އެމެރިކާގެ ތާރީޚުގައިވެސް އެންމެ ފުރަތަމަ އަންހެން ޚާރިޖީވަޒީރު މެޑަލިން އޯލްބްރައިޓް މިދިޔަ ހަފުތާގެ ބުދަދުވަހު ވަނީ އަވަހާރަވެފައެވެ. އެކަމަނާގެ އުމުރުފުޅަކީ 84 އަހަރެވެ. އޯލްބްރައިޓްގެ ޚާރިޖީވަޒީރުކަމުގެ ދައުރުގައި އެކަމަނާޔަކީ މުޅި ދުނިޔޭގައިވެސް އެންމެ ނުފޫޒުގަދަ އަންހެނާގެ ގޮތުގައި ބެލެވުނެވެ. ހަގީގަތުގައި އޯލްބްރައިޓަކީ އެމެރިކާއަށް އުފަން ބޭފުޅެއްވެސް ނޫނެވެ. ރެފިއުޖީއެއްގެ ގޮތުގައި އޯލްބްރައިޓް އެމެރިކާއަށް ވަޑައިގަތީ އުމުރުފުޅުން އެންމެ އެގާރަ އަހަރުގައެވެ. ޔޫރަޕުގެ މެދުތެރޭގެ ގައުމެއް ކަމަށްވާ ޗެކްރިޕަބްލިކްގެ ވެރިރަށް ޕްރާގަށް އުފަން އޯލްބްރައިޓްގެ އާއިލާޔަކީ ޔަހޫދީ އާއިލާއެކެވެ. އެކަމަނާ އެމެރިކާގެ ޚާރިޖީވަޒީރުކަން ކުރެއްވީ ރައީސް ބިލް ކްލިންޓަންގެ ދައުރުގައި 1997 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމަޔަށެވެ.

އޯލްބްރައިޓް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 ގައެވެ. ޕްރާގް ދޫކޮށް އެކަމަނާގެ އާއިލާ އިނގިރޭސިވިލާތަށް ހިޖުރަކުރީ އޯލްބްރައިޓްގެ އުމުރުފުޅުން އެންމެ ދެއަހަރުގައި 1939 ގައެވެ. އެއީ ހިޓްލަރުގެ ނާޒީ ސިފައިން ޕްރާގަށް އެރުމުގެ މަދު ދުވަސްތަކެއް ކުރިންނެވެ. އެމެރިކާއަށް ހިޖުރަކުރެއްވީ އިނގިރޭސިވިލާތުގައި ގާތްގަޑަކަށް ދިހަ އަހަރު ހޭދަކުރެއްވުމަށްފަހު ދެވަނަ ބޮޑު ހަނގުރާމަ ނިމުމުންނެވެ. އެހެންވީމާ ހަނގުރާމައިގެ ހުރިހާ ދުވަސްތަކެއް އެކަމަނާ ހޭދަކުރެެއްވީ އިނގިރޭސިވިލާތުގައެވެ. އެ ހަނގުރާމައިގެ ދުވަސްވަރު ޔޫރަޕުގެ އެކިއެކި ކޮންސެންޓްރޭޝަން ކޭމްޕުތަކުގައި އޯލްބްރައިޓްގެ އާއިލާގެ އެތައް ބަޔަކު މަރުވިކަމަށް ބުނެވެއެވެ. އެމެރިކާއަށް ވަޑައިގެންނެވުމަށްފަހު އޯލްބްރައިޓް މަތީ ތައުލީމު ފުރިހަމަ ކުރެއްވީ ޕޮލިޓިކަލް ސައިންސްގެ ދާއިރާއިންނެވެ.

އެމެރިކާގެ ސިޔާސީ ކަންކަމުގެ ތެރޭގައި އޯލްބްރައިޓް އެންމެ ފުރަތަމަ ހަރަކާތްތެރިވެވަޑައިގެންނެވީ ޑިމޮކްރަޓިކް ޕާރޓީގެ އެކި ކަންކަމަށް ފައިސާ ހޯއްދެވުމުގެ ގޮތުންނެވެ. ދެން ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ އެހީތެރިއެއްގެ ގޮތުންނެވެ. އެއަށްފަހު ރައީސް ޖިމީ ކާޓަރުގެ ދައުރުގައި ނެޝަނަލް ސިކިއުރިޓީ އެޑްވައިޒަރު ބްރެޒިންސްކީގެ އެހީތެރިއެއްގެ ގޮތުގައެވެ. އޯލްބްރައިޓްގެ ތަރި މެދުއުޑުގައި ޖެހުނީ ރައީސް ބިލް ކްލިންޓަންގެ ދައުރުގައެވެ. އެންމެ ފުރަތަމަ ކްލިންޓަން 1993 ގައި ރިޔާސަތަށް އިންތިޚާބުވެ ވަޑައިގަތުމުން އެމެރިކާއިން އދ.އަށް ކަނޑައެޅުއްވި ސަފީރަކީ އޯލްބްރައިޓެވެ. އެއަށްފަހު ރައީސް ކްލިންޓަނުގެ ދެވަނަ ދައުރުގައި ޚާރިޖީވަޒީރަކަށް އައްޔަން ކުރެއްވީވެސް އޯލްބްރައިޓެވެ. އެހެންވީމާ ކްލިންޓަންގެ ދައުރުގެ ޓޮޕް ޑިޕްލޮމެޓަކީ އޯލްބްރައިޓެވެ.

ބައިނަލްއަގުވާމީ ޑިޕްލޮމަސީގެ އެންމެ މަތީފަޑީގައި އޯލްބްރައިޓް ހުންނެވި ދުވަސްވަރު އެކަމަނާ ގިންތި ކުރެވުނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗާރ ފަދަ ބޭފުޅުންނާ އެއް ހަމައެއްގައެވެ. އެވަރުގެ އެހެން އަންހެނަކު ނެތޭ ބުނެވޭ ބީދަޔަކުންނެވެ. އެދުވަސްވަރު އޯލްބްރައިޓް ވިދާޅުވިކަމަށް މަޝްހޫރު ވެގެންވެއެވެ. އަންހެނަކަށް ޚާރިޖީ ދާއިރާގައި މީހަކަށް ވެވެނީ ޑިޕްލޮމެޓަކާ ކައިވެނި ކުރެވުނީމައެވެ. ނުވަތަ ސަފީރެއްގެ އުނގަށް ކޮފީތައްޓެއް ބަންޑުން ކޮށްލެވުނީމައެވެ. މިހާރު އެކަން ބަދަލު ކުރެވިއްޖެއެވެ. އަންހެނުން މިތިބީ އެދާއިރާގެ އެންމެ އުހުގައެވެ. އޯލްބްރައިޓް އެވިދާޅުވީ ތެދުފުޅެކެވެ. އެހާތަނަށް ޚާރިޖީ ދާއިރާއަކީ އެމެރިކާގައިވެސް ވަރަށް ފިރިހެން ދާއިރާއެކެވެ. އެކަމަނާގެ ފަހުން ޚާރިޖީ ވުޒާރާ ވަނީ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މުގުލުގައި މެޑަލިން އޯލްބްރައިޓް ހުންނެވި ޒަމާނުގައި އެކަމަނާއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޔޫގޯސްލާވިޔާގެ މައްސަލަޔާއި އިރާގުގެ މައްސަލަ ހިމެނެއެވެ. އަދި އިޒްރޭލާއި ފަލަސްތީނުގެ މައްސަލަވެސް ހިމެނުނެވެ. އެދުވަސްވަރު މަޝްވަރާކޮށްގެން ސުލްހަވެރިކަމާއެކު ކަންތައް ނިންމެވުމަށްވުރެ ބޮޑަށް އޯލްބްރައިޓް އިސްކަން ދެއްވީ އަދި ވަކާލާތުވެސް ކުރެއްވީ ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ކަންކަން ނިންމެވުމަށެވެ. މީގެ މިސާލުތައް ޔޫގޯސްލާވިޔާގެ ހަނގުރާމައިން ނެގިދާނެއެވެ. އަދި އިރާގާ ދެކޮޅަށް އެޅުނު ފިޔަވަޅުތަކުންވެސް ނެގިދާނެއެވެ. މިކަންކަން މިހެން ހުރީމާ އޯލްބްރައިޓް ފާހަގަކުރެވިގެންދިޔައީ ހަންމުއްޓަކާއެކު މަޝްވަރާއަށް ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައެވެ.

ބާރުގެ ބޭނުންކުރުމާމެދު އޯލްބްރައިޓް ވިދާޅުވި ވާހަކަފުޅެއް ވަރަށް މަޝްހޫރުވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. އެމެރިކާގައި އެއްމިލިޔަން މީހުންގެ މައްޗަށް އެކުލެވިގެންވާ ބިޔަ ލަޝްކަރެއް އޮތުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. މުސާރަދީފައި ރީއްޗަކަށް ބައިތިއްބާ ލަޝްކަރަކީ ހެއްޔެވެ. މުސާރަދީފައި ތަމްރީނުދީފައި ބައިތިއްބާކަމަށް ވަންޏާ ބޭނުން ހިފަންޖެހޭނެއެވެ. އެމެރިކާގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރެވޭނީ ބާރުގެ ބޭނުންކޮށްގެންނެވެ. ސިފައިންނަކީ އެކަމަށް ތިބެންޖެހޭ ބައެކެވެ. އިރާގާމެދުވެސް ހަމަ މިޒާތުގެ ވާހަކަފުޅެއް ވިދާޅުވިއެވެ. އިރާގުގެ އާއްމުން މަރުވަމުންދިޔުމާމެދު ވިދާޅުވިއެވެ. އެމެރިކާގެ މަގްސަދު ފުރިހަމަވާން އޮތީ ބަޔެއްގެ ފުރާނަ ނެރެލައިގެން ކަމަށް ވަންޏާ އެޔަކު މައްސަލައެއް ނެތެވެ. އެކަންޖެހޭނީ ކުރާށެވެ. ކޮންމެ ގޮތަކަށް އަމަލުކުރިޔަސް ފާޑުކިޔުން އަމާޒުވާނެއެވެ.