ޚަބަރު

އިމްރާން، ފުލުހުންނަށް: ކުށެއް ނުކުރާ މީހަކަށް ނަމަނަމަ އަނިޔާއެއް ނުދޭތި!

އަލީ ޔާމިން

1

ކުށެއް ނުކުރާ މީހަކަށް އަނިޔާއެއް ނުދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ ފަރާތުން ކުރާ ކުޑަކުޑަ ނޭދެވޭ ކަމެއްގެ ސަބަބުންވެސް ފުލުހުންގެ އަގު ވެއްޓި، ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލިގެންދާ ކަމަށެވެ.

އިމްރާން ވިދާޅުވީ، ފުލުހުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވިގެން ނޫނީ، ރައްޔިތުންގެ ކިބައިގައިވެސް ރިވެތި އަހުލާގާއި ރިވެތި ސިފަތައް އުފެދިގެން ނުދާނެ ކަމަށެވެ. އަދި ދިވެހި ފުލުހުން މަތިވެރިވި ވަރަކަށް ގައުމުވެސް މަތިވެރިވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ނަސޭހަތަކީ. ފަހަރުގައި ކުށްކުރާ ހުރިހާ މީހުން. ގާނޫނާ ހިލާފުވާ ހުރިހާ އެންމެން ހޯދައި އަދަބު އަޅުގަނޑުމެންނަށް ނުދެވިދާނެ. އެހެންނަމަވެސް ކުށެއް ނުކުރާ ރައްޔިތަކަށް ނަމަނަމަ އަނިޔާއެއް ނުދެއްވާށޭ. އެފަދަ މީހެއްގެ ދުއާ ލިބި ތިމާ އާއި ތިމާގެ އާއިލާ ހަލާކުވެ ހިނގައިދާނެ،" އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމުގެ އެންމެ އުނދަގޫ ހާލަތުގައިވެސް ކުލުނާއި އޯގާވެރިކަމާއި ހަމްދަރުދީ އިސްކޮށް ގާނޫނު ތަންފީޒު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އޭގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް އުފާވެރިކަމާއި ކުރިއެރުން ލިބޭނެ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ފުލުހުންގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، ފުލުހުން އިތުރަށް ޒިންމާދާރު ކުރެވޭނެ ގޮތްތައް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގައުމެއްގެ އަމާންކަން ދެމެހެއްޓޭނީ ފުލުހުންގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ކަމަށް ވިދާޅުވިއެވެ.