ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު، އައްޑޫ ސިޓީ މީދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މީދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި ނެރު ފުންކުރުމާއި ސޭންޑް-ފިލް ބްރޭކްވޯޓާ ހެދުމާއި 115 މީޓަރުގެ ބޭރުތޮށީ ޖެހުމާއި 496 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.
މި ބަނދަރު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އައްޑޫ ސިޓީ ކައުންސިލާ ބަނދަރު ހަވާލުކޮށްދެއްވައިފައެވެ.
ރައީސް ސޯލިހު މިއަދު ވަނީ ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި ބަނދަރުގެ މަސައްކަތްކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ. ހުޅުދޫ ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 624 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 114 މީޓަރުގެ ބްރޭކްވޯޓާ ޖެހުމާއި 742 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ހުޅުދޫގައި ހުންނަ ޑުރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު "ވިލުނު" އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފައެވެ.
އެތަނަކީ ދެކުނު ސަރަހައްދަށް އަމާޒުކޮށް ޑުރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކޮށްފައިވާ ތަނެކެވެ. މިތަނުގައި 60 މީހުންގެ އިންހައުސް ކެޕޭސިޓީ ހިމެނޭއިރު މިތަނުން ދެވޭ ފަރުވާ ޕްރޮގްރާމް ފަރުމާކުރެވިފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންސީގެ އެހީގެ ދަށުންނެވެ. މިތަނުން ދެވޭ ފަރުވާގެ ތެރޭގައި ޑިޓޮކްސިފިކޭޝަން ޓްރީޓްމަންޓް، ރެސިޑެންޝިއަލް ޓްރީޓްމަންޓް، ކޮމިއުނިޓީ ރިހެބިލިޓޭޝަން އަދި ރީ އިންޓަގްރޭޝަން ފަރުވާ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު