އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާ ދެބޭފުޅުންގެ ތެރެއިން އިތުރުފުޅު ހެއްދެވި ބޭފުޅަކު ދެނެގަނެ، އެބޭފުޅަކަށް ގާނޫނީ ފިޔަވަޅުއަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ދެންމެ މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން، މައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް 18 މެންބަރުން ވޯޓު ދެއްވިއެވެ. ބަހުސްކުރަން ބޭނުން ނުވާކަމަށް 13 މެންބަރުން ވޯޓު ދެއްވިއެވެ. ފާސްވާން ބޭނުންވަނީ 16 މެންބަރުންގެ ވޯޓު ކަމަަށްވާތީ އެ މައްސަލައަށް ބަހުސް ކުރަން ވަނީ ފާސް ކޮށްފައެވެ.
މިއީ ކޯޓުތަކުގެ މައްސަލަތައް ލަސްވުމާ ގުޅޭގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން 17 ފެބްރުއަރީ 2022 ވަނަދުވަހު ބޭއްވި ބައްދަލުވުގައި، މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މަސްތުވާތަކެތީގެ، މައްސަލަތަކުގެ ތަހުގީގީ މަރުހަލާގައި، ގޯސްތައް ހަދާ ފަރާތްތައް ފުލުހުންގެ އިދާރާ އާއި ތަހުގީގުކުރާ އެހެނިހެން ފަރާތްތަކުގައި އެބަ ތިބިކަމަށާއި އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމުކޮށްގެން ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވިދާޅުވުމާ ގުޅިގެން، އެފަދަ ބަޔަލު ފުލުހުންގެ ތެރޭގައި ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު ޝަރީފް ވިދާޅުވީ، ތަހުގީގީ މަރުހަލާގައި، ގޯސްތައް ހަދާ ފަރާތްތައް ފުލުހުންގެ އިދާރާ އާއި ތަހުގީގުކުރާ އެހެނިހެން ފަރާތްތަކުގައި އެބަ ތިބިކަމަށް އޭޖީ ވިދާޅުވުމާ ގުޅިގެން މަޖިލިސް މެންބަރަކު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާ ލިޔުމުން ކުރެއްވި ސުވާލަކަށް އެމަނިކުފާނު ފޮނުއްވި ޖަވާބުގައި، ގަސްތުގައި ގޯސްހަދާ ބަޔަކު ފުލުހުންގެ ހިދުމަތުގައި ނެތްކަމަށް ވިދާޅުވުމާގުޅިގެން، އެ ދެ ވަޒީރުންގެ ތެރެއިން ކޮންމެވެސް އެއް ވަޒީރަކު އިތުރުފުޅުހައްދަވާކަމަށް މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން މަޖިލީހުގައި އިތުރުފުޅު ހެއްދެވުމުގެ ސަބަބުން އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތު، ނުވަތަ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ގާނޫނުއަސާސީގެ 98 ވަަނަ މާއްދާއާ ހިލާފު ވެފައިވާކަމަށް ގަބޫލު ކުރެވޭތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، ގާނޫނުއަސާސީއާ ހިލާފުވެފައިވާ ވަޒީރު ދެނެގަނެ އެ ވަޒީރަށް ގާނޫނީ ފިޔަވަޅުއަޅަން ގޮވާލާ ކަމަށް އެ މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސް ކުރަން ފާސްކުރީ އެމްޑީޕީ މެންބަރުން ވޯޓާއެކުގައެވެ.