ސްރީލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުތައް ފަށައިފިއެވެ.

ސްރީ ލަންކާގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރި ރަތުމަލާނަ އެއާޕޯޓު، 55 އަހަރު ފަހުން ބައިނަލްއަގުވާމީ ދަތުރުތަކަށް އަލުން ބޭނުންކުރަން މިއަދު ފެށިއުރު އެ އެއާޕޯޓަށް ޖެއްސި ބައިނަލްއަގުވާމީ ފުރަތަމަ ފްލައިޓަކީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ.

ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓް (ރަތުމަލާނާ އެއާޕޯޓް) އަށް މިއަދު ފުރަތަމަ ފްލައިޓް ޖައްސާފައިވާ އިރު، އެ ފްލައިޓުން ދަތުރުކުރި މީހުންނަށް މަރުހަބާ ކިޔުމަށް ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސާގެ އިތުރުން ސްރީލަންކާ އާއި ރާއްޖޭގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވިއަނުން ލަންކާއަށް ހަފުތާއަކު ތިން ފްލައިޓް ބާއްވާނެއެވެ. މި ދަތުރުތައް އޮންނާނީ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހުއެވެ. ރަތުމަލާނާއަށް މޯލްޑިވިއަނުން ދަތުރުކުރަނީ އިކޮނޮމީ ޕްރޮމޯ ފެއާގައި ދެކޮޅު ޓިކެޓް 3،312 ރުފިޔާ އަށް އަދި އިކޮނޮމީ ފްލެކްސް ފެއާގައި ދެކޮޅު ޓިކެޓް 3،988 ރުފިޔާއަށެވެ.\

މޯލްޑިވިއަނުން ލަންކާއަށް ޝެޑިއުލް ދަތުރުތައް ފެށި އިރު، އެ އެއާލައިނުން އަންނަނީ އިންޑިއާގެ އިތުރުން ބަންގުލަދޭޝްއަށް ފްލައިޓުތައް ބާއްވަމުންނެވެ.

މޯލްޑިވިއަން އިން ވަނީ މީގެ ކުރިންވެސް ލަންކާއަށް ދަތުރުތައް ބާއްވައިފައެވެ. އެއީ ލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށާއި އެ ގައުމުގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ނަމަވެސް ޕެސިންޖަރުން ނުލިބުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ނުވެ ދަތުރުތައް ވަނީ ހުއްޓާލައިފައެވެ.

ލަންކާއަކީ ބޭރު ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ގައުމެވެ.