އިދިކޮޅު ޕީޕީއެމް، ޕީއެންސީން ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރު ކުރީ ކައުންސިލަރުންގެ ބާރު ކަނޑުވާލައި އަޑު ކަނޑުވައިލަން ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
"ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން 17 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ހަ މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާއިރު ދެ މީހަކު ވަނީ އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލައިފަ އެވެ. ނަރީޝް ހިމެނޭހެން ނުވަ މީހެއްގެ ބަންދުގެ މުއްދަތު ވަނީ ޖަހައިފަ އެވެ. އޭނާގެ ބަންދަށް ޖަހާފައިވަނީ ދެ ދުވަހެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުން މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ކައުންސިލަރުންގެ ބާރު ކަނޑުވައިލަން ހިންގައިފައިވާ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ.
މިއީ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ހޮއްވަވައިފައި ހުންނެވި ކައުންސިލަރުގެ ބާރު ކަނޑުވައިލުމާއި، އަޑު ކަނޑުވައިލުމަށްޓަކައި ހިންގައިފައިވާ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި މިއީ ދިމިގްރާތީ ވެއްޓެއްގައި ކަންވެގެން ދާން ޖެހޭ ގޮތް ކަމަށް ނުދެކޭ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ނަރީޝް ދޫކޮށްލުމަށް ގޮވައިލައިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާ ބޭއްވީ އެ ހަރަކާތް ނުބޭއްވުމަށް ފުލުހުން އަންގާފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު