އިންޑިއާއެކު ރާއްޖެއިން މިހާރު ކުރާ އެންމެ ބޮޑު މަސައްކަތަކީ ރާއްޖެއަށް މަސްރުވާތަކެތި އެތެރެވާނެ ދޮރުތައް ބަންދުކުރުމުގެ މަސައްކަތް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

"ވިލުނު"ގެ ނަމުގައި އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީ ހުޅުމީދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުކޭޝަން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި ތައާރަފުވި ދުވަސްވަރު މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ކުރި އެއް ކަމަކީ މަސްތުވާތަކެތީގެ ވާހަކަ ނުދެއްކުން ކަމަށެވެ. އެއީ މަސްތުވާތަކެއްޗަށް މަޝްހޫރުކަން ލިބި، އެ ވަބާގެ ޝިކާރައަކަށް ގިނަ ބަޔަކު ވެގެން ހިނގައިދާނެތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އުމުރަށް ޖަލަށް ލި ދުވަސްވަރެއް ދިވެހިން ދެކެފައިވާ ކަމަށެވެ. އެގޮތުން 2000ގެ ކުރީގެ އަހަރުތަކުގައި ރާއްޖޭގެ ޖަލުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހުން ވަރަށް ގިނަ ކަމަށެވެ.

"އެއިރު ރާއްޖޭގައި ނެތް މިކަމަށް ފަރުވާ ދެވޭނެ އެއްވެސް ގޮތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުން ވަރަށް ބޮޑަށް ފާހަގަވަމުންދާ ކަމަށެވެ. އަދި މަސްތުވާތަކެއްޗަށް ކުރާ މަސައްކަތުގައި އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ވިދާޅުވިއެވެ.

"އިންޑިއާއާ ގުޅިގެން މިހާރު ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާނެ ދޮރުތައް ބަންދުކުރުން. އެތެރެވިޔަ ނުދިނުން. ސެކިއުރިޓީއާ އިންޓެލިޖެންސްގެ ޒަރީއާއިން އެފަދަ ތަކެތި ހޯދާ ވިޔަފާރިކުރާ މީހުން ހުއްޓުވުން،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އައްޑޫގައި ހުޅުވުނު ޑީޓޮކްސިފިކޭޝަން ސެންޓަރުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގިނަ ބަޔަކަށް ފަރުވާ ލިބިގެންދާނެ ކަމަށެވެ.