އިންޑިއާ އާއި ގުޅިގެން އެމްޑީޕީއަށް ދެން އެއްވެސް އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިދިޔަ ހޮނިހިރު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކާމިޔާބުކުރެއްވުމުން އެކަމުގެ އުފަލުގައި އެރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންސާފުވެރި އިންތިހާބެއްގައި ވާދަކޮށްފިނަމަ އިންޑިއާއާއެކު ވެސް އެމްޑީޕީއަށް އިންތިހާބެއް ކާމިޔާބެއް ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ނިމިދިޔަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެ ޕާޓީއަށް ގެއްލުނީ ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބުގައި އެކުގައި ވާދަކުރުމަށް އެދުމުން ބައެއް ދާއިރާތަކަށް ވާދަނުކުރުމުން ކަމަށެވެ. ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިވުމުން ޕީޕީއެމްގެ އިސްސަފުގައި މަސައްކަތްކުރެއްވި ގިނަ ފަރާތްތަކެއް ޖުމްހޫރީ ޕާޓީއަށް ދިޔަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއީ އެއްވެސް ޕާޓީއަކަށް އިހުލާސްތެރި ބައެއް ނޫން ކަމަށާއި އެ މީހުން އިސްކުރަނީ އަމިއްލަ މަންފާ ކަމަށެވެ.
ރައްޔިތުން ބޭނުންވާ ވަރަށް ގިނަކަންކަން މިހާރު އަމަލުކުރަމުން އަންނަ އާ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ގާނޫނުގެ ދަށުން މިނިވަން މުއައްސަސާތަކެއް އުފައްދާފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެއީ ނަމަކަށް މިނިވަން މުއައްސަސާތަކެއް ކަމަށާއި، ރަނގަޅުވާނެކަމަށް ރައްޔިތުން އުއްމީދުކުރި އެއްވެސް ކަމެއް ރަނގަޅު ނުވާ ކަމަށެވެ.
ޝަރުއީ ދާއިރާއިން އެކަމުގެ މިސާލެއް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޯޓުތަކުގެ ރަޖިސްޓްރާ ޖަވާބުދާރީ ވާން ޖެހެނީ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ކަމަށާއި އެކޮމިޝަންގެ ރައީސަކީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ކަމަށެވެ. އެ ނިޒާމު ގޯސްވެގެން އެ ވާހަކަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކެމްޕޭނުގައި ދައްކަވާފައި ވެރިކަމަށް އައިސް އެ ނިޒާމު ގޯސްވެގެން ރަނގަޅުކުރަން ނޫޅުއްވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މަޝްހޫރު އެކެއް ފެބްރުއަރީގެ ހުކުމުގެ ވާހަކަ ތަކުރާރުކުރައްވައި ރައީސް ޔާމީން ރޭ ވިދާޅުވީ، އެއީ އިންޑިއާ ސަރުކާރާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ނެރުނު އަމުރެއް ކަމަށެވެ. ސުޕްރީމް ކޯޓުން އަމުރު ނެރުނު އިރު ތިބި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން މަގާމުން ދުރުނުކުރީ އެމީހުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވޭވަރުގެ ހެއްކެއް ނެތުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ފަސް ފަނޑިޔާރުން ވަކިކުރިނަމަ ރާއްޖޭގެ އިތުރުން ބޭރު ދުނިޔެއިން ވެސް ރާއްޖެއާ ދިމާއަށް ފުންމައިގަންނާނެ ކަމަށެވެ.
އެމަނިކުފާނު ލީޑުކުރައްވާ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅޭގޮތުން ވަރަށް ކުރުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު މިހާރު މިއޮތީ ގެއްލިފައި ކަމަށެވެ. ނަމަވެސް ތުހުމަތުތައް ކުރެވޭ ދައުލަތުގެ ވެރިން މަގާމުތަކުން ދުރަށް ދާން ކެރިވަޑައިނުގަންނަވާ ކަމަށާއި 2023 އަކީ އެމަނިކުފާނުގެ އަހަރު ކަމަށާއި، ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް ބަލައި ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފާޑު ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ، އިމްރާނަކީ ސިޔާސީ ބާރުވެރިކަން ހޯއްދަވަން ކޮންމެ ފަދަ ދޮގެއް ވެސް ހައްދަވައިފާނެ ބޭފުޅެއް ކަމަށެވެ. އިމްރާން މަޖިލީހުގައި ދޮގު ހައްދަވާފައިވާއިރު އިމްރާނަކީ ދޮގުވެރިއެއްކަން މާކުރީން ވެސް އެނގިވަޑައިގެންފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. މޭޑޭގައި އިމްރާން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ޔާމީން ވަނީ އެދުވަހު ވިދާޅުވި ކިތާބީ ހެކިތައް ކޮބައިތޯ ސުވާލު ކުރައްވައިފަ އެވެ. މިއަދު ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މައްސަލަ ނުބައްލަވަނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވިއެވެ.
ޔާމީން ވަނީ އަފްރާޝީމްގެ ގާތިލު ނުހޯދިގެން އުޅޭ ސަބަބު ސާފުކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު