ޣާޒީ ސްކޫލްގެ 2021 ވަނަ އަހަރާއި 2020 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް، ގްރޭޑް 10 ސީ އަޝްހަމް އަޝްރަފް މުސްތަފާ ހޮވިއްޖެއެވެ.
2019 ވަނަ އަހަރު އެ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ގްރޭޑް 10 އެސްގެ ޒިމާމަތު ހުސައިން އެވެ.
ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ މޯލްޑިވްސް އެއާރޕޯރޓް ކޮންޕެނީގެ ޖެނެރަލް މެނޭޖަރ ލީޑަރޝިޕް އެންޑް އޯގަނައިޒޭޝަން ޑިވެލޮޕްމެންޓް އާދަމް
ނަސީރު ހުސައިންއެވެ.
މިޖަލްސާގައި މޮޅު ދަރިވަރުންނަށް އިނާމު ދެއްވުމަށްފަހު ޝަރަފްވެރިމެހުމާން ދެއްކެވި ވާހަކަފުޅުގައި، މިއަދު ވަޒީފާތަކަށް ބޭނުންވަނީ ކިޔަވާ މީހުންނާއި ކިޔެވުމުގައި ދެމިތިބޭ މީހުންކަމަށް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިއަދު ކިޔަވައި ނިމުމުގެ ފުރުސަތެއް ނެތުމާއި، ސްކޫލްތަކުގެ އިތުރުން ވަޒީފާގެ މާހައުލުގައިވެސް ކިޔަވަން ޖެހޭތީ ކަމަށެވެ.
އޭނާ ވިދާޅުވީ ދަރިވަރުންނަށް ކުރިއަށް ދާނެ ފުރުސަތުތައް މިހާރު ވަރަށް ގިނަ ކަމަށާއި ވަޒީފާގެ ފުރުސަތުތައް ވެސް އެބަހުރިކަމަށެވެ. މިއަދު ވަޒީފާގެ ފުރުސަތު ދިނުމުގައި އެކުއްޖަކީ އިތުރަށް އުނގެނި، ދަސްކޮށް، ކުރިޔަށް ދާން ރުހޭ ކުއްޖެއްތޯ ބަލާނެ ކަމަށާއި އެހެން ކަމުން، ދަރިވަރުން ކިޔެވުމަށް މިއަދު ކުރާ އުއްމީދާއި ހިތްވަރު ވަޒީފާގެ މައިދާނުގައި ކުރަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް މުހައްމަދު ވިދާޅުވީ، ދަރިވަރުން ތަރުބިއްޔަތު ކުރަމުން އަންނައިރު އެ ދަރިވަރުންގެ ހަޔާތުގެ އެކިއެކި މަރުހަލާތަކުގައި ދިމާވާ ދަތި އުނދަގޫތަކާއި ކުރިމަތިލާނެ ގޮތް އެކުދިންނަށް ބުނެދީ ދަރިވަރުންނަކީ ޒިންމާދާރު ބަޔަކަށް ހަދަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ހައްގަކާއެކު ޒިންމާތަކެއްވާނެ ކަން ދަރިވަރުންނަށް ބުނެދީ އެކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ދިމާވާ ގޮންޖެހުންތަކަށް ކެރިގެން ކުރިމަތިލާން އެނގޭ ކެތްތެރި ބަޔަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޕްރިންސިޕަލްގެ ވާހަކައިގައި މުދައްރިސުންނަށް އަމާޒުކުރައްވައި ވިދާޅުވީ އިލްމީގޮތުން ދަރިވަރުން ހޯދާ ނަތީޖާއަކީ މުދައްރިސުންގެ ގާބިލުކަމާއި ހުނަރާ ގުޅިފައިވާ އެއްޗެއްކަމަށާއި، ދަރިވަރުންގެ ހަޔާތަށް އެންމެ ހެޔޮބަދަލެއް ގެނުވަނީ ހުނަރުވެރި މުދައްރިސުންގެ އަމަލީ މަސައްކަތުންކަމަށެވެ.