައި ސްކޫލުގެ ހުރިހާ ދަރިވަރުން އަމަލީ ގޮތުން ބައިވެރިވާންޖެހެއެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަވީރު މާލެ އާއި ހުޅުމާލޭގައި ވަނީ ހަށިހެޔޮ ދުޅަހެޔޮ ހަވީރެއް ބޭއްވުމަށް ނިންމައިފައެވެ. އެ ހަވީރުގައި މާލޭ ސަރަހައްދުތަކުގެ ސްކޫލުތަކާއި އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުން ދަރިވަރުންނަށް އަމާޒުކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރާއި ބެހޭ މައުލޫމާތާއި ދުޅަހެޔޮކާނާ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވާނެއެވެ.
ހަމަ އެ ދުވަހުގެ ރޭގަނޑު ކަލާސް އެވޯޑު ހަފްލާ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު