ސާބިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސާބިއާގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު މައުސޫމް ސާބިއާގެ ބެލްގްރޭޑަށް ކުރައްވަމުންގެންދަވާ ދަތުރަކީ ސާބިއާގެ މިނިސްޓާ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ ދައުވަތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރެކެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސާބިއާ ދެމެދު އޮންނަ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަމަށާއި ދެ ވަޒީރުންވެސް ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރިއާއި އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމުކަމަށް އަލި އަޅުއްވާލައްވައި ވާހަކަދެއްކެވި ކަމަށް ޓޫރިޒަމުން ބުނެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު މައުސޫމްގެ އިތުރުން އިތުރުން ނެޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަބްދު الله ނަޝީދާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ނީޝާ ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ.
ސާބިއާގެ މިނިސްޓަ އޮފް ޓްރޭޑް، ޓޫރިޒަމް އެންޑް ޓެލެކޮމިއުނިކޭޝަންސް ޓަޓިޔާނާ މަޓިޗްގެ އިތުރުން ސްޓޭޓް ސެކްރެޓަރީ ޒިކިޗާ ނެސްޓޮރޮވިޗާއި އެސިސްޓަންޓް މިނިސްޓަރު ޖެލޭނާ މިލެންކޮވިޗާއި، ހެޑް އޮފް ކެބިނެޓް ޑޮބްރިނާ ޖުކޮވިޗް ވެސް ބައިވެރިވެވަޑައިގަތެވެ.