ކްރިކެޓް

ޓީ10 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިލާން އެކަޑެމީއަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މުޅިން އަލަށް ފެށި ޓީ10 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީން ހޯދައިފިއެވެ.

މިލާން އެކަޑެމީން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ސީބީއެލް ބަލިކޮށްގެންނެވެ. ދިހަ އޯވަރުގެ މުބާރާތުގެ ފައިނަލްގައި މިލާން އެކަޑެމީން ސީބީއެލް ބަލިކުރީ 51 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން މިލާން އެކަޑެމީން ނިންމީ ބެޓް ކުރާށެވެ. ބެޓް ކުރަން ނުކުމެ، ދިހަ އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން މިލާނުން ވަނީ 117 ލަނޑު ހަދައިފައެވެ. މިލާންގެ ޔޫސުފް އަޒްޔާން ވަނީ މޮޅަށް ބެޓްކޮށް ހާފް ސެންޗަރީއެއް ހަދައިފައެވެ. އަޒްޔާން ވަނީ ނުބައި ނުވެ ޖުމުލަ 54 ލަނޑު ހަދައިަފއެވެ.

ޖަވާބުގައި ސީބީއެލް އިން ކުޅެން އަރައި، ދިހަ އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 66 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި ދިޔަނަދުރަ މަނޯޖްސަރަތުޗަންދުރައެވެ.

ޓީ10 ކްރިކެޓް މުބާރާތަކީ މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފޯމެޓެއްގެ މުބާރާތެކެވެ. އެގޮތުން ދާދިފަހުން ޑުބާއީގައި ވެސް ވަނީ ޓީ10 ފޯމެޓުގެ މުބާރާތްތައް ފެނިގެން ގޮސްފައެވެ. ރާއްޖޭގައި މުޅިން އަލަށް ބޭއްވި ޓީ10 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިިކެޓް އެކެޑަމީން ހޯދީ މެޗަކުން ބަލިނުވެއެވެ.

އިއްޔެގެ ފައިނަލް މެޗަށް ފަހު ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ އާއި އިނާމު ފައިސާ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރެވެ.