އޭނާގެ ވާހަކަދެއްކުމާއި މިޒާޖުގައި އެހުންނަ ސަކަ ގޮތުން އެއީ އެއްވެސް ހިޔާލެއް ފިކުރެއް ނެތް، އަމުދުން ކޮންމެ ކަމެއްވެސް ވަރިހަމަ މީހެއްގެ ގޮތުގައި މާނަކޮށްފާނެއެވެ. އޭނާގެ އެއްވެސް ވާހަކައެއް އަނެއް މީހާ ހެއްވައިނުލައި ކުރިއަކަށް ނުދެއެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް އޭގައި މަޖާ، ހެއްވާ ރާގެއް ނެތި ނުދެއެވެ. ކިތަންމެ ގިނަބަޔަކު ތިބޭ ތަނެއްގައިވެސް، ކިތަންމެ ވަރުގަދަ މަޖިލިސް، ނުވަތަ އެއްވުމަކަސް، އެމީހުންނާ ކުރިމަތިލައި ވާހަކަ ދައްކަން ކެރެއެވެ. އަދި ކޮންމެ ވާހަކައެއްގައިވެސް އަމިއްލަ ނަފުސަށް ކުރާ އިތުބާރާއި އަމިއްލަ ހިތްވަރާއި ޖެހިލުން ނުވެ ކޮންމެ ކަމަކާވިޔަސް ކުރިމަތިލާނެކަމުގެ ޔަގީންކަން ހުރެއެވެ.

މިއީ މީހާ އަމިއްލަ ނަފުސުގެ މައްޗަށް ގަދަވެ ހިތުގެ މައްޗަށް ބާރުފޯރުވުމަށް ކުރާ މަސައްކަތުގެ ނަތީޖާއެކެވެ. އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގަދަފަދަކޮށް ތިމާގެ ބަލިފައި އެއްވެސް މީހަކަށް ނުދައްކައި އުޅުމަށްވެސް ބައެއް މީހުން މިއުކުޅު ބޭނުން ކުރެއެވެ.

މިއީ އައްޑުއަތޮޅު ހިތަދޫއަށް ނިސްބަތްވާ، ދިވެހިންގެ ތެރޭގައި އާންމުކޮށް ނަން އިވޭ، މަޝްހޫރު "ސަގަރު"އާއިލާއަށް ނިސްބަތްވާ ފިސާރި ކުޅަދާނަ ދިވެހި ކަނބަލެއްގެ ވާހަކައެވެ. ސަގަރު ކަތްދައިދީގެ މަރިޔަމްދީދީއާއި ދ. ރިނބުދޫ ގާޒީ އިބްރާހީމްގެ އަންހެންދަރިފުޅެއް ކަމަށްވާ ފަރުހަތު އިބްރާހީމް، ފަރާ ގެ ވާހަކައެވެ. ސާޅީހުގެ އަހަރުތައް ގުނަމުން އަންނަ ފަރާގެ އެންމެ ހާއްސަ ސިފަޔަކީ ކޮންމެ ކަމެއް ކުރަން ޖެހުނަސް، ކޮންމެ މަސައްކަތެއް ކުރަން ޖެހުނަސް ޖެހިލުން ނުވެ އެކަމަކާ ކުރިމަތިލައި އެކަމައިގެން ކުރިއަށް ދިއުމެވެ. ރައްޓެހި، ގާތް ހިނިތުންވުމެއްގެ ވެރި ފަރާގެ ދިރިއުޅުމުގައި އެތަކެއް އަޑިގަނޑަކުން އަރައިގަންނަން ހިތްވަރާއެކު މަސައްކަތް ކުރަން ޖެހުނެވެ.

މީގެދެއަހަރެއްހައި ދުވަސް ކުރިން 2020ގައި، ރާއްޖެއަށް އައި ކޮވިޑު-19އިގެ ހާސްކަމާއި ކަންބޮޑުވުންތަކުގެ ތެރެއިން ނޫސްތަކުގެ ފަލަސުރުހީއަށް ފަރާއާއި އޭނާގެ ހާއްސަ ބައިވެރިޔާ ކަމަށްވާ ފޯކްލިފްޓާއެކު، ފޮޓޯތަކާއިއެކު އަރައި، މީހުންނަށް ފަރާގެ މިހާއްސަ ތަފާތު 'ފިސާރިކެރޭ' މަސައްކަތް ހާމަވެ އާންމުވެގެން ދިޔައެވެ.

"އަދު ހާމަވާތީ ލޯބިން ބުނާތީ ފުރިފާ ވަނީ ހިތްއެކީގާ، ގައިމޭ އެދޭނީ ލޯބިން ކިޔާނީ ވާނަން އެކީގާ ކަލާޔާ

އަންނާނެ ލޯބިން އެދިގެން ބުނީމޭ ގެންދަން މިޖާނާ ހިތާ، އެދުނީތި ލޯބިން މުޅިން ހިތްފުރާތީ ލޯބިން އަހާށޭ ހިތާ"

ފަރާގެ ކަރޯކޭއެއްގައި ކިޔާފައިވާ ލަވައިގެ ތަންކޮޅެއް އަޑު އަހާލީމެވެ. ނޫނެކެވެ. ލަވަކިޔުމުގެ ހުނަރުވެސް އެބަހުއްޓެވެ. މީހުން އެބުނާ އަޑުގެ ރިހުން އެބަހުއްޓެވެ. ހަމަގައިމުވެސް ފަރާގެ ފެންނަ މިޒާޖާއި އުފާވެރި މަޖާ ސަމާސާ ގޮތާއި ބަހުރުވައާއި މުޅިން ތަފާތު އެހެން ތަސްވީރެއްވެސް އޭނާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވެއެވެ. އޭނާއަކީ މަޖާ މިޒާޖެއްގެ، ސަމާސާ ބަހުރުވައެއްގެ އަންހެނެއްކަން ޔަގީނެވެ. ހަމައެއާއެކު ފިސާރި ކެރޭ ހިތްވަރުގަދަ އަޒުމުގައި ނުގުޑާވަރުގެ ބާރެއް ހުރި މީހެކެވެ.

މިހާރު ފަރާ ދުއްވާ ފޯކްލިފްޓަކީ ދިވެހި އަންހެނަކު އޭގައި އިށީނދެ މަސައްކަތްކުރުމަށް މީގެ ކުރިން ދުވަހެއްގައިވެސް އިށީނދެފައި ނުވާ އެއްޗެކެވެ. މިފަދަ ދުއްވާއެއްޗެއްގައި އިނދެ މަސައްކަތެއް ކުރުމަކީ ދިވެހި އަންހެނުންނަށް އެއްގޮތަކަށްވެސް ކުރަންކެރޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ފަރާ ދިވެހިރާއްޖޭގެ ތާރީހުގައި ދުށް އެންމެ ފުރަތަމަ ހެވީ ވެހިކަލް އޮޕަރޭޓް ކަމުގެ ޝަރަފު ލިބިގެންފިއެވެ. މިއީ ފަރާ އޭނާގެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް އެކަށީގެންވާ އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ފެށި މަސައްކަތެކެވެ.

"ހަމަ ގިނަ ފައިސާ ގިނަ ލާރި ހޯދަން ވެގެން ފެށިކަމެއް މީ. މިހާރުވެސް ޑްރައިވިންގ ލައިސަންސްގެ އެގްޒަމިނާއެއް މީ. އެކަމަކު އެކަމަކުންވެސް ލާރިއެއް ނުލިބޭ. ބައިވަރު ކަންތައް ކުރަން ޖެހޭ. ފަހައިގެން ލިބޭ ލާރިއަކުން ނޫނީ ބިއުޓީޝަނެއްގެ މަސައްކަތަކުން ރަނގަޅު އާމްދަނިއެއް ނުލިބޭ. ކުދިންގެ ހަރަދުތައް ބޮޑުވަނީ. ފައިސާ ބޭނުންވޭ. އެހެންވެ މިކަމާ ކުރިމަތިލީ. އެހެންނޫނަސް ދިރިއުޅުމުގެ ބޮޑު ބުރަޔާ އަޅައި ކިޔާއިރު ފޯކްލިފްޓް ދުއްވުމަކީ އެއްވެސް ކަމެއް ނޫން."

ފަރާ އެހިސާބަށް ފިޔަވަޅު އެޅީ ވަރަށް ވިސްނައިފައެވެ. އެތައް ހިތާމައަކާއި ހާސްވުންތަކެއްގެ ތެރޭގައި އުޅުމަށްފަހު ފަރާ މިއަދު އެހެރީ ދުނިޔޭގެ ތެރެއަށް ހަށިފޮޅާލާފައި ތެދުވެއެވެ.

ތެދެކެވެ. އަންހެނަކު ކެތްކޮށްފިއްޔާ އޭނާގެ ހުރިހާ ގުނަވަނެއް ވަކިވަކިން ބުރިކޮށް ފިސްފިސް ކުރިއަސް ކޫސްވެސް ކިޔައިނުލައި ހިނިތުންވެ އިނދެފާނެއެވެ. އެހެނީ އެމީހުން އުފުލަނީ ދުނިޔެ މަތީގައި އިންސާނާ އުފުލާނެ އެންމެ ބޮޑު ބުރަ އެވެ. ނުވަމަސްވަންދެން އަމިއްލަ ހަށިގަނޑުގެ ތެރޭގައި ފުރާނައެއް ކާންދީ ބޮޑުކޮށް ރައްކާތެރިކޮށްގެން ގެންގުޅެ، އެފުރާނަ ދުނިޔެއަށް ހަމަ އެހަށިގަނޑުން ނެރުމަށް އެހޭދަވާ ވަގުތުކޮޅަކީ ބުނެވޭ ގޮތުގައި ނާރުތައް ކެނޑިކެނޑިގެންގޮސްފައި އަނެއްކާވެސް އަނބުރާ ގުޅިލާމެހޭ ފަދަ ވޭނެކެވެ. އުމުރުން ދުވަސްވީ މާމަމެން ބުނެ އުޅެއެވެ. "ރުކަކުން ވެއްޓި ފުނޑުފުނޑު ވުމެކޭ ވިހާތަދެކޭ އެއްވެސް ތަފާތެއް ވާނަމަ އެތަފާތަކީ ދިގު ރުކުން ވެއްޓުނު މީހާ ޗިސްވާއިރު ވިހާ އަންހެންމީހާ ވިހައިގަދަ ގަދަވުމެވެ." މިފަދަ ވޭން އުފުލާ ބަޔަކަށް ދުނިޔޭގައި މިލިބޭ ހިތާމަތައް ތަހައްމަލު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟

ފަރާގެ ދުލުން އޭނާގެ ލޮބިވެތި ކައިވެނީގެ ހަޔާތުގެ ވާހަކަ ކިޔައިދިން އިރު ހެވިފައި އިންކަމަކީ ހަގީގަތެކެވެ. އެކަމަކު އެހިނިތުންވުމަކީ އޭނާގެ އައްޑަނައެއް ކަމާއި އޭނާގެ ހިތްވަރުގެ ހަތިޔާރެއްކަން އެނގޭނީ ވިސްނާ މީހަކަށެވެ. އަބަދު ރޮއިރޮއި ކަރުނަވެސް، ދެލޯވެސް ވާޅުވެ ވަރުބަލިވާނެއެވެ. ފަރާ ކިޔައިދިން ގޮތުގައި އޭނާގެ ޒަވާޖީހަޔާތުގައި އޭނާ އުޅުނީ ވަަރަށްވެސް ތަނަވަސް، ފުދޭ ދިރިއުޅުމެކެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ފަރާ "ދިރިތެޅުމުގެ" ބަދަލުގައި ދިރިއުޅުމަށް ފިޔަވަޅު އެޅިއެވެ. އަމިއްލަ މަސައްކަތުން އެކަނި ދެކުދިން ބެލުމުގައި އޮންނަ ހިތްހަމަޖެހުން މާބޮޑުވެފައި ސިކުނޑިއަށް ލުޔެވެ.

ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައިރުވެސް އަޑުއަހަން އިންނާކަށް ފޫއްސެއް ނުވެއެވެ. ފަރާ މިވާހަކަ މީގެ ކުރިން އެއްދުވަހެއްގައި "އަންހެނުންގެ ދުވަހު" ހަވީރު، "ވިމްސް"އިން ބޭއްވި "ޓީބްރޭކް"ގައިވެސް ކިޔައިދިނެވެ. އެދުވަހުވެސް ވާހަކަ ފެށުނީއްސުރެ ނިމެންދެން އަޑުއަހަން ތިބި އެންމެންވެސް ހެއްވަމުންދިޔަ ފަރާގެ އަޑަށް ނިހާއީ ފަހުރުވެރި ރާގެއް އައެވެ.

"އަބަދުވެސް ކޮންމެވެސް މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދައިގެން ދިރިއުޅުނީ. އެހެންވެ އެއްވެސް މީހެއްގެ އަތުން ދަރަންޏަށް އެއްވެސް އެއްޗެއް ނުހޯދަން. ދަރަންޏެއް ނުވެސް އޮންނާނެ ދުވަހަކުވެސް."

ފަރާ އަކީ ބުރަމަސައްކަތުން ދިރިއުޅުން އާރާސްތުކޮށް ކުދިންނަށް ރަނގަޅު، އުޖާލާ މުސްތަގުބަލެއް ހޯދައިދޭން ހިތްވަރާއެކު ހިންމަތް ކުރާ ފިސާރި ކެރިހުރި ކަނބަލެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ބުރަ ބޮޑު މަސައްކަތުގެ ތެރެއިން މިހިސާބަށް އާދެވުނު އިރު މިނިމިގެންދިޔަ އަހަރާއި އަދި މިއަހަރަކީވެސް ފަރާއަށް ވަރަށް އުފާވެރި ހަބަރުތަކަކާއި ހެޔޮނަސީބު މިންވަރު ކުރައްވާ އަހަރުތަކެކެވެ. ފަރާގެ ބުރަ މަސައްކަތުގެ ނަތީޖާ ބަލައިގަންނަ ބަޔަކުވެސް ރާއްޖޭގައި ތިބިކަން ހާމަވާ ފެންވަރުގެ އެވޯޑެއް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ފަރާއަށް ވަނީ ލިބިފައެވެ.

ވިމެން އިން މެނޭޖްމަންޓް، "ވިމް"އިން ދޭ ހާއްސަ އެވޯޑް، "ޓްރަޔަލްބްލޭޒާ" އެވޯޑް ފަރާއަށް ލިބުނީ އޭނާގެ ހިތްވަރާއި ކެރުމާއި ނުހަނު ބޮޑު ގޮންޖެހުމެއް ކުރިމަތިވާފަދަ މަސައްކަތަކާ ކުރިމަތިލައި އެވަޒީފާގައި ފައިތިލަ ސާބިތުކޮށްފައިވާތީއެވެ. އަންހެނަކަށްވެހުރެ ފޯކްލިފްޓް ފަދަ ހެވީލޯޑު ވެހިކަލެއް ދުއްވުމާއި އެ ބެލެހެއްޓުމާއެކު އޭގެ ހުރިހާ ކަމެއްގެ ޒިންމާ އަދާކޮށް ވަޒީފާއަށް ނުހަނު ކަމޭހިތާ ފަރާއަކީ ކެރޭ ހިތްވަރުގަދަ އަންހެނެކެވެ.

ފަރާއަކީ ރައްޓެހިންނާއި އެކުވެރިންނާއި ދެކެފަރިތަ މީހުން ގިނަ އަންހެނެކެވެ. ފަރާ ގާތަށް ކަމަކާ މުހުތާދުވެގެން ހިނގައްޖެނަމަ އެމީހަކު މާޔޫސްވެގެން އަނބުރާ އަންނާކަން ނުޖެހޭނެއެވެ. ކޮންމެވެސް އެއްގޮތަކަށް އެމީހާގެ މުހުތާދު ފުރިހަމަކޮށްދިނުމަކީ ފަރާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ފަރާގެ ގާތް އެކުވެރިން ބުނާގޮތުގައި ފަރާ އަކީ ވަރަށް ހިތްތިރި އެހާމެ ދީލަތިވެސް އަންހެނެކެވެ. އަމިއްލަ އުފާތަކަށްވުރެ އަނެކާގެ ހިތްހަމްޖެހުމާއި އުފާ ފަރާއަށް މުހިންމު ވެއެވެ. ފަރާއަކީ ކޮންމެ ކަމެއްވެސް ވަރަށް ރާވައިގެން ތާވަލުކޮށްގެން ކަންތައްތަކަށް ނުހަނު ބޮޑަށް ސަމާލުކަންދޭ އަންހެނެކެވެ. ދެކުދިން ސްކޫލަށް ލައި އެކުދީން ނިމޭ ގަޑިޔަށް ބަލައިވެސް ދެއެވެ. އެއްވެސް މީހަކު މިވެނި ކަމެއް ކުރޭތޯ މަޑެއް ނުކުރެއެވެ. އަބަދުވެސް އަމިއްލަޔަށް އިސްވެ އެދިމާވާ ކަމެއް ފުރިހަމައަށް ނިންމާލުމަކީ ފަރާގެ އާދައެކެވެ.

ދިރިއުޅުމުގެ މިދަތުރުގައި ފަރާ އެންމެ ފުރަތަމަވެސް ޝުކުރުވެރިވަނީ އޯގާވަންތަ ﷲތައާލާއަށެވެ. އެއަށްފަހު ފަރާ ނުހަނު ލޯބިވާ މަންމައަށެވެ.

ރައްޓެހިންނާއި އެކުވެރިންނާ ބެހޭ ގޮތުންވެސް ފަރާ ދިނީ ތަފާތު އަސަރުހުރި ޖަވާބެކެވެ.

"ރައްޓެހިންނާއި އެކުވެރިންނާއި ރަހުމަތްތެރިން މިއީ އެކައްޗެއް ނޫން. މުޅިން ތަފާތު ބައިތަކެއް މީ. މިސާލަކަށް ދެތިން ރަހުމަތްތެރިން ތިބޭނެ، އެމީހުން މަސްދެމަސް ހަމަސް ވެގެންދާ އިރުވެސް ގުޅާވެސް ނުލާ ފެނިވެސް ނުލާނެ. އެކަމަކު އެމީހުން އޮންނާނީ ބުނެފަ، ފަރާއާއި ފަރާގެ ކުދިން ނުކައި ބަނޑުހައިވެފަ ތިބޭ ދުވަހަކު ތިމަންމެނަށް ގުޅާށޭ، ކާންދޭނަމޭ. އެކަހަލަ ދުވަސްތަކުގައި އެމީހުން ތިބޭނެ. އެހެންނޫނީ ގުޅާވެސް ނުލާނެ. ރަހުމަތްތެރިންނޭ މިކިޔަނީދޯ."

ފަރާ ރަހްމަތްތެރިންނާ އިއެކުވެރިންގެ މާނަ ނުވަތަ ތަރުޖަމާ ބުނެދިނީ ނުހަނު ތަފާތު ގޮތަކަށެވެ. ކޮންމެޔަކަސް ކޮންމެ ގޮތަކަށް ފަރާއާ ވާހަކަ ދެއްކިޔަސް އެވާހަކައަކަށް ފަރާ ދޭ ހާޒިރު ޖަވާބު ފުރިހަމައެވެ. ފަރާއަކީ ދިވެހި އަންހެނުންނަށް ހުރި ފަހުރެކެވެ. މުޅި ދިވެހި ރާއްޖެވެސް ގައުމުގެ މިހިތްވަރުގަދަ އަންހެންދަރިއަށް ސާބަސްދެއެވެ.