މިދިޔަ ހުކުރު ދުވަހު އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް އިން ބޭއްވި 'ނޭވާހޮޅިއަށް' މުޒާހަރާއިން ހައްޔަރުކުރި މީހުންނަކީ އިންޑިއާގެ އޯޑަރަށް ހައްޔަރުކުރި ބައެއް ކަމަށް ބުނެ، އެ މީހުން ދޫކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމެވެ.
މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވީ، އިންޑިއާ މިލިޓަރީ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް، މިދިޔަ ހުކުރު ދުވަހު ބޭއްވި ސުލްހަވެރި އިހުތިޖާޖުގެ ތެެއިން ސަރުކާރާއި، އިންޑިއާގެ އަމުރަށް އެތައް ބަޔަކު ހައްޔަރުކޮށް އަނިޔާ ދެމުންދާ ކަމަށެވެ. އެގޮތަށް 17 މީހަކު ހައްޔަރުކޮށް ދޫނިދޫ ޖަލުގައި، ބައިތިއްބައިގެން، ބިޑިއަޅުވައި އަނަިޔާކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި މަޖިލިސް މެންބަރުންނާއި، ރައްޔިތުން އިންތިހާބު ކޮށްފައިވާ ފަރާތްތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
އެ މުޒާހަރާއިން ހައްޔަރު ކުރި 17 މީހުންގެ ތެރެއިން ނުވަ މީހުން އަދިވެސް ވަނީ ބަންދު ކޮށްފައި ކަމަށާއި، އެމީހުން ވަގުތުން ވަގުތަށް މިނިވަންކުރުމަށް ގޮވާލާ ކަމަށްވެސް ވިދާޅުވިއވެ.
ޝިޔާމު ވިދާޅުވީ، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގަކަށް ވީއިރު އެ ހައްގުތައް ހަނިކޮށް ނިގުޅައިގަނެފައިވާ ކަމަށެވެ.
އެއާއެކު ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކާމެދު ވަރަށް އަނިޔާވެރިކޮށް އަމަލު ކުރަމުންދާކަމަށާއި، އެތަނުގެ ތެރޭގައި ބޭރަށް ހިންގުންފަދަ ބަލިތައް ފެތުރެމުންދާއިރު ތަނުގެ ސާފުތާއިރުކަމާއި، އެފަރާތްތަކަށްދޭ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުވެސް ހުރީ ވަރަށް ދަށުދަރަޖައިގައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ޖަލުގެ ހާލަތު ރަނގަޅުކޮށް، ސަރުކާރާއި، އިންޑިއާގެ އަމުރަށް ހައްޔަރުކޮށްފައި ތިބި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް ޝިޔާމް ވަނީ ގޮވާލައްވައިފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ތަޅުމުގައި ބަހުސްކުރަން ފަންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 34 މެންބަރުންގެ ތެެރެއިން މައްސަލަ ހުށަހެޅުއްވި ޝިޔާމްއާއެކު ޖުމުލަ ތިން މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލުމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ. މި މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސްކުރަން 15 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު