ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، "ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޝަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އިފްތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ މިއަދު ހަވީރު ޕީއެސްއެމްގެ ޓެލެވިޝަން މޯލްޑިވްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޝަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި އަހަރުގެ ފެބްރުއަރީ މަހުގައި އަމަލީ މަސައްކަތް ފެށުނު އެ މަޝްރޫއުގެ ދަށުން ކުރިއަށްދާނީ ރާއްޖޭގައި ޑިޖިޓަލް ޓީވީ ނެޓްވޯކެއް ގާއިމްކުރުމުގެ މަސައްކަތެވެ.
އެގޮތުން، 2024 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ އެ މަޝްރޫއު ނިމޭ އިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޓީވީ ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 ޕަސަންޓް ސަރަހައްދަށް ފޯރުކޮށްދެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޝަން ބްރޯޑްކާސްޓިން ނެޓްވޯކަކީ ވަރަށް ގިނަ، ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. އޭގެ އެންމެ މުހިންމު ކަމަކީ އެ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ގުދުރަތީ ކާރިސާއެއް ދިމާވާ ހާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ގާއިމުކުރެވިފައިވާކަމެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޝަން ބްރޯޑްކާސްޓިން ނެޓްވޯކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު