ގަލޮޅު ސިނަމާލެ ފްލެޓު ކައިރީގައި، (ތައިސޭކޮށީގައި) އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓުން މާލޭ ސިލީކައުންސިލަށް ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، އެ ފުޓްސަލް ދަނޑުތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އީވާ މިނިސްޓަރު މަހުލޫފާ ސުވާލު ކުރެއްވީ، މާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ގަލޮޅު ސިނަމާލެ ފްލެޓު ކައިރީގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތުގެ ފައިސާ ދޫކުރުމަށް 20 ޑިސެންބަރު 2021 ގައި ސްޕޯޓްސް މިނިސްޓްރީ އާއި މާލޭ ސިޓީކައުންސިލްގެ އިދާރާއާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި، ސޮއިކުރާތާ 20 ދުވަހުގެ ތެރޭގައި އެ ފައިސާ މާލޭ ސިޓީކައުންސިލަށް ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ފޮނުވަންވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، އެ ފައިސާ ދޫކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، އެ ތަނުގައި ހެދުމަށް ހަމަޖެހިފައިވަނީ ދެ ފުޓްސެލް ދަނޑު ކަމަށާއި، މަސައްކަތް ކުރުމަށް މާލޭ ސިޓީކައުންސިލާއި ހަވާލުކޮށް އެ ދެ ފުޓްސަލް ދަނޑު ތަރައްގީ ކުރުމަށް ބޭނުންވާ އަގު ކަމަށް ކައުންސިލުން ހުށަހަޅުއްވާފައިވާ 2.7 މިލިޔަން ރުފިޔާ މާލޭސިޓީކައުންސިލަށް ޖަމާ ކުރުމަށް، 30 ޑިސެމްބަރު 2021 ގައި ފިނޭސްމިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް ޕޯސްޓް ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން މި ފައިސާ 2021 އަހަރުގެ ބަޖެޓުން ދެއްކޭގޮތް ވެފައިނުވާތީ، މި ހިނގާ 2022 ވަނަ އަހަރުގެ ބަޖެޓުން މި މަސައްކަތުގެ ފައިސާ ސިޓީކައުންސިލަށް ޖަމާ ކުރުމަށް 10 މާޗް 2022 ގައި ވަނީ އެ މިނިސްޓްރީއަށް ޕޯސްޓް ކޮށްފައިވާ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.