ރިސޯޓު ހަދަން ކުއްޔަށް ދޭން އިއުލާނުކުރި 21 ރަށުގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަމެއް ހުށަހަޅައިފިއެވެ.
ރިސޯޓު ހަދަން 21 ރަށެއް ދޫކުރަން އިއުލާނުކުރީ، ދުބާއީގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ރަށްރަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ބަންދުވިއިރު 29 ބީލަން ފޮތް އެކި ފަރާތްތަކުން ގަނެފައިވާއިރު އޭގެ ތެރެއިން 13 ފަރާތަކުން ތަފާތު ނުވަ ރަށަކަށް ބިޑްކޮށްފައެވެ. އެއީ ޖުމްލަ 18 ބީލަމެވެ.
- ހއ. އަތޮޅުގެ ދެ ރަށަކަށް ތިން ބީލަން
- މ. އަތޮޅުގެ ރަށަކަށް ދެ ބީލަން
- ފ. އަތޮޅުގެ ދެ ރަށަކަށް އަށް ބީލަން
- ތ. އަތޮޅުގެ ރަށަކަށް އެއް ބީލަން
- ގއ. އަތޮޅުގެ ރަށަކަށް އެއް ބީލަން
- ގދ. އަތޮޅުގެ ރަށަކަށް ތިން ބީލަން
ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން 18 ބީލަން ހުށަހަޅާފައިވާއިރު، ބީލަން ހުށަހަޅާފައިވާ ރަށްތައް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކުއްޔަށް ދޭން އިއުލާންކުރި ރަށްތަކުގެ ތެރެއިން ގުދުރަތީ ގޮތުން ރީތި އަދި ދަތުރު ކުރަން ފަސޭހަ ރަށްތަކަށް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ބޮޑެތި އަގުތަކެއް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން ހުށަހަޅާފައިވާ އަގުތައް، މިނިސްޓްރީން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޯސްޓްތަކުގެ އެންމެ ދަށް މިންވަރަށް ވުރެ އެވްރެޖްކޮށް 250 ޕަސެންޓް ބޮޑެވެ. އަދި ހުށަހަޅާފައިވާ އެންމެ ބޮޑު އަގަކީ އެ ރަށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އެކުއިޒިޝަން ކޮސްޓަށް ވުރެ 929 ޕަސެންޓް ބޮޑު އަދަދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިފަހަރު ހުޅުވާލާފައިވާ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު އުޅެނީ 200،000 ޑޮލަރާއި 1.5 މިލިއަން ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ބިޑުގައި 60 ޕަސެންޓް ޕޮއިންޓް ލިބެނީ ބޮޑު އަގަކަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހުއްސާން "ވަން" އަށް މިއަދު ވިދާޅުވީ، ދެ ކުންފުންޏަކުން ފިޔަވައި އެހެން ހުރިހާ ބީލަމެއް ހުށަހަޅާފައިވަނީ ދިވެހި ކުންފުނިތަކުން ކަމަށެވެ. އޭގެ ތެރޭގައި މިހާރު އެއް ރިސޯޓު ހިންގާ ކުންފުންޏެއްވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އާ ރަށްތަކުގައި ރިސޯޓް ހަދަން ދޫކޮށްގެން މި އަހަރު ބަޖެޓަށް މުޅިން އަލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) އެވެ. ހުއްސާން ވިދާޅުވީ، މިހާރު ހުށަހަޅާފައި ހުރި ބިޑްތަކަށް ބަލާއިރު އެއަށް ވުރެ 20-30 ޕަސަންޓް އިތުރަށް ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މި އަހަރު ބަޖެޓަށް 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެއެވެ.
ނަމަވެސް ސީދާ އަދަދުތައް އެނގޭނީ އިވެލުއޭޝަން ޕްރޮސެސް ނިމުމުން ކަމަށް ހުއްސާން ވިދާޅުވިއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، އެރަށްތަކަށް ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓް ކުރުމަށް ފަހު އަންނަ އޭޕްރީލް މަހު އެރަށްތައް ބީލަން ކާމިޔާބުކުރި ފަރާތްތަކާ ހަވާލު ކުރާނެ ކަމަށެވެ.
މީގެ ކުރިން ވެސް 16 ރަށެއް ރިސޯޓް ހަދަން ޓޫރިޒަމުން ހުޅުވާލިއެވެ. އެ ރަށްތަކަށް ލިބުނު 13 ބިޑްގެ ތެރެއިން ބީލަން ކާމިޔާބުކުރީ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ކުންފުނިން، ހއ. ވެލިފިނޮޅަށް ހުށަހެޅި ބީލަން އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު