(21 މާޗުގެ އަދަދާ ގުޅޭ)
އުލުލްއަމްރުގެ މުރާދަކީ މުސްލިމުންގެ ޚަލީފާއިންގެ ނުވަތަ އަމީރުންކުރެ މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ ޙުކުމްތައް ތަންފީޒުކުރައްވާ އިމާމެވެ. އެ އުންމަތުގެ ނިޒާމު ޤާއިމުކުރައްވާ އިމާމެކެވެ ނުވަތަ ޚަލީފާއެކެވެ. ނަބަވީ މަންހަޖުގައިވާ ގޮތުގެމަތީން ހުއްދަ ގޮތުގައި ވެރިކަމަށް ހޮވިފައިވާ ނުވަތަ ޢައްޔަންކުރެވިފައިވާ އަމީރެކެވެ. އަމީރަށް ކިޔަމަންވާންޖެހޭނީ މި ޝަރުޠު ފުރިހަމަވާކަމުގައި ވާނަމައެވެ. ނަމަވެސް އެވެރިޔަކު ވެރިކަމަށް އިސްވެވަޑައިގެންނެވި އިސްވެވަޑައިގެންނެވުމަކީ މިންހާޖުއްނުބުއްވަތާ އިދިކޮޅު ކަމެއްކަމުގައިވާނަމަ އެވެރިޔަކަށް ކިޔަމަންވުމެއް ނެތެވެ. އެވެރިޔަކު މާތް اللّــه ގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތުގެ ޙުކުމްތައް ތަންފީޒުކުރެއްވުމުގެ ބަދަލުގައި ހުޅަނގުގެ ޤާނޫނުތައް ނުވަތަ ހުޅަނގުގެ ޤާނޫނުތައް ކޮޕީކޮށްގެން ހަދައިފައިވާ އިސްލާމީ ތައްގަނޑަށް ނުފެތޭ ޤާނޫނުތައް ތަންފީޒުކުރައްވައި ހުޅަނގުގެ ޤައުމުތަކެކޭ އެއްގޮތަށް މުންކަރާތްތަކާއި އޮރިޔާންކަމާއި ލަދުހުތުރުކަން ފަތުރުއްވަމުން ގެންނަވާކަމުގައިވާނަމަ އޮތް ޙުކުމަކީ "لاطـاعــة لمـخلـــوق فــى معـصيــة الـخـالــق" އެވެ. އާދެ، ޚާލިޤަށް އުރެދެވޭކަމެއްގައި މަޚްލޫޤަކަށް ބޯލެނބުމެއްވެސް ކިޔަމަންވުމެއްވެސް ނެތެވެ. އުލުލްއަމްރަށް ކިޔަމަންވުމުގެ އަމުރުފުޅު އޮތީ اللّــه އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމުގެ އަމުރުފުޅާ ޖެހިގެން ފަހަތަށެވެ. އުލުލްއަމްރު ވާންޖެހޭނީ اللّــه އާއި އެކަލާނގެ ރަސޫލާގެ ކިޔަމަނުގައިވާ ވެރިޔަކަށެވެ. އޭނާއަށް ކިޔަމަންވުމަކީ اللّــه އާއި ރަސޫލާގެ އަމުރުފުޅަށް ކިޔަމަންވުމުގެ ފަހަތުގައި އޮތްކަމެކެވެ. އުލުލްއަމްރަކީ ތަންފީޒީ ބާރެކެވެ. އަމުރުވެރިކަމާއި ޤާނޫނު އެކަށައެޅުއްވުމުގެ މުޠުލަޤު ބާރު ލިބިވޮޑިގެންވަނީ ޚާލިޤަށެވެ. މާތް اللّــه އާއި އެކަލާނގެ ރަސޫލާއަށް އުރެދިވަޑައިގެންހުންނެވި އަމީރަކު ރައްޔިތުންގެ ކިބައިން އޭނާއަށް ކިޔަމަންވާން އެދިވަޑައިގެންނެވުމާއި އޭނާގެ ސަރުކާރު ބަދަލުކުރާން ހިތަށްވެސް ނުގެންނާން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވުމަކީ އަމީރަށް އެކަމެއްގެ ކުޑަވެސް ޙައްޤެއް ލިބިވަޑައިގެންފައިވާ ކަމެއްނޫނެވެ.
ކީރިތި ޤުރްއާނުގައި ވެރީންނަށް ކިޔަމަންވުމުގެ އަމުރުފުޅާ ގުޅިގެން އަންނަނީ "فَـإِن تَـنَــازَعُــتُــــمْ" މިބަސްފުޅެވެ. އެހެންކަމުން ވެރީންނާ ދެބަސްވާންޖެހޭ މައްސަލަތަކުގައި ވެރީންނާ ދެކޮޅަށް ޢާންމު އިޙްތިޖާޖުވެސް ކުރެވިދާނެއެވެ. ނަމަވެސް އެކަމުގައި ރަނގަޅު ނުރަނގަޅު ނުވަތަ ޞައްޙަ ނުޞައްޙަކަން ނިންމާނީ ޝަރްޢީ މަރްޙަލާތަކުންނެވެ. އެހެނީ އެކަލާނގެ އަންގަވައިފައިވަނީ "فَـإِن تَـنَــازَعُــتُــــمْ فِــى شَـىْءٍ فَــرُدُّوهُ إِلَـــى اللّــهِ وَالــرَّسُـــولِ" (الـنّسـاء: 59) މިފަދައިންނެވެ.
ޝަރީޢަތަކީ މިންގަނޑެއްކަމުގައި ބައްލަވަން ވެރީން އެއްބަސްވެވަޑައިނުގެން ބާރުގެ ބޭނުންކުރައްވައިގެން ރައްޔިތުން ބޯލަންބުވަން ދިމާކުރައްވައިފި ކަމުގައިވާނަމަ ވާނީ މަޖްބޫރީގެ ޙާލަތަކަށެވެ. އެފަދަ ޙާލަތެއްގައި އިންޤިލާބީ ފިޔަވަޅެއް އަޅާނީތޯ ނުވަތަ ހިމޭންކަން ޚިޔާރުކުރާނީތޯ އިޖްތިހާދު ކުރެވިދާނެއެވެ. ގޮށްމުށު ބާރާއި ގަދަބަދަވިކަން ނައްތައިލުމުގެ މަސައްކަތް ކާމިޔާބީއާ ހަމަޔަށް ގެންދެވުމުގެ އެކަށޭނަކަން އޮތްކަމުގައިވާނަމަ އެގޮތުގައި ފިޔަވަޅު އަޅަމުން ކުރިޔަށް ދެވިދާނެއެވެ. ނަމަވެސް ނަތީޖާއަކީ ހަމައެކަނި ލޭއޮހޮރުން ކަމުގައިވެފައި މުސްލިމުންގެ ލޭތަކެއް ނަތީޖާއެއް ނުނެރެވި އޮހޮރައިލެވުންކަމުގައިވެފައި ކާމިޔާބުވުމުގެ އުންމީދެއް ނެތްކަމުގައިވާނަމަ އެކަށޭނަ ވަގުތަކަށް ބަލަބަލައި ތިބެވިދާނެއެވެ. އަރަހުށި މާތް اللّــه ކާމިޔާބީގެ އެކަށޭނަކަން އުފައްދަވައިދެއްވައިފުމަށްދާންދެން އިންތިޒާރު ކުރެވިދާނެއެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ އަންނަނިވި ޙަދީޘްފުޅުގެ މުރާދަކީ މިދެންނެވީއެވެ.
"މުންކަރާތެއް ދެކެފި މީހާ އޭނާގެ އަތުގެ ބާރުން އެކަން ބަދަލުކުރާހުށިކަމެވެ. އެކަމުގެ އެކަށޭނަކަން ލިބިފައި ނުވާނަމަ ތިމާގެ ދުލުން އެކަމުގެ ނުބައިކަން ފާޅުކުރާހުށިކަމެވެ. އެވަރުވެސް ނުކުރެވުނުކަމުގައިވާނަމަ ތިމާގެ ހިތުން އެއީ ނުބައިކަމެއް ކަމުގައި ބަލާހުށިކަމެވެ. އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ."
ޝައްކެއްނެތެވެ. ކީރިތި ޤުރްއާނާއި ނަބަވީ ޙަދީޘްފުޅުތަކުގައިވަނީ އަމީރަށް ކިޔަމަންވާން އަމުރުކުރައްވައިފައެވެ. ނަމަވެސް ކިޔަމަންވާންޖެހެނީ އެ އަމީރެއްގެ ފަރާތްޕުޅުން ފާޅުވެގެންހުރި ކުފުރުގެކަމެއް (ޢަމަލުން ނުވަތަ ބަހުންވިޔަސް) ފާޅުވަމުން ނުދާ އަމީރުންނަށެވެ. މިސާލެއްގެގޮތުން މުސްލިމުންގެ އަމީރަކު އިސްލާމީ ޝަރީޢަތަކީ މިޒަމާނުގައި ޢަމަލުކުރެވުން އެކަށީގެންވާ ގޮތެއް ނޫނޭ ވިދާޅުވެއްޖެކަމުގައިވާނަމަ އެބޭފުޅަކަށް އެވިދާޅުވެވެނީ ފާޅުވެގެންހުރި ކުފުރުގެ ބަސްފުޅެކެވެ. (ހަމައެފަދައިން ޤުރްއާނާއި ޙަދީޘް ފިޔަވައި ތިންވަނަގޮތެއް މިޒަމާނަށް ބޭނުމޭ ވިދާޅުވެއްޖެނަމަ އެބޭފުޅަކީވެސް އިމުން ބޭރަށް ނުކުމެވަޑައިގެން ހުންނެވި ވެރިޔެކެވެ.) ފާސިޤުކަމާއި، ފާފަވެރިކަމާއި ލަދުހުތުރުކަން ހުއްދަ ކުރެއްވުމާއި ރަމަޟާންމަހު ރޯދަ ހިފުމަކީ ބޭނުންކަމެއް ނޫނޭ މިފަދަ ބަސްފުޅެއް ވިދާޅުވުމާއި، ނަބަވީ ސީރަތަށާއި ސުންނަތަށް ހަޖޫ ވިދާޅުވެ ފުރައްސާރަކުރެއްވުމާ މިހިރީ ހައްތާވެސް ފާޅުވެގެންހުރި ކުފުރެވެ. މިޒަމާނުގެ އިސްލާމީ ވެރީންކުރެ ވަރަށްގިނަ ބޭފުޅުންގެ ފަރާތްޕުޅުން މިބާވަތުގެ ވާހަކަފުޅުތައްދަނީ އަޑުއިވެމުންނެވެ.
މުސްލިމެއްގެ އަގުހުރި ފުރާނަޔަށް ގެއްލުންދިނުމަކީވެސް ފާޅުވެގެންހުރި ކުފުރެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ގެ ޙަދީޘްފުޅެއްގައި ވެއެވެ. މުސްލިމަކަށް ހަޑިހުތުރު އެއްޗެހި ގޮވުމަކީ ފާސިޤު ކަމެކެވެ. މުސްލިމަކާ (ނުޙައްޤުން) ހަނގުރާމަ ކުރުމަކީ ކުފުރެވެ. (ބުޚާރީ، މުސްލިމު)
عبـداللّــه بــن عــمــر رضى اللّــه عنـهــما އަށް ނިސްބަތްވާ މަރްފޫޢު ބަސްފުޅެއްގައިވެއެވެ. "އެންމެ މުސްލިމަކު ޤަތުލުވުމާ އަޅައިބަލާއިރު މުޅިދުނިޔެ ފަނާކުރުމަކީވެސް މާތް اللّــه ގެ ޙަޟުރަތުގައި މާ އާދައިގެ ކަމެކެވެ."
ޙައްޤު ބަސްބުނާ ނުވަތަ އިސްލާމީ ނިޒާމު ހިންގަން އެދޭމީހުން ޤަތުލުކުރެއްވުމަކީ މިޒަމާނުގެ އިސްލާމީ ވެރީންގެ އަރިހުގައި ވަރަށް އާދައިގެ ކަމެކެވެ. ދީނުގެ އަޑުއުފުލާ މީހުންނަކީ ހައްދުފަހަނަޅައިފައިވާ ނިރުބަވެރީންކަމުގައި ކަނޑައެޅުއްވުމަކީ ވަރަށް ޢާންމު ކަމެކެވެ. ކުޑަވެސް ހިތެއް ފިތެއްނެތި އެފަދަ މުސްލިމުން ދަންޖައްސާ ފިލާގަނޑަށް އެރުވުމުގެ ބޮޑު ފާފަޔަށް އެބޭފުޅުން އަރައިވަޑައިގަންނަވައެވެ. އެބޭފުޅުންނަށް އެ ވެވަޑައިގެންނެވެނީ ޤިޔާމަތްދުވަހުގެ ނުހަނު ވޭންހުރި ޢަޒާބުގެ ޙައްޤުވެރީން ކަމުގައެވެ. ދުނިޔެމަތީގައި ކުރެވޭ ހުރިހައި ފާފަތަކެއް އެއްކޮށްލިކަމުގައިވިޔަސް މުސްލިމެއްގެ ޤަތުލާ އަޅައިބަލާއިރު އެއީ ވަރަށް ކުޑަކުޑަ ކަމެކެވެ.
އިސްލާމީ ވެރީންނާ ދެކޮޅަށް ނުކުތުމާއި އެބޭފުޅުންނާ ދެކޮޅަށް ޢަމަލީގޮތުން ޙަރަކާތްތެރިވުމަކީ އިޖްތިހާދުކުރާންޖެހޭ ކަމެކެވެ. އެބޭފުޅުންނަކީ އަނިޔާވެރި ގަދަބަދަވި ބޭފުޅުންކަމުގައިވިޔަސްވެހެވެ. ލެޔަށް ފެންބޮވައިވަޑައިގެން ތިއްބަވާ އަމީރުންކަމުގައި ވިޔަސްވެހެވެ. އެންމެކުރީ ޤަރްނުގެ ތާރީޚުގެ ފަތްފުށްތަކަށް ނަޒަރު ހިންގާއިރު ޢާލިމުންނާއި ޞާލިޙުންގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ތަފާތު ރަވައްޔާތައް ފެނެއެވެ. ދީނީ ބައެއް ބޭކަލުން ޙައްޤަށް ތަބާވެވަޑައިގެން ޙައްޤަށް ނަޞުރު ދެއްވުމުގެ ޖޯޝުގައި ވަނީ ފުރާނަފުޅާ ކުޅުއްވައިފައެވެ. ރަނގަޅު ޞާލިޙު ނިޒާމެއް ތަންފީޒުވަމުންދާތަން ދެކެވަޑައިގެންނެވުމުގެ އެދުންފުޅުގައެވެ. ބައެއްފަހަރު މާތްމާތް ބޭބޭކަލުން ހަނުހިމޭނުން އިށީނދެވަޑައިގެން ތިއްބެވިތަންވެސް ވަނީ ފެނިފައެވެ. ހަނގުރާމައާއި ލޭއޮހޮރުވުމުން އެއްކިބާވެވަޑައިގެންނެވުމުގެ ބޭނުންފުޅުގައެވެ. އެބޭކަލުން ދީނާ ގުޅުންހުރި އެހެނިހެން ބާވަތްބާވަތުގެ ކަންކަމުގައި މަޝްޣޫލުވެވަޑައިގެންނެވީއެވެ. الخــلفــاء الــرّاشــدون އަށްފަހު މުލޫކިއްޔަތުގެ ދައުރު ފެށުމުން އޭގެ ރައްދު ޢަމަލެއްގެގޮތުން ބައެއް ބޭކަލުން ތަފާތު ރަވައްޔާތައް ޚިޔާރުކުރެއްވިތަންވެސް އަޅުގަނޑުމެންނަށް ފެނެއެވެ. ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވި ބޭބޭކަލުން ނުކުމެވަޑައިގެންނެވީ އިސްލާމީ ސިޔާސަތުގެ ރޭލު ރަނގަޅު ދަގަނޑުން ކައްސައިލިތަން ފެނިވަޑައިގެންނެވުމުން ހިތްޕުޅު އޮބިނޯވެގެންނެވެ. ހަނުހިމޭނުން ތިއްބެވި ބޭކަލުން އެގޮތުގައި ތިއްބެވީ އެރޭލު އަލުން އަނބުރައި ރަނގަޅު ދަގަނޑަށް އެރުއްވެވުމުގެ އެކަށޭނަކަމެއް ނެތްކަމުގައި ހީފުޅުކުރެއްވެވިގެންނެވެ. ބޭކާރުގޮތެއްގައި އެތަކެއްހާސް ބަޔެއްގެ ލޭ އޮހޮރިގެން ހިނގައިދާނެތީ ބިރުފުޅުންނެވެ. ނަމަވެސް އިސްލާމީ ޚިލާފަތު މުލޫކިއްޔަތަށް (ރަސްކަމަށް) ބަދަލުވުމަކީ ރަނގަޅު ގޮތެއްކަމަކަށް އެއިން އެއްވެސް ބޭކަލަކު ކަނޑައެއް ނާޅުއްވައެވެ.
ނަބީބޭކަލަކު ނުވަތަ ރަސޫލު ބޭކަލަކު ދުނިޔޭގައި ހުންނަވަނިކޮށް އެބޭކަލެއްގެ ޤައުމުގެ އެހެންމީހަކަށް އެޤައުމެއްގެ އަމީރަކަށް ނުވެވޭނެއެވެ. އެބޭކަލަކު ދުނިޔޭގައި ހުންނެވުމުގެ ޝަރަފު އެޤައުމަކަށް ލިބިފައިވާހައި ދުވަހަކު އެޤައުމެއްގެ އަމީރަކީވެސް އަދި ޚަލީފާއަކީވެސް އެބޭކަލެކެވެ. މުޠާޢަކީވެސް މަލިކަކީވެސް އެބޭކަލެކެވެ. داؤد عـلــيـه السّـلام ގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ ނަބީރަސޫލެއްގެ ހައިސިއްޔަތުންނެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު