ފަނަރަ ފަނޑިޔާރެއްގެ މައްޗަށް ސްލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަން ފެތުރުން ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހާއްސަ ފިޔަފަޅުތަކުގެ ތެރޭގައި ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުމުގައި ސަރުކާރު ބަންދުކުރައްވާ މުއްދަތުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް ހިމަނުއްވާފައިވާ ކަމަށެވެ.

ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދަންނަވާފައިވުމުން ސުޕްރީމް ކޯޓުން އަދި ޖޭއެސްސީން ފަނޑިޔާރުން އަމަލުކުރަންވީ ގޮތުގެ ސާކިއުލާއެއް ނެރެފައިވާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ ސާކިއުލާތަކާ ހިލާފަށް 17 ފަނޑިޔާރަކު އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ ޖޭއެސްސީން ވަނީ އެ ފަނޑިޔާރުންގެ މައްސަލަ އަމިއްލަ އިސްނެގުމެއްގެ މަތިން ތަހުގީގުކޮށްފައެވެ. ނަމަވެސް ތަހުގީގުކުރުމުގެ ތެރޭގައި އެ މައްސަލަތަކާ ގުޅިގެން 15 ފަނޑިޔާރަކު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލެއް ކޮށްފައިވާ ނުވާކަމަށް ހާމަވާތީ އެ ފަނޑިޔާރުންގެ މައްޗަށް ސްލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ 15 ފަނޑިޔާރުންނާ ދެކޮޅަށް ތަހުގީގުކުރަމުންދިޔަ ސްލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ ޖޭއެސްސީގެ ތަހުގީގު ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން މިމަހުގެ 22 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 15 ވަނަ ބައްދަލުވުމުގައެވެ.

  • ސިވިލްކޯޓުގެ ގާޒީ އާދަމް އިބްރާޙީމް އިސްމާއީލް
  • ޑްރަގްކޯޓުގެ ގާޒީ ހުސެއިން ޝަހާމަތު މާހިރު
  • ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހީމް
  • ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު
  • މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް
  • ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހްމަދު
  • ކ. ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމާދު ނަސީމް އަލީ
  • ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު
  • ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް
  • ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ހަސަންމަނިކު
  • ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދް އަލީ
  • ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދު
  • ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސާދިޤު
  • ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު
  • ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ޒާހިރު

މިދިޔަ އާދިއްތަ ދުވަހު ޖޭއެސްސީން ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ސަމީރު ވާހަކަ ދެއްކެވުމުން އޭނާއަަށް ފިޔަވަޅު އަޅަން ނިންމައިފައެވެ. އެގޮތުން ގާޒީ ސަމީރަށް ނަސޭހަތް ދިނުމަށާއި ޖޭއެސްސީން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ވަނީ އަންގައިފައެވެ.

މައްސަލަތައް ބެލުމުގައި ދޭންޖެހޭ ސަމާލުކަން ނުދީ، ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމްއާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައެއް ވެސް ބަލަމުންދާކަން ޖޭއެސްސީން ވަނީ މިމަހުގެ 23 ވަނަ ދުވަހު ބުނެފައެވެ.

ޏ. ފުވައްމުލަކު ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމް ހުކުމްކުރެއްވި މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާތައް އިތުރުކުރިކަމަށް ބުނާ މައްސަލަ ބެލުމަށްފަހު އެ މައްސަލަ ސާބިތުނުވާ ކަމަށް ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ.

މިމަހުގެ 16 ވަނަ ދުވަހު ޖޭއެސްސީން ވަނީ، ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހިމްގެ މައްސަލައެއް ވެސް ބަލައި، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ. އެއީ ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއް، މުހައްމަދު އިބްރާހީމްގެ މަސްލަހަތު ފުށުއަރާތީ އެ މައްސަލައިން ތަނާޒުލުވުމަށްފަހު، އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތުގެ ވަކީލުންނަށް ފޮނުވާފައިވާ ކޯޓު އަމުރުތަކުގައި ސޮއިކޮށްފައިވަނީ އިސްމެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް ކަމަށެވެ.

ޖޭއެސްސީން ވަނީ މިމަހުގެ ދިހަވަނަ ދުވަހު ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ނަޝީދާ ގުޅޭގޮތުން ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފައެވެ. އެ މައްސަލައަކީ ކޯޓު އަމުރެެއް ނެރުމުގެ މައްސަލައެކެވެ.

މީގެ އިތުރުން މިމަހުގެ ދިހަވަނަ ދުވަހު ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ ގާޒީ ރިޒްމިނާ އިދްރީސްއާ ގުޅޭގޮތުން ހުށަހެޅި ސްލޫކީ މައްސަލަ ވެސް ސާބިތުނުވާކަމަށް ކަނޑައަޅައިފައެވެ.

މިމަހުގެ ތިންވަނަ ދުވަހު ޖޭއެސްސީން ވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދުގެ މައްސަލައެއް ބެލުމަށް ނިންމައިފައެވެ. އެއީ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައާއި އެ ނިންމުމާ ގުޅޭގޮތުން ނޫސްބަޔާނެއް ނެރުމުގެ މައްސަލައެވެ. އެ މައްސަލައާ މެދު ޖޭއެސްސީން އަދި ގޮތެއް ކަނޑައެއް ނާޅައެވެ.