ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އައްޑޫ ސިޓީގެ މަރަދޫ ބަނދަރާއި އެ ސިޓީގެ މަރަދޫފޭދޫގެ ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ.
މަރަދޫ ބަނދަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކޮށް ސޭންޑް-ފިލް ބްރޭކްވޯޓާ ހެދުމާއި 340 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 276 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.
މަރަދޫފޭދޫގެ ބަނދަރުގެ މަސައްކަތް ކޮށްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.
މި ދެ ބަނދަރު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މި ބަނދަރުތައް އައްޑޫ ސިޓީގެ ސިޓީ ކައުންސިލާ ހަވާލުކުރައްވައިފައެވެ.
ރައީސް ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންފައި މި ވަނީ ރައީސްގެ ދެކަނބަލުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު