ޚަބަރު

ހިޔާ ލޯކަލް މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

އަލީ ޔާމިން

1

ހިޔާ ސަރަހައްދުގައި ތަރައްގީކުރާ ހިޔާ ލޯކަލް މާރުކޭޓުން 19 ގޮޅިއެއް ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފިއެވެ.

ހިޔާ ލޯކަލް މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމަށް އެދި ކޮންމެ ފަރާތެއްގެ ނަމުގައި ވެސް ހުށަހެޅޭނީ އެއް ފޯމެވެ. ފޯމު ބަލައިގަތުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން 11:00 އަށް ހުރަވީ ސުކޫލު ހޯލުގައެވެ. ގުރުއަތު ނެގުން ކުރިއަށް ދާނީ މާދަމާ ހެނދުނު 11:30 ގައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ގޮޅި ކުއްޔަށް ހިފުމަށް ހޮވޭ ފަރާތްތަކުން އެ ކޯޕަރޭޝަނުން ސިޓީ ފޮނުވާތާ ދެ ދުވަހުގެ ތެރޭގައި އެއް މަހަށް ވާވަރަށް އެޑްވާންސް ކުލީގެ ގޮތުގައި 2000 ރުފިޔާ ދައްކަންވާނެ ކަމަށެވެ. އަދި ގުރުއަތު ނެގުން ކުރިއަށްގެންދާ ވަގުތު ގުރުއަތުން ހޮވޭ ފަރާތުގެ ނަން އިއުލާން ކުރުމުން އިވެންޓް ހޯލުގައި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކައުންޓަރަށް ސެކިއުރިޓީ ޑިޕޮސިޓް ފައިސާގެ ގޮތުގައި 1500 ރުފިޔާ ވަގުތުން ދައްކަންޖެހޭނެ ކަމަށެވެ.

ގޮޅި ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުން ގޮޅި އަނބުރާ ހަވާލުކުރާ އިރު، ގޮޅިއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ނަގައިފައިވާ ފައިސާ އަނބުރާ ރައްދުކުރެވޭނެއެވެ. އަދި ގޮޅި ދޫކުރުމުގެ އެއްވެސް މަރުހަލާއެއްގައި ގޮޅި ކުއްޔަށް ނެގުމުގެ ފުރުސަތު ދޫކޮށްލައިފިނަމަ، އެ ފައިސާ އެޗްޑީސީއަށް ނެގޭނެއެވެ.

ހިޔާ ލޯކަލް މާރުކޭޓުން ގޮޅިއެއް ހޮވިފައިވާ ކަމުގެ ސިޓީގައިވާ ޝަރުތުތައް ފުރިހަމަކުރުމުން ދެ ދުވަހުގެ ތެރޭގައި އެޗްޑީސީއާއެކު އެއްބަސްވުމުގައި ސޮއި ކުރާނެއެވެ. އަދި ގޮޅި ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހިދުމަތްދޭން ފަށަން ޖެހޭ އިރު، އެ މުއްދަތުގައި ހިދުމަތް ދޭން ނުފަށާނަމަ އެއްބަސްވުން ބާތިލުކުރުމަށް ހަމަޖެހިފައިވެއެވެ.