މިއަހަރުގެ ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދޭނެ ގަޑި ހާމަކޮށްފިއެެވެ.

ބީއެމްއެލުން މިއަދު ބުނީ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވައިގެން ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ.

ހިދުމަތް ދޭ ގަޑި މަދުކުރި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައްވެސް ރޯދަ މަހު ލިބިގެންދާނެ ކަމަށާއި އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރު މެދުވެރިކޮށްވެސް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ ޗެކް ޕްރޮސެސް ކުރުމާއި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް ހެދުމާއި އަދި މުސާރަ ޖަމާކޮށްދިނުން ފަދަ ހިދުމަތްތައް ރޯދަ މަހު ދުވަހުން ދުވަހަށް ދެވޭނީ ހެނދުނު 11:00ގެ ކުރިން އެ ހިދުމަތްތައް ހޯދަން ހުށަހެޅުމުން ކަމަށެވެ. އަދި އެހެން ބޭންކުތަކުގެ ޗެކް ހެނދުނު 9:00ގެ ކުރިން ޖަމާކޮށްފި ނަމަ އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށް ބުންޏެވެ.

ރޯދަމަހުވެސް ބީއެމްއެލްގެ މެއިން ބްރާންޗް އަދި ބީއެމްއެލް އިސްލާމިކުން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަންޖެހޭ އިރު، ކަސްޓަމާ ސާވިސް ސެންޓަރަށް ހާޒިރުވާ ކަސްޓަމަރުންނަށް ކިއުބީ ނަންބަރާ ނުލައި ހިދުމަތް ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސައިފައެވެ.

އޭގެ އިތުރުން އެކައުންޓް އޯޕެނިން ސެންޓަރާއި ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ރޯދަމަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.