އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު، ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

"ނޭވާ ހޮޅިއަށް" ނަމުގައި ބޭއްވި މުޒާހަރާގެ ތެރެއިން ޣައްސާނާއި ސައީދު ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދޫއަށެވެ.

ދޫނިދޫގައި ބައިތިއްބައިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މުއްދަތު މަޖިލީހުގައި ދެ މެންބަރުން ދޫކޮށްލާފައިވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯނު ނަންބަރާއި އުޅޭ އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަން އެންގުމަށް އަދި ފުލުހުންނަށް ކިޔަމަންވުމަށް ޝަރުތުކޮށްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ތެރެއިން މާލޭގައި އިއްޔެ މުޒާހަރާ ބޭއްވީ އެ ހަރަކާތް ނުބޭއްވުމަށް ފުލުހުން އަންގާފައި ވަނިކޮށެވެ.