މީގެ 78 އަހަރުކުރިން 1944 ވަނަ އަހަރުގެ މާރޗް 27 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ބަދަލުވުމަށް މެދުވެރިވި އެންމެ ބޮޑު ހާދިސާ ހިނގި ދުވަހެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ. ދިވެހި ދައުލަތް ހިންގަވަމުން ގެންދެވީ ހަސަން ފަރީދެވެ. އެއީ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދަރިކަލުންނެވެ. ރަންނަބަނޑޭރި ކިލެގެފާނު ހުންނަވަނީ މިސްރުގައެވެ. އެކިލެގެފާނުގެ ނަންފުޅުމަތީގައި ދައުލަތް ހިންގަވަނީ ހަސަން ފަރީދެވެ. އެމަނިކުފާނުގެ އިސް އެހީތެރިޔަކީ އަތިރީގޭ މުހައްމަދު އަމީނެވެ. އަމީނަކީ ހަސަން ފަރީދުގެ ދެބެއިންގެދަރި ކޮއްކޮައެވެ. މި ދެބެއިންވެގެން ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅުގައި ހެއްދެވުނު އެއްޗެއް ހައްދަވަމުން ގެންދެވީއެވެ.
އައްޑުއަތޮޅުގައި ހިނގި ސިޔާސީ ފުރަތަމަ ގަޑުބަޑުގެ ކަންކަން ހަމަޔަކަށް އެޅުއްވުމަށް އެއަތޮޅަށް ވަޑައިގެންފައި އެނބުރި މާލެއަށް ވަޑައިގެންނެވި މަގުމަތީގައި ރާއްޖޭގެ މެދުތެރެއިން އިނގިރޭސި މަނަވަރަކާއި ދިމާވެގެން ހަސަން ފަރީދު ގަސްތު ކުރެެއްވީ މާލެ ވަޑައިނުގެން އެ މަނަވަރުގައި ސިލޯނުގެ ވެރިރަށް ކޮޅުނބަށް ވަޑަައިގަތުމަށެވެ. އަރިހުގައި ތިއްބެވި ބޭކަލުންގެ ތެރެއިން ޑާޑާ ކާސިމުމެން މާލެއަށް ފޮނުއްވާލައްވައިފައި ހަސަން ފަރީދު އަރައިވަޑައިގެންނެވީ މަނަވަރަށެވެ. މަނަވަރުގެ ނަމަކީ އެޗްއެމްއެސް މާލޮއީއެވެ. އެއީ އިނގިރޭސި ކަނޑުގެ ސިފައިންގެ ޓްރޯލާއެކެވެ. އެމަނަވަރު ސިލޯނާއި ނުހަނު ގާތުގައި ހުއްޓައި ޖަރުމަންވިލާތުގެ ސަބްމެރީނަކުން ފޮނުވައިލި ޓޮރްޕިޑޯއަކުން މަނަވަރު ފެތި އޭގައި ތިބި އެންމެން މަރުވީއެވެ. ހަސަން ފަރީދުވެސް ހިމެނޭގޮތުންނެވެ.
މި ހަމަލާދިން ސަބްމެރީނުގެ ނަމަކީ ޔޫ 510 އެވެ. އޭގެ ކޮމާންޑަރަކީ ކެޕްޓަން އަލްފްރެޑް އެއިކެވެ. ވަރަށް ގިނަ ދުވަހު ދުނިޔޭގައި ހުއްޓެވެ. މަރުވީ އުމުރުން ނުވަދިހަނުވަ އަހަރުވީ ފަހުން 2015 ގައެވެ. ކޮންމެއަކަސް އޭނާގެ އަމުރަށް އެޗްއެމްއެސް މާލޮއީ ފައްތައިލުމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ އެކި ކަންކަމުގެ ތެރެއިން ވަރަށް އާދައިގެ ކަމެކެވެ. އެހެންނަމަވެސް އެއީ ދިވެހިރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްދިން ހަމަލާއެކެވެ. އެ ހަމަލައިން އަސަރުކުރީ ޖުމްލަގޮތެއްގައި ދެވަނަ ބޮޑު ހަނގުރާމަޔަކަށް ނޫނެވެ. އަސަރުކުރީ ދިވެހިރާއްޖޭގެ ކުރިމަގަށެވެ. އަބަދުގެ އަބަދަށް ބަދަލުވެގެންދިޔައީ ދިވެހިރާއްޖެއެވެ. އެ ހަމަލަ ނުދިންނަމަ، އެހެން ނުވިނަމަ، ހަސަން ފަރީދު ދުނިޔޭގައި ހުންނެވިނަމަ، މިހެންގޮސް ނަމަނަމައިގެ މައްޗަށް ވަރަށް ޝައުގުވެރިކުރަނިވި ބަހުސެއް ކުރެވިދާނެއެވެ.
މުހައްމަދު އަމީނަށް ވެރިކަމުގެ ބާތުތައް ލިބިވަޑައިގަތީ ހަސަން ފަރީދު އަވަހާރަވުމުންނެވެ. ހަސަން ފަރީދު ދުނިޔޭގައި ހުންނެވިނަމަ އޭގެފަހުން ދިވެހިރާއްޖޭގެ ސިޔާސީ ނަވުގެ މިސްރާބު ތަފާތުވުމަކީ ނުހަނު އެކަށޭނަ ކަމެކެވެ. ހަސަން ފަރީދާއި މުހައްމަދު އަމީނުގެ ވިސްނުންފުޅާއި ކަންކަން ކުރެއްވުމުގެ ވައްޓަފާޅި ވަރަށް ތަފާތެވެ. ހަސަން ފަރީދު ހުންނެވިނަމަ މުހައްމަދު އަމީނު އެކުރެެއްވި ކަންކަމަށް ޖާގަލިބުނީސްބާވައެވެ. ޖުމްހޫރީ ދައުރު ގެނެވޭނޭ ބާވައެވެ. ތައުލީމު އާއްމު ކުރެވޭނޭ ބާވައެވެ. މިނިވަންކަމާއި ދިމާލަށް ދިވެހިން ކުރި ދަތުރުގެ މިސްރާބު އެގޮތަށް ސީދާކުރެވޭނެ ބާވަަައެވެ. ދެކުނުގެ ބަޣާވާތަށް ޖާގަ ލިބުނީސްބާވައެވެ. މިހެންގޮސް ބައިވަރު ބައިވަރު ބާވައެވެ. މިބަހުސް ނިމޭއިރު ޔޫބޯޓު ކޮމާންޑަރަށް ސާބަހޭ ބުނަން ޖެހިލުންނުވާ ބަޔަކުވެސް ތިބެދާނެއެވެ.
ގައުމުތަކުގެ ބާރުގަދަ ޚުދުމުޚުތާރު ވެރިން އަވަހާރަވީމާ އެގައުމުތަކުގެ ތާރީޚު ބަދަލުވެގެންދާގޮތުގެ މިސާލުތައް ދުނިޔޭގެ ހަތަރު ބިތަށް ބަލައިލީމާ އެހެރީ ޗާލުކޮށް ފެންނާށެވެ. ޗައިނާގެ ވެރިކަމުގައި މާއޯ އަދިވެސް ހުންނެވިނަމަ ކޮންމެވެސް ކަލްޗަރަލް ރިވޮލިއުޝަނަކާއި ދިގު ހިނގުމަކުން ނެއްޓިގެން ޕްރޮގްރެސިވް މަގަކުން ކުރިއަށް ދެވޭނޭ ކަމަކަށް ނުފެނެއެވެ. ސީރިޔާގެ ވެރިކަމުގައި ހާފިޒު އަސަދު އަދިވެސް ހުންނެވިނަމަ އަހުލީ ހަނގުރާމަޔަކަށް ޖާގަ ނުހުޅުވުނީސްކަން ކަށަވަރެވެ. އެހެންވީމާ ހަސަން ފަރީދުވެސް އެހާ އަވަހަށް އުމުރުފުޅުން އެންމެ 43 އަހަރުގައި އަވަހާރަ ނުވިނަމަ ދިވެހިރާއްޖެ މުޅިން ތަފާތު ރާއްޖެއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ހަސަން ފަރީދުގެ ހަރުކަށިކަމާއި ޒަމާނީ ބަދަލުތަކާއި ދެކޮޅުހެއްދެވުން ބޮޑުކަމީ އެންމެންވެސް ދެނެތިބި ހަގީގަތެކެވެ.
ހަސަން ފަރީދު އަވަހާރަވުމުގެ ޒިންމާ އެޅެނީ ސަބްމެރީން ކޮމާންޑަރުގެ ބޮލުގައި ކަމަށްވިޔަސް ދިވެހި ދައުލަތް ހިންގެވުމާއި ދެން ހަވާލުވެވަޑައިގެންނެވި މުހައްމަދު އަމީނުގެ ރައުޔު ވަރަށް ތަފާތެވެ. އަމީނު ގަބޫލުކުރެއްވީ އެކަމަކީ އައްޑޫ ބަޔަކު ރޭގަނޑު ބިގަރު ދިއްލައިގެން ތިބެ ސިހުރު ހާހޫރަހަދައި ފެންމަތުރައި މިޒާތަކުން ކުރި ކަންކަމުގެ ނަތީޖާ ކަމުގައެވެ. އެތައް ބަޔަކު މާލެ ގެނެސް ސަރިޔަތް ހިންގައި ބައެއް މީހުން މަރައި އަދަބުދީ ހެދީ މިދެންނެވި ބައްޓަމުގެ ދައުވާއެެއް ކުރުމަށްފަހުގައެވެ. ދައުވާ ވަރަށް ސާފެވެ. ހަނގުރާމަޔަށް ޒިންމާވާން ޖެހެނީ ސިހުރު ހެދިކަމަށް ބުނާ މީހުންނެވެ. ހިރޮޝީމާޔާއި ނަގަސާކީއަށް ނިއުކުލިއަރ ބޮން އެޅުމުގެ ޒިންމާ އުފުލަންޖެހެނީވެސް އެމީހުން ތޯއްޗެކެވެ. ކޮންމެއަކަސް އެއީ އެދުވަސްވަރުގެ ސިޔާސީ ވިސްނުމެވެ. ހިތާމަވެރި ހާދިސާތައްވެސް ސިޔާސީ ކުރެވޭ ހަމައެވެ.
މިއީ 29 މާޗް 2022ގައި މި ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު