ރާއްޖޭގެ ހަ ރަށެއްގައި އިރުގެ އަލިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުގެ މަސައްކަތް ނިމޭއިރު އަހަރެއްގެ މައްޗަށް ދައުލަތުން ތެލަށް ކުރާ ހަރަދު 55.5 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ އެކްސްލަރޭޓިން ސަސްޓެއިނަބަލް ޕްރައިވޭތު އިންވެސްޓުމަންޓު އިން ރިނިއުވަބަލް އެނާޖީ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި 11 މެގަވޮޓު ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވައި މިއަދު ދެއްކެވި ވާހަކައިގަ އެވެ.

ހަ ރަށެއްގައި ޕަވާ ޕާޗޭސިން އެގްރީމަންޓުގެ ދަށުން 11 މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށް އެންވަޔަރަމަންޓު މިނިސްޓްރީން ހަވާލުކޮށްފައިވަނީ މެލޭޝިއާގެ މެގަ ފަސްޓް ޕަވާ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވާ ޗައިނާ ހުއަޑޮންގ އިންޖިނިއަރިން ކޯޕަރޭޝަން ޖޮއިންޓް ވެންޗާ އާ އެވެ. އަދި މި އެއްބަސްވުމުގެ ދަށުން އުފައްދާ ކަރަންޓް ގަނެވިއްކުމަށް ފެނަކަ ކޯޕަރޭޝަން އާއެކު ޕަވާ ޕާޗޭސިން އެގްރީމެންޓެއް ވަނީ ހަދާފަ އެވެ.

ޝައުނާ ވިދާޅުވީ މިއަދު ސޮއިކުރީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ސޯލާ ޕީވީ ގާއިމުކުރުމުގެ މަޝްރޫއުގައި ކަމަށެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެގެ ސިޓީތައް އެކުލެވޭހެން ޖުމުލަ ހަ ސަރަހައްދެއްގައި 11 މެގަވޯޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވޭނެ ކަމަށާއި އަދި މިއީ ދިވެހި ރާއްޖެ ނެޓް ޒީރޯ ގައުމަކަށް ވާސިލުވުމަށް ކުރެވޭ ދަތުރުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވެސް ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ މި މަޝްރޫއުގެ ދަށުން އިއާދަ ކުރަނިވި ހަކަތައިން އަހަރަކު 18 މިލިއަން ކަރަންޓު ޔުނިޓު އުފައްދާނެ ކަމަށާއި މިއީ ގާތްގަނޑަކަށް 4.8 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވޭނެ ޕްރޮޖެކްޓެއް ކަމަަށެވެ.

މިކަމުގެ ސަބަބުން މިހާރުގެ ތެލުގެ އަގު ހުރި މިންވަރަށް ބަލާފައި އަހަރަކު ގާތްގަނޑަކަށް 55.5 މިލިއަން ދިވެހި ރުފިޔާ ދައުލަތުން ތެލަށް ހޭދަކުރާ މިންވަރުން ކުޑަކުރެވޭނެ ކަމަށްވެސް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ. އަދި މިދައުރު ނިމޭއިރު ޖުމުލަ 55.5 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރާނެ ކަމަށާއި އޭގެ މާނައަކީ ފަސް އަހަރުތެރޭގައި ދައުލަތުން ތެލަށް ހޭދަކުރާ މިންވަރު އެންމެ މަދުވެގެން 225 މިލިއަން ރުފިޔާ އަށް ކުޑަކުރެވޭނެކަން ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު ދުނިޔޭގެ ތެލުގެ އަގު މިވަނީ އެތައް ގުނައަކުން އުފުލިފަ. އެހެންކަމުން ރާއްޖެ ފަދަ ގައުމަކަށް މިފަދަ ދަނޑިވަޅެއްގައި އިއާދަ ކުރަނިވި ހަކަތައަށް އިންވެސްޓުކުރެވޭ ކަމީ ލިބޭ ވަރަށް ބޮޑު އިގުތިސާދީ ފައިދާއެއްވެސް މެ. ދައުލަތުން ހެޔޮ އަގުގަ ކަރަންޓު ފޯރުކޮށްދިނުން ކަށަވަރު ކުރުމަށް އަޅުގަނޑުމެން އެބަ ސަބްސިޑީވެސް ދެން. އެ ސަބްސިޑީއަށް އަޅުގަނޑުމެން ކުރާ ހޭދަވެސް ބޮޑުތަނުން ކުޑަވެގެންދާނެ. އަދި މިކަމުގެ ސަބަބުން މިހާރުގެ ތެލުގެ އަގު ހުރި މިންވަރަށް ބަލާފައި އަހަރަކު ގާތްގަނޑަކަށް 55.5 މިލިއަން ދިވެހި ރުފިޔާ ދައުލަތުން ތެލަށް ހޭދަކުރާ މިންވަރުން ކުޑަކުރެވޭނެ." އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހަ ސަރަހައްދުގައި ސޯލާ ޕީވީ ނިޒާމު ގާއިމުކުރުމަށ ްނިންމާފައިވާއިރު މި ހަ ސަރަހއްދަކީ އައްޑޫ ސީޓި އާއި ފުވައްމުލަށް ސިޓީ އާއި ކުޅުދުށްފުށީ ސިޓީ އަދި ގދ. ތިނަދޫ އާއި ބ. އޭދަފުށީގެ އިތުރުން ޅ. ހިންވަރު އެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ މި ހަ ސަރަހައްދުތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމާއެކީގައި ބެޓެރި ސިސްޓަމްވެސް ގާއިމުކުރެވިގެން ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ މި ޕްރޮޖެކްޓާއެކީގަ އަޅުގަނޑުމެން މިހާރު މިވަނީ ގްރިޑް އަޕްގްރޭޑް ކުރުމަށާއި އަދި ބެޓެރި ސިސްޓަމް ހޯދުމަށް ވެސް އިއުލާންކޮށްފައި. މި ޕްރޮޖެކްޓްތައް މިހެން ހިންގާއިރުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މި ސިޓިތަކާއި އަދި ރަށްރަށުގެ ކައުންސިލްތަކުން މިނިސްޓްރީ އަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށްދިނުމަށް. އަޅުގަނޑު މިހެން ދެންނެވިޔަސް އެނގޭ ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި ކައުންސިލްތަކުން އެއްބާރުލުން ދޭނެކަން." އޭނާ ވިދާޅުވި އެވެ.

ރާއްޖެ ނެޓްޒީރޯ ގައުމަކަށް ބަދަލު ކުރެވޭނީ ބޭރުގެ ފަންނީ އެހީތެރިކާން ވަރަށް ބޮޑަށް ލިބިގެންކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ މި ދަނޑިވަޅުގައި ވޯލްޑް ބޭންކުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއި އަދި ހިލޭ އެހީ ވަރަށް ބޮޑަށް ބަލައިގަނެ އެކަމަށްޓަކައ ޝުކުރު އަދާކުރާ ކަމަށެވެ. މި މަސައްކަތް ނިންމުމަށް އެންމެ މުހިންމު ދައުރެއް އަދާކުރނީ ފެނަކަ ކޯޕަރޭޝަނުން ކަމަށާއި އެކަމަށްޓަކައި ފެނަކައިގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރާ ކަމަށްވެސް ޝައުނާ ވިދާޅުވި އެވެ.