އަމާޒަކީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނަށް އޮތް ބޯހިޔާވަހިކަމުގެ ދައްޗަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށާއި އަމާޒަކީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުން ކަމަށެވެ.
"އެކި ސަރުކާރުން ނެއްޓެމުން، އަނެއް ސަރުކާރަށް ލައްގަމުން އައި މި ދެންނެވި ޕްރޮޖެކްޓް މިހާރު އެވަނީ ހިންގަން ފަށާފައި. ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ހަވާލުކުރެވި، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން،" ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ޕޮލްކޯ ފްލެޓްތަކުގައި ނުނިމިހުރި މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެނެވެ.
ޕޮލްކޯ ފްލެޓްތަކުގައި ހިމެނެނީ ޖުމުލަ 361 ޔުނިޓްގެ ތިން ޓަވަރެވެ. އަދި ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1100 އަކަ ފޫޓެވެ. މި ޓަވަރުތަކުގައި އެޕާޓްމަންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕޯސް ހޯލްގެ ވަސީލަތްތައް ހިމެނެއެވެ.
މި މަޝްރޫއުގެ އަގަކީ 274.6 މިލިއަން ރުފިޔާއެވެ. އަމީންއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު، 240 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ފުލުހުންގެ ފްލެޓްތަކުގެ މަޝްރޫއުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ. އެ މަޝްރޫއުގެ މަސައްކަތް ފުރަތަމަ ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އެވެ. ނަމަވެސް ނޫމަޑިއާ އެކު ވެފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އުވާލައިފައެވެ.
ފަހުން ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކޮށްފައިވަނީ އައިލެންޑް އެކްސްޕާޓާ އިންނެވެ. ނަމަވެސް މުވައްޒަފުން މަދުވުމުން އެ މަސައްކަތް އެ ކުންފުނިން ހުއްޓާލީ 2020 އަހަރުގެ ތެރޭގައެވެ.
ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ނުނިމި މިހާރު އަށް ވަރަކަށް އަހަރު ފާއިތުވެފައިވާއިރު، ގިނަ އަދަދެއްގެ ފުލުހުން އަންނަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންއެވެ.
ޚަބަރު
ޚަބަރު
ޚަބަރު