ރައްޔިތުން ބަނޑަށް ޖެހުނަސް، ސަރުކާރު ވައްޓާލަން ބޭނުންވާ ބަޔަކު އެމްޑީޕީގެ ތެރޭގައި އެބަތިބި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މަރަދޫ ބަނދަރު ހުޅުވުމަށް އިއްޔެ ހަވީރު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ޓީމަށް އިޝާރާތްކުރައްވައެވެ. އިންތިގެ ކެމްޕޭނުގެ ސްލޯގަންއަކީ "ތިލަފަތުގެ ރަމްޒު" އެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތެރެއިން "ތިލަފަތުގެ ރަމްޒު"ގެ މީހުންނޭ ކިޔާ ބަޔަކު ސަރުކާރު ވައްޓާލަން ބޭނުންވިޔަސް، އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި އެބަތިބި ތިލަފަތުގެ ރަމްޒުގެ މީހުންނޭ ކިޔާ ބަޔަކު، ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓާލަން ބޭނުންވާ. އަޅުގަނޑުމެން މަނިކުފާނުގެ ސަރުކާރު ވައްޓާލިޔަކަ ނުދޭނަން،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އައްޑޫއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބިމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބިން ހިއްކަވައިދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އެކަމަށް ހުރަސްއަޅާ ވަޒީރަކު ހުރި ކަމުގައިވިޔަސް، އެ ވަޒީރަކު މަގާމުން ދުރުކޮށްގެން ވެސް އެ މަސައްކަތް ނިންމައިދެއްވުމަށް ޝަރީފް އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ބިން ހިއްކާނެ. އެ ޔަގީންކަން އެބައޮތޭ. ކަށިޖަހަނީއެއް ނޫން, ކަށިޖަހަނީއޭ އެބަކިޔާ. ތެދެއް, ލަސް. އަޅުގަނޑު ވެސް ގަބޫލުކުރަން. އެކަމަކު މަނިކުފާނަށް އަޅުގަނޑު މި ދަންނަވަނީ މަނިކުފާނުގެ ސަރުކާރުގެ ތެރޭގައި މިކަމަށް ހުރަސްއަޅާ ވަޒީރަކު ހުއްޓަސް މަގާމުން ދުރުކުރައްވާފައި ވެސް މިކަން ކޮށްދެއްވާށޭ،" ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އަންނަ މެއި މަހުގެ 14 ގައި ބާއްވާ އިރު، އެ އިންތިހާބުގެ ވާދެވެރިކަން ވަނީ މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވެސް ވަދެފައެވެ. އިންތިގެ ޓީމުން ތުހުމަތުކުރާ ގޮތުގައި އޭނާއާ ދެކޮޅަށް ނުކުންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ޓީމުން ދަނީ ސަރުކާރު ކުންފުނިތަކަށް ބިރުދައްކައި އިންތިއަށް ވޯޓު ނުލުމަށް އަންގަމުންނެވެ. އަދި އިންތިއަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ. ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.
ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ.
އިންތިހާބުގެ ފޯރި ގަދަވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދެމުންގެންދާ އިރު، އޭގެ އެންމެ ކުރީގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނު ގެންދަވަނީ ތުހުމަތުތަކަކާއެކު ނުސީދާކޮށް ރައީސް ސޯލިހަށްވެސް ބައެއް ބަސްތައް އަމާޒު ކުރައްވަމުންނެވެ. ނަމަވެސް ރައީސް ސޯލިހު އެއްވެސް ރައްދެއް ދެއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު