ވާހަކަ

ވަކިވާން ޖެހުމުން 42

މަރިޔަމް ޝަފާ އިބްރާހިމް

1

(20 މާޗުގެ އަދަދާ ގުޅޭ)

މަންމާ.....އަޅެ މީ ދޮގެއްތަ....؟" ޝާމިން ހިނިތުންވެލީ ޝިޔާމާއަށެވެ. މަންމަގެ ޒުވާންކަމާއި ރީތިކަން ހުސްކޮށްލީ ބައްޕައަށް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ހަމައެހެންމެ މިއަދުވެސް ދޮންދީދީއަށް އުމުރުގެ ދޮށީކަމެއް ހަށިގަނޑުގެ ބަލިކަށިކަމެއް އިހުސާސްނުވާ ވަގުތަކީ ފިރިމީހާގެ ހަނދާންއާވާ ވަގުތުތަކެވެ. އާއެކެވެ. ލޯތްބަކީ އެފަދަ އިހުސާސެކެވެ.

ޝާމިނަށް އިތުރު ކައިވެންޏެއް ކުރަން އެއްވެސް ވަރަކަށް ބާރު އެޅުމަކަށް އާއިލާގެ އެކަކުވެސް ބޭނުމެއްނޫނެވެ. ސަބަބުތައް ގިނައެވެ. ހަމަ ކަނޑައެޅިގެން ޝާމިން އިތުރު އެހެން އަންހެނަކާމެދު އެއްވެސް ޝައުގެއް ނުހުންނާނެކަން އެނގޭއިރު ބޭކާރު ވަގުތުތަކަކާއި ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނޯންނާނެތާއެވެ. އެހެންނަމަވެސް ދެކުދިންނަށްޓަކައި އިތުރު ކައިވެންޏަކަށް ޝާމިން އެއްބަސްވޭތޯ އާއިލާއާއި އެކުވެރިން، އެންމެންގެ ހިޔާލާ އެއްގޮތަށް އެވާހަކަ ދެއްކީއެވެ.

"މަންމައަށްވެސް މާމައަށްވެސް އެނގޭނެ މީހަކާ ކައިވެނި ކުރުމަކީ ހަމަ ހުރެފަ ކުރެވޭ ކަމެއް ނޫންކަން....އެންމެ ފުރަތަމަ ކައިވެނި ކުރާނީވެސް ވަރަށް ވިސްނުންތަކެއް ވިސްނުމަށްފަހު...އެހެންނު....މީހެއްގެ ގޮތެއް ނޭނގެ...ހަމަގައިމުވެސް އަހަރެންގެ ދެމަންމަވެސް ކުރީ އެންމެ ކައިވެންޏެއް...ދެން ބައްޕަ ދޯ، އަސްލު އެއީ މަގޭ މިހަކީ....ބައްޕަ ކައިވެންޏާ ބެހޭ ގޮތުން ބުނެފައިވާ ކޮންމެ ބަހެއްވެސް އަދިވެސް ހަނދާން އެބަހުރި...."

ޝާމިން ވާހަކަ ދައްކަމުން މަންމަގެ އަތުގައި ހިފަން އަތް ދިއްކޮށްލިއެވެ. އަދި މަންމަގެ އަތުގައި ހިފާ ގާތަށް ގެނެސް މަސަންދުގައި އޭނާގެ ގާތުގައި ބައިންދައިފިއެވެ. ބައްޕަގެ ވާހަކަ ދެއްކުމުން މަންމައަށް ކުރާނެ އަސަރު ކިތަންމެހާވެސް ރަނގަޅަށް ޝާމިނަށް އިހުސާސްކުރެވެއެވ. ހަމައެހެންމެ ދޮންދީދީއަށްވެސް ބައްޕަގެ ވާހަކައެއް އަޑު އިވެންޏާ ވާނެ ގޮތް ޝާމިނަށް އެނގެއެވެ. އެހެންކަމުން އެދެއަންހެނުން އެކަކު އަނެކަކާ ގާތުގައި ތިބުމަށް އޭނާ ބޭނުންވިއެވެ.

"ބައްޕަ އަބަދުވެސް ބުނާނެ ބައްޕަ ފުރަތަމަ މެރީ ކުރީ ފެމިލީ ޕްރެޝަރގައޭ....ދޮންދައްތަގެ މަންމައާއި ބައްޕައަކީ ސެކަންޑްކަޒިން ދޯ ތިއްތިބޮޑުމަންމާ...!"

ޝާމިން ދޮންދީދީއަށް ބަލާލިއެވެ. އެސުވާލުގެ ޖަވާބުގައި ދޮންދީދީ ހިނިތުންވެލިއެވެ.

"އެއީ ތެދެއް...އޭރު ދެން ކަންތައް ހުންނަ ގޮތް..މަންމަވެސް ބައްޕަވެސް މަޖުބޫރު ކުރީ....ފަހުން ޝިޔާމާއާ އިންނަން އާއިލާއާ ދެކޮޅަށް އުޅުނު ދުވަސްވަރުގެ ވާހަކަތައް ޝިޔާމާ ހަނދާން ހުންނާނެ ދޯ...."

ޝިޔާމާ އޭރުގެ ފޮނިހިތި ހަނދާންތަކުގެ މަންޒަރުތައް ތަސައްވުރު ކުރެވުމުން ހިނިތުންވެލިއެވެ.

"|އެއިން ކޮންމެ ދުވަހެއް ކޮންމެ ގަޑިއެއް، އެންމެ ހިނދުކޮޅެއްވެސް ހަނދާނެއް ނުނެތޭ.....އެންމެ ފުރަތަމަ ދޮންދިދައްތަވެސް އަހަރެމެންނާ ދެކޮޅު...އެކަމަކު މުހައްމަދު ސައީދު ދޮންދީދައްތައަށް ވަރަށް ސާފުކޮށް ބުނެދިނީ...އޭގެ ފަހުން އަސްލު ދޮންދީދައްތަ މިއާއިލާގެ މީހެއްގެ ގޮތުގައި އަހަރެން މިކޮޅަށް ގެނައީ...އޭރު ދަރިފުޅަށް ބަލިވެ އިންނާނީ...."

ހަޔާތުގެ ބައިވެރިޔާގެ ވާހަކަ، އެވެސް ތިމާ ހިތުގެ އަޑިން އިންތިހާއަށް ލޯބިވާ މީހާގެ ވާހަކަ ދައްކާއިރު ކޮންމެ މީހެއްގެ ލޮލުންވެސް ކަރުނައިގެ އަސަރުފެންނާނެއެވެ. އެއީ އެކުގައި އުޅުނު ކަމުގެ އުފަލާއި އެވަގުތުތަކުގެ ހަނދާނުގައި އުފަލުން ފޭދޭ ކަރުނަކަމެއް، ވަކިވެގޮސްފައިވާ ކަމުގެ ހިތާމައިގަ ފޭދޭ ކަރުނަކަމެއް ނޫނީ އެލޯބީގެ އިހުސާސް ކުރެވިފައި ލޮލުން ފޭދޭ އެތައް އިހުސާސްތަކެއް އެކުލެވިފައިވާ ކަރުނަކަމެއް ނޫނީ އެހެން ކޮންމެވެސް ކަމެއްވެގެން ކަމެއް އެހެނެއް ނޭނގެއެވެ. އެކަމަކު ހަމަގައިމުވެސް ހިތުގެ އަޑިން ލޯބިވާ މީހާގެ ވާހަކަ ދައްކާއިރު ކޮންމެ މީހެއްގެ ލޮލުންވެސް މިއަސަރާއި ކަރުނައިގެ ތެތްކަން ފެންނަކަން ގައިމެވެ.

ޝިޔާމާގެ ލޮލުންވެސް ކަރުނަ ފާއްދާލިއެވެ. މުހައްމަދު ސައީދާއެކު އުޅެވުނު އުފާވެރި އަދި ނުހަނު ހިތްހަމަޖެހޭ ދިރިއުޅުމުގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އަބަދުވެސް ހަރުލާފަ ހުރެއެވެ. އެލޮބުވެތި އިންސާނާ ވަކިވެ ދިޔަފަހުން އޭނާ ޒުވާން އުމުރު ކައިވެންޏަކާ ނުލައި ދަރިންކޮޅު ގޮވައިގެން އެކަނި ހޭދަކުކރާތީ ކޮންމެ ބަޔަކުވެސް އެކަމާ ހާސްވެ އޭނާއާ ސުވާލުކޮށް އަދި އެހެން މީހަކާ އިނުމަށް އެތައް ގޮތަކަށް މަޝްވަރާ ދިނެވެ. އޭނާގެ ޖަވާބު ސާފުވެފައި ސީދަލެވެ.

"އަހަންނަށްޓަކައި ސައީދު ނިޔާނުވޭ.....ސައީދު އަހަންނަކާ ވަތްކެއް ނުވޭ.. އަންހެނަކަށް ފިރިމީހާ ހުއްޓާ އެހެންމީހަކާ އިނދެވޭތަ؟"

ދޮންދީދީ ހީނގަންނަމުން ޝިޔާމާގެ ކޮނޑުގައި އަތްބާއްވާލިއެވެ.

"މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ދެއްކި...ޝިޔާމާއަށް އެހެންމީހަކާ ނީނދެ ހުންނަން އަހަރެން މަޖުބޫރު ކުރަނީއޭ ކިޔާ ވަރަށް އެއްޗެހި ކިޔާހެދި....ހުދު އަހަރެން ޝިޔާމާ އެހެންމީހަކާ އިނދޭތޯ ވަރަށް ވާހަކަ ދައްކާ ހެދިން....ޝިޔާމާ ދިން ޖަވާބަށް އަހަރެން ދޭނޭ ޖަވާބެއް ނެތިގެން ހުއްޓާލީ." އެހަނދާންވުމުން ޝިޔާމާއަށްވެސް ހިނިތުންވެލެވުނެވެ.

"ދޮންދީދައްތަ މީހަކާ އިންނަ ދުވަހު އަހަރެންވެސް ދެވަނަ ކައިވެންޏެއް ކުރާނަން." އެހިސާބުން ޝިޔާމާ ދެން ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އެހެން މީހަކާ ނީންނާނެކަން އަހަންނަށް އެނގިއްޖެ..މުހައްމަދު ސައީދުގެ މަރަކީ ގުދުރަތީ މަރެއްނޫންކަމުގެ އެއްވެސް ހިލަމެއްވެސް އަހަރެމެން ކުރެ އެއްވެސް މީހަކަށް ނެތް..."

ދޮންދީދީ ފުންނޭވާއެއް ލިއެވެ. އެތިންމީހުންވެސް މިއަދު އެތިބީ އެއް ހިތާމައެއް ހިއްސާ ކުރާށެވެ. ކޮންމެ މީހެއްގެ ހަޔާތުން އެމީހެއްގެ އެންމެ މުހިންމު ހާއްސަ މީހާ ވަކިވެގޮސްފައިވާ ކަމުގެ ހިތާމައެވެ. ހަށިގަނޑާއި ފުރާނަ ވަކިވެ އެމީހާ އެމީހުންގެ ތެރޭގައި ނެތަސް އެއީ ދުވަހަކުވެސް ހިތުން ފިލުމެއް ނެތް ހަނދާނެކެވެ.

ޝާމިންގެ ދިރިއުޅުމުގެކަންތައް މިހާރު ބަހާލެވިފައި އޮންނަނީ ދެކުދިންނާއި ގޭތެރޭގެ ކަންތައްތަކުގައި އުޅެފައި ލިބޭ އެހެނިހެން ހުރިހާ ވަގުތެއް މިސްކިތުގެ ހިދުމަތުގައި ހޭދަކުރުމުގައެވެ. ދެދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ރޯދަހިފުމާއި ސޮދަގާތްދިނުމާއި އެހެން މީހުންނަށް ތަފާތު އިލްމު އުނގަންނައިދިނުމުގެ މަސައްކަތުގައި މިސްކިތުގެ ލައިބްރަރީގައި ވަގުތު ހޭދަކުރުމަކީ މިހާރު ޝާމިންގެ މަސައްކަތެވެ. ވަގުފުދަނޑުތަކާއި ވިޔަފާރީގެ ކަންތައްތަކާއި އޮފީހުގެ މަސައްކަތްތަކުގެ ޒިންމާ އޭނާ އޭނާގެ ކޮނޑުން ނަގާ އެކަންތައްތައް އާއިލާގެ ޅަޒުވާން ކުދިންނާ ހަވާލުކޮށްފިއެވެ. އޭނާ އެހެންކަންތައް ކުރުމުން އެކަކަށްވެސް ދެކޮޅު ނުހެދޭވަރުގެ އުޒުރެއް އޭނާ ދެއްކިއެވެ. އަދި ދޮންދީދީ އާއި ޝިޔާމާއަށް ޝާމިންގެ މިނިންމުން ކަމުދިޔަވެސްމެއެވެ.

"އަހަރެމެން ތިންމީހުން މިހާރުދެން ލައިފުން ރިޓަޔާވީ....ނޯނީއާއި ޅިޔަންކޮއްކޮ މިކަމަށް ހަމައެއްވަނަ ވާނެކަން ޔަގީން...އަހަންނަށްވުރެ މާޝާﷲ މޮޅުވެފައި ފުރިހަމައަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދެން...."

އެއީ ޝާމިން އާއިލާގެ އެންމެނަށާއި ދޮންދީދީއާއި އޭނާގެ ބެލެހެއްޓުމުގެ ދަށުގައި ތިބި މުއައްޒަފުންނަށް އޭނާ ބުނެދީ ވިސްނައިދިނެވެ.

ދޮންދީދީއަށްވެސް ދިރިއުޅުމުގެ އެކަނިވެރިކަމާއެކު އާއިލާގެ އިއްޒަތާއި އަބުރުގެ ހައްގުގައި، އާއިލާގެ އެހެން އެންމެންގެ ހުރިހާ ޒިންމާއެއް ކޮނޑުގައި އަޅައިގެން އުޅޭވަރަށްވުރެ މިހާރު ހަމަޖެހިލައިގެން އަރާމުކޮށްލަން ސިކުނޑިއަށް އަރާމެއް ދިނުން މާބޮޑަށްވެސް މުހިންމެވެ. ޝަކީލާގެ ފަރާތުން ދިމާވިކަންތަކަށްފަހު މިއާއިލާގެ އަބުރު ވެއްޔާއިއެކުވެގެން ނުދެއޭ ބުނާކަށް ދޮންދީދީ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ޝަކީލާއާދެކޮޅަށް ތެދުވި އެންމެންވެސް ދޮންދީދީއާއި ކޮލިގަނޑުވަރުގެ އިއްޒަތާއި އަބުރަށް ސެލިއުޓުދީ ތައުރީފުކުރިއެވެ. މިހާރުދެން ދޮންދީދީއަށް މިހުރިހާ ކަންތައްތަކެއް ސަމާލުކަމާއެކު ބެލެހެއްޓުން ކޮންމެ މީހަކާ ހަވާލު ކުރިޔަސް އެންމެ ހެޔޮތާއެވެ. ޝިޔާމާގެ ދަރިންނަކީ ހަމަ އޭނާގެ ކޮއްކޮގެ ލޭހިނގަ ކުދިންނެވެ. ޝާމިން ނޫނަސް ސަމާހާއަށްވެސް އަދި ހަނގަށް އިން ޒިޔާނާއަށްވެސް މިއާއިލާގެ ހުރިހާކަމެއް ހަމަހަމައަށް ހިއްސާ ކުރެވޭނެއެވެ.

އެހެންނޫނަސް މިހާރުދެން އާއިލާގަ ތިބި ތުއްތު ކުދިންނަކީ ޝާމިނާއި ސަމާހާގެ ކުދިންނެވެ. އެހެން ހުރިހާ ކުދިންތައް ފުރާވަރަށް އަރަނީއެވެ. ޒިޔާދުމެން ފުރައިގެން ދިޔަނަމަވެސް ރަހުމަތްތެރިޔާއަށް ވެފައިވާ ވައުދަށް ކަމޭ ހިތުމުގެ ގޮތުން ޒިމްނާއާއި ސަމަދު އަދިވެސް ދިރިއުޅެމުން އަންނަނީ މިރަށުގައެވެ. މިހާރު އެމީހުން ޝައުފާ އުޅުނުގެ ދޫކޮށްލުމަށްފަހު ކޮލިގަނޑުވަރަށް ބަދަލުވެއްޖެއެވެ. އަމިއްލް ދަރިފުޅުދެކެ ނުވާލޯބި ޝާމިނާއި ޝައުފާގެ ދެކުުދިންދެކެ އެދެމަފިރިން ވާ ކަހަލަައެވެ. ކޮންމެއަކަސް ކަންތައް ތައް މިގޮތަށް ހަމައަކަށް އެޅުމުން ޝާމިން އެބުނާހެން މިހާރުދެން 'ލައިފުން ރިޓަޔާ' ވާންވީއެވެ. ދިރިއުޅުމުގެ ޒިންމާތަކުން ސަލާމަތްވެ އަޅުކަމަށް ވަގުތުދީ އަމިއްލަ ހަށިގަނޑާއި ހިތާއި ސިކުނޑއަށް އަރާމެއް ދިނުމުގެ ވަގުތުއައީއެވެ.

**************************************************

ރޭގަނޑުގެ ފުރަތަމަ ދަމަށް ނިމުމެއް ގެންނަމުން، ތަރިތަކުގެ ދަރުބާރުގައި ރަނިކަން ކުރަމުން ދިޔަ ރޭގަނޑުގެ ރާނީ އެކަމަނާގެ ފަސްބައި ފަތުރައިލަމުން ފަހުރުވެރިކަމާއެކު ދުނިޔޭގެ ތެރެއަށް އަލިކަންދީފިއެވެ. ހަނދުމަހުގެ ސޯޅައިގެ ފުރިހަމަ ރަނިކަން ކުރަމުން ދާ މިރާނީގެ ރީތިކަމާއި ނަލަކަމަށް ތައުރީފުކުރުމަކުން އިންސާނުން ވަރުބައްޔެއް ނުވެއެވެ.

މިރޭވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި މީހުން ހަނދުގެ ފުރިހަމަކަމާއި ކޮންމެވެސް ޖިންސުއްލަތީފެއްގެ ރީތިކަމާ އަޅާކިޔަމުން ތައުރީފުގެ ބަސްތައް އަމުނާނެކަން ގައިމެވެ. އެހެންވިޔަސް އަދި އެހެންނުވިޔަސް ހަނދު އޭނާގެ ރަނިކަމުގެ ދަރުބާރަށް އައުމަކަށް ކަނޑައެޅިފައި އޮންނަ ގާނޫނާ ދެކޮޅެއް ފަހރެއްގައިވެސް ނުވެއެވެ.

ކޮޓަރީގެ ކުޑަދޮރުގެ ކައިރީގައި ހަނދުގެ ކަފަވިލާކޮޅުތަކާއެކު ފީކޮއި ކުޅޭ މަންޒަރު ބަލަން ހުރި ޔުއާނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ އަތްތިލައިގެ ނުފުށުގައި ޖެހުމާއެކު އޭނާ ސިހިއްޖެއެވެ. އޭނާއަށް ރޮވެނީ ހެއްޔެވެ. ލޯބީގާ ނާކާމިޔާބުވުމުގެ ހިތިރަހަ އޭނާގެ ކަރުގައި ދުވަހަކުވެސް މީގެ ކުރިއަކުން ލާފައެއް ނުވެއެވެ. ކީއްވެގެން ހެއްޔެވެ. އާއެކެވެ. ފަހު މިނިޓުގައިވެސް އޭނާއަށް ކުރެވިފައި އޮތީ ކުށްހީއެކެވެ. އޭނާއަށް ހީވެފައި އޮތީ ޝާމިން އޭނާއާ ނުލައި އުޅެމުން ދިޔަ ދިރިއުޅުމަކީ އަނބިމީހާއަށް ވަފާތެރިވުމަށާއި ދަރިންނަށް ރަނގަޅު ނަމޫނާ ބައްޕައަކަށް ވުމަށް ކުރަމުން އައި މަސައްކަތެއް ކަމަށެވެ.

އެހެންނަމަވެސް މިއަދު ބޮލުގެ އިސްތަށިތަކުން ހުދުކުލަ ފާޅުވެ އޭނާގެ ރީތިކަން އިހުނަށްވުރެވެސް އުމުރާއެކު ހަރުރީތިކަމަކަށްވެފައިވާއިރު ޝާމިން އޭނާއަށް ދިން ޖަވާބު އޭނާ ހޭލައްވާލައިފިއެވެ. ހަޔާތުގައި ނަގާލެވުނީ ކިހާ އަގުބޮޑު ހަޒާނާއެއްކަން އޭނާއަށް ވިސްނުނުއިރު ކޮންފަދަ ލަސްވެއްޖެ ހެއްޔެވެ.

"ޔުއާނާ....އަހަރެން އިތުރު އެހެން އެއްވެސް އަންހެނަކު ބޭނުން ނުވާ ވަރަށް އަހަރެންގެ އަނބިމީހާ އަހަންނަށް ދީފައިވާ ލޯބި އަގުބޮޑު....އުމުރުގެ ބާކީ އޮތް ބައި އޭނާގެ ފޮނިފޮނި ލޮބުވެތި އިހުސާސްތަކާއި ލޯބީގެ ހަނދާނުގައި ހަމަޖެހިގެން ނުހަނު އުފަލުގައި އުޅެވޭވަރަށް އަހަންނަށް އޭނާ ލޯބިދިން....ޔުއާނާ ބުނެއުޅުނީ ވަރަށް ރަނގަޅު ވާހަކައެއް....ހައިސުކޫލުގައި ފަނަރަ ސޯޅަ އަށާރަނަވާރަ އަހަރުގަ އަހަރެމެން އިދިކޮޅު ޖިންސުގެ ކުދިންނަށް ޝައުގުވެރިވަނީ...އެއީ ލޯތްބެއް ނޫން....އަހަރެން ޔުއާނާގެ އެއްވެސް ކަމެއް ހަނދާން ނުހުރެއޭ ނުބުނާނަން....އެއީ ޔުއާނާއާ އަހަންނާ ބައްދަލުވީ އަހަރެން ފުރާފުރިހަމަވެ، ތަކުލީފުއުފުލޭވަރުގެ މީހަކަށްވެފައި ހުއްޓާ....އަހަރެން ކުރި ފާފައެއް ވިއްޔާ އަދި ހެޔޮކަމެއް ވިޔަސް....އެކަމެއްގެ ޖަޒާ ލިބޭވަރުގަ އަހަރެން ހުރީ.....ޔުއާނާއަކީ އަހަރެންގެ ހަޔާތުގަ ވީކަމެއް......ހަނދާން ނެތޭ ނުބުނާނަން....އެކަމަކު ހަމަގައިމުވެސް ހަނދާންވެއޭ ނުބުނެވޭނެ....އެއީ ހަނދާން ނުވާތީ...ހަނދާންހުރުމާ ހަނދާން ކުރުމާ އަދި ހަނދާން ވުމުގެ ތަފާތު ޔުއާނާއަށްވެސް އެނގޭނެ......"

ދެންވެސް ޔުއާނާ އާދޭސްކުރިއެވެ. ފަށްފަށުން މަތިމައްޗަށް މާފަށް އެދުނެވެ. ޅަފުރާގެ އުފާވެރި ހަނދާންތައް އާކޮށްދިނެވެ. ޝާމިންއަށް ނުދެވުނު ލޯބި އޭގެ އިންތިހާއަށްދޭނެކަމަށް ވައުދުވެ އަހުދުކަށަވަރުދިނެވެ. ދުވަހަކުވެސް ވަކިވާން ނުޖެހޭނެކަމުގެ ޔަގީންކަންދިނެވެ. ފަހަރެއްގައިވެސް ބޭވަފާތެރި ނުވާނެކަމުގެ އިތުބާރުދިނެވެ. އެކަމަކު ޝާމިން ހީނލާފައި އޭނާއަށް ދިން ޖަވާބުން އޭނާގެ އުއްމީދުތައް ފެނަށްވެ ވަޔަށްވެ ގެއްލި ނެތިހިނގައްޖެއެވެ.

"ޔުއާނާ....އަހަރެން މިއުޅެނީ ވަރަށް އުފަލުގަ....މިއުފަލުން އަހަރެން މަހުރޫމު ކުރަން ތިއުޅެނީ ކީއްވެ؟....އަހަރެންގެ ދިރިއުޅުން ފުރިހަމަވެއްޖެ....މިހާރުދެން ބޭނުންވަނީ ދެކުދިން ވީއެންމެ ހެޔޮ ރަނގަޅު ބައެއްގެ ގޮތުގައި ބޮޑުވުން...ދުނިޔެއިން އަހަރެން ބޭނުން އިތުރު އެއްވެސް އެއްޗެއް ނެތް....ވަގުތު ޖެހިގެންދާ ގަޑި ޖެހެންވާއިރަށް ތައްޔާރުވާން އޮތް ވަގުތު ކޮޅު ވަރަށްކުޑަ....އެރަސްމީދަތުރަށް ބޭނުންވާ ސާމާނު އެއްކޮށް ދަބަހަށް ތަކެތި އެޅުމުގަ އަހަރެން ވަރަށް ބުރަކޮށް މިއުޅެނީ...އެހެންނޫނަސް އަހަރެންގެ ހިތާހަށިގަނޑުގަވެސް އެއީ ޝައުފާގެ ހިބަ މުދާ..މީހުންނަށް ފެންނާނި އަހަރެން އެކަނި...އެކަމަކު އަހަންނާއެކު ހުރިހާ ވަގުތެއްގައި އޭނާ މަށާއެކު އުޅޭ.....އަދިވެސް މިބުނަނީ....ފަހުންވެސް ބުނާނަން...އަހަރެން މީ މީހެއްގެ ފިރިއެއް....މަގޭ އަންހެނުން ދެކެ މަވަރަށް ލޯބިވޭ...މަގޭ އޮތީ އެންމެ އުދެމެއް....މަގޭ އަންހެނުންނާ މަހުޝަރުން ބައްދަލުވެ އެއީ މަގޭ އަނތްބެއްގެ ގޮތުގައި ދެއްވުން....އަހަރެން ޝައުފާދެކެ ލޯބިވާވަރު ގަލަމަކުން ދުލަކުން ބުނެނުދެވޭނެ...އެއަށްވުރެ މާބޮޑަށް އަހަރެން ޝައުފާދެ ލޯބިވަން..... މިވަރުން ދެން ޔުއާނާ ވިސްނައިގަނޭ.....ޔުއާނާދެކެ ރުޅި އަންނާނީ ގުޅުމެއް ނޫނީ ގާތްކަމެއް އޮންނަމަތާ؟ އަހަރެން ޔުއާނާދެކެ ލޯބިވާނީ ގަޔާވެވި ރުހެވޭނަމަތާ....! އަސްލު ޔުއާނާއަކީ ހަމައާދައިގެ ދުނިޔޭގައި އުޅޭ އަންހެނެއް، ރާއްޖޭގައި މާލޭގައި އުޅޭ ދިވެއްސެއް...ދެޓްސް އޯލް..."

ޝާމިންގެ އަނބިމީހާ ދުނިޔެއަކު ނެތެވެ. އެކަމަކު ޝާމިންގެ ހިތަކުން އެލޯތްބެއް ފިލާނުދާނެވަރަށް އެއަނބިމީހާ ވަނީ އޭނައަށް ލޯބިދީފައެވެ. ޝާމިންގެ އަނބިމީހާއަކީ ކޮންފަދަ ބޮޑު ނަސީބުވެރިއެއްހެއްޔެވެ. ޝާމިންގެ އެއްބަފާ ދައްތަ ސިހުރު ހަދައި ޝައުފާ ނުކުޅެދޭ މީހަކަށްހެދީމަވެސް ޝާމިން ޝައުފާ މަތިން ފޫއްސެއްނުވިއެވެ. ވިއްޔާ އެލޯބބިވީ އިތުރެވެ. އަދި މިއަދު ޝައުފާ ނެތުމަކުންވެސް ޝާމިންއަކަށް އިތުރު އެހެން އަންހެނެއްގެ އޯގާތެރިކަމެއް ނުވަތަ ލޯތްބެއް ދެންވެސް ބޭނުމެއް ނުވެއެވެ.

ޔުއާނާ ހިންދިރުވާލަމުން ފުންނޭވާއެއް ލިއެވެ. ދުނިޔެ އެކި ދުވަހު ދައްކާނީ އެކިމީހުންނަށް އެކިކުލައެވެ. އޭނާއަށް ނަސީބު ވަކި ކުރަން ނުވަތަ އަގުވަޒަން ކުރަން ނޭނގުނީއެވެ. ޝާމިން އޭނާއަށް ލިބުނުކަން ގައިމެވެ. އޭނާގެ ފަހަތުން ދުވިކަމަކީވެސް ހަގީގަތެވެ. އެކަމަކު އޭރު އޭނާއަށް މުހިންމުވީ ވަރަށް ފަސޭހަ އަރާމު ދިރިއުޅުމެކެވެ. ހަގީގަތުގައި ޝާމިން އޭނާގެ ފިރިމީހާއަށްވުރެ ތަނަވަސްކަމެއް އޭރު އޭނާއަށް އެހާބޮޑަށް އެނގިފައެއް ނެތެވެ. އަދި އޭނާ ކައިވެންޏެއްކޮށްގެން ދިރިއުޅުމެއް ފެށުމަށް ބޭނުން ވީއިރު ޝާމިން ހުރީ ކިޔަވާށެވެ. ދެންވެސް އޭނާއަށް ޝާމިނާއެކު ހަޔާތެއް ފެށުމުގެ ނަސީބު ލިބުނެވެ.

އެހެންނަމަވެސް އޭރު އޭނާއަކަށް އެނަގާލެވެނީ ކިހާވަރެއްގެ މީހެއްކަމުގެ ކުޑަވެސް ހިލަމެއް ނުވެއެވެ. ފިރިއެއްގެ ސިފައިގައި އަންހެނަކަށް ބޭނުން ވާނީ ކޮންކަހަލަ ކިހިނެއް ލޯބިވާ އޯގާތެރި މީހެއްކަމެއް އޭނާއަކަށް އެނގިފައެއް ނެތެވެ. އެކަމަކު މިހާރު އޭނާއަށް ކުރިން ނޭނގޭ އަދި އަމިއްލައަށް އިހުސާސް ނުވެފަހުމް ނުވި ކިތަންމެ ކަމެއް މިހާރު އޭނާއަށް ވިސްނެއެވެ.

އޭނާއަކީވެސް އަނތްބެކެވެ. ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ވަރަށް ނަސީބު ރަނގަޅު އަންހެނެކެވެ. ތޫނުފިލި އެހާމެ ރީތި އަންހެންދަރިފުޅެއްގެ މަންމައެކެވެ. އަތުގައި ނެތް އެއްޗެއް ނެތެވެ. ފައިސާއެވެ. މުދަލެވެ. ރީތިކަމާއި ބަނިޔާދަންކަމެވެ. ސޮސައިޓީގައި މަޝްހޫރުކަމާއި ފޮނިކަމެވެ. އަރާދުއްވާނެ ކާރާއި ފަހަތުގައި ދޫލައަޅައިގެން ސަލާމުގައި އިޝާރާތަކަށް ފަރުވާވެ ތިބޭ ނޯކަރުންނެވެ. އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހެއެވެ. އެކަމަކު…..

ރޭގަނޑުގެ މިފަޅު އެކަނިވެރި އަނދިރިކަމުގައި، ނުހަނު މަސްތުކުރުވަނިވި މޫސުމެއްގައިވެސް، އޭނާގެ ކަންހުޅީގެ އަސީރަކަށްވާނެ އާވާރާ ލޯބިވެރިޔަކު ނެތެވެ. ފިރިމީހާ ގެއަށް އައުމަށްފަހު ރޭގަނޑުގެ ނާސްތާއަށްފަހު ދަރިފުޅާއެކު ހޭދަކޮށްލާ ވަގުތުތަކަށްފަހު ނިދަން ތަންމައްޗަށް އަންނަކަން ގައިމެވެ.

އެކަމަކު ތަންމަތީގައިވެސް އޭނާގެ ފިރިމީހާއަކީ ހަމައެކަނި ރަސްމީ ޝަހުސިއްޔަތެކެވެ. ލޯބީގެ އެއްވެސް ނަމެއް ނެތް ރަސްމީ ގުޅުމެކެވެ. މަހަކު އެއްފަހަރުވެސް ނުވަތަ ފަސްމަހުން އެއްރޭވެސް، އެތަންމަތީގެ ހޫނުކަމެއް އޭނައަކަށް އިހުސާސެއް ނުކުރެވެއެވެ. އޮށޯވެލުމާއެކު ދުވާލުގެ ވަރުބަލިކަމާއެކު އޭނާގެ މޫނުގައި ރަސްމީ ބޮސްދިނުމަކުން، ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި “ލަވްޔޫ ގުޑްނައިޓް” ބުނުމާއެކު ފިރިމީހާ އޮންނަނީ ގަދަނިދީގައެވެ.

އޭނާ ނުނިދިގެން ތެޅިފޮޅުނީ ކިތައް ކިތައް ރޭކަމެއް ނޭނގެއެވެ. އިންސާނަކަށްވީތީ އިހުސާސްތަކުގެ ތަށި ފުރިގެން ބަންޑުންވެގެން އިސްވެ ފިރިމީހާއަށް ގޮވީ ކިތައްރޭކަމެއް ނޭނގެއެވެ. އެއިން އެއްެވެސް ރެއެއްގައި އޭނާއަކަށް ސަމާލުކަމެއް ނުލިބެއެވެ. އެއަށްވުރެ ފައިސާއާއި މުދާ އެއްކުރުމުގައި ފިރިމީހާ މާބިޒީއެވެ. ނުވަތަ އެއީ މުއްސަނދި ގިނަ ފިރިހެނުންގެ ފާޑުވެރިކަމެވެ. އެމީހުންގެ އަނބިން އިއްޒަތުގައި ގޭގައި ދަރިންނާއެކު އުޅޭނެއެވެ. އެމީހުންގެ އިހުސާސްތައް ފުރުނީމައި ބަންޑުންކޮށްލާނެ ތަފާތު ކުލަކުލައިގެ މެހެފިލްތައް ހުންނާނެއެވެ. އެމީހުންނަށް ހުއްދަ ވާފަދައިން އަންހެނުންވެސް ހުއްދަ ލިބިގަންނަންވީއެވެ.

ޕާޓީތަކާއި އެއްވުންތަކާއި ރަސްމިއްޔާތުތަކުގައި އޭނާގެ އަނބިމީހާއާއި މީނާގެ ފިރިމީހާ ހިނިތުންވެ ހިއްސާ ކުރަނީ ކޮން ވާހަކައެއްތޯ ބަލާކަށް އޭނާއަކަށް ނުވަތަ މީނާއަކަށް މުހިންމުނުވާނެއެވެ. ރޭތަކުގައި އޮފީސްތަކުގެ ތެރޭގައި ބުރަކޮށް ފިރިން މަސައްކަތް ކުރާއިރު އެހީތެރިވާން އިންނަ ޕާސަނަލް ސެކެޓްރީއަކީ ދޭތެރެއިން ބަދަލުވާ ފައިލެއް ކަހަލަ މަގާމެއްކަމެއް ގޭގައި އިންނަ އަނބިމީހާއަކަށް އެނގޭކަށް ނުޖެހެއެވެ. ހަމައެގޮތަށް ފިރިމީހާގެ ވިޔަފާރީގެ އެކުވެރިން އަނބިމީހާ އެކަނި ގޭގައި އިންނަ ވަގުތު ބައްދަލު ވެލަން ނުވަތަ ބަންދު ދުވަހެއްގައި ކޮންމެވެސް ރިސޯޓެއްގެ މެނޭޖަރެއްގެ ދައުވަތަކަށް ކުރާ ދަތުރު ފިރިމީހާ ފާހަގަކޮށްލާނީ ފަހުރެއްގެ ގޮތުގައެވެ.

މިގުޅުންތަކުގެ މެދުގައި ބޮޑުވަމުން އަންނަ ދަރިފުޅަށް ލިބޭ އުފަލަކީ މަންމައާއި ބައްޕަ އެކީގައި އޭނާގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމުގައި ދިރިއުޅުމެވެ. ފައިސާއާއި ތަނަވަސްކަމުގެ ގޮތުން މިކުދިންނަށް ހުރިހާ އެއްޗެއްވެސް ހަމައެވެ. އެކަމަކު ގޭތެރޭގައި ކުއްޖާ ބޮޑުވަމުން އަންނާނީ އޭނާގެ ކޮޓަރީގައި އާޔާއެއްގެ ބެލެހެއްޓުމުގައެވެ. ސޮސައިޓީގެ މިކުލަ ރީތި މެހެފިލުގައި ޔުއާނާ ތަފާތުވާ ތަންކޮޅަކީ އެއީއެވެ. އޭނާ ދަރިފުޅު ބަލަހައްޓަން އާޔާއެއް ހުއްޓަސް ދަރިފުޅާމެދު ސަމާލުވެއެވެ. ވަގުތު ދެއެވެ. އެނޫނީ އޭނާގެ އޮތީވެސް ކޮން އުފަލެއްހެއްޔެވެ.

އެހެންވިޔަސް މިހާރުދެން ކުރާނެ އެއްވެސް ކަމެއް ނެތެވެ. ޝައުފާފަދަ ނަސީބުވެރިއަކަށް އޭނާ ނުވިއެވެ. އިރެއްގައި ޝާމިން ޝައުފާއާ ކައިވެނި ކުރި ވާހަކަ ދައްކައި ރައްޓެހިން ކޮށްލާ މަލާމާތަށް ނުވަތަ ޖެއްސުމަށް އޭނާ ދިން ޖަވާބު މިހާރަކު އޭނާއަކަށް ބުނާކަށް ނުކެރޭނެއެވެ. "ވަރިހަމައެއްނު އަލަތުވާނީ ކައިވެނިތާ، ގައިމުވެސް މަދެކެ ވާލޯތްބެއް ނުވާނެ، އަދި އަލަތު ސުހާގުރާތަކަށް ވެސް ނުވާނެ. މަރަހަ ބަލައި، ރަހަ ހެޔޮވަރުކޮށްފަ ހުރި ލައިގެންކާ އެއްޗެއް އެހެންމީހަކުގެ ބަތްތަށްޓަށް އެޅީމަ އެކަމާ މަ ކަންބޮޑުވެ ދެރަވާންވީ ކީއްވެ...އެހެންނޫނަސް އެސޮރު އަންނާނެ މަ ފުއްޓއްކެއް ޖަހާލާއިރަށް ފުމެފަ.."

މިއަދު ހަމަގައިމުވެސް އޭނާއަކަށް އެއްވެސް މީހަކު ބުނާ އެކައްޗަކާވެސް ދެކޮޅަށް ބަހެއް ނުބުނެވޭނެއެވެ. މިދިރިއުޅުމުގައި ލޯބީގެ ބާޒީން އޭނާ ބަލިވެއްޖެއެވެ. އަދި ދަމުންދަމުންމ ޝައުފާ ދިޔައީ އޭނާގެ އަތުން ބާޒީ އަތުލައިގެންނެވެ. މިހާރުދެން އޭނާއަކީ ޝާމިންއަށް އެއްވެސް ވަރަކަށް މުހިންމު މީހެއް ނޫނެވެ. އާއެކެވެ. ޝާމިން ބުނިހެން އޭނާއަކީ ހަމަ އާދައިގެ ދިވެއްސެކެވެ. އެއަށްވުރެ އިތުރަށް އެއްވެސް ހާއްސަ ނުވަތަ އެއްވެސް ވަރަކަށް ފާހަގަ ކުރެވޭ މީހެއް ނޫނެވެ.

************************************************

ލ.ކައްދޫ އެއާޕޯޓު ރަންވޭގައި ފަނަރަ ވަރަކަށް މިނިޓު ކުރިން ޖެއްސި ފުލައިޓުން ފޭބި، މަޝްހޫރު އެހާމެ މީހުންގެ މެދުގައި މަގުބޫލު ކުޅަދާނަ ލިޔުންތެރިޔާ، ޒަޔާންޒޯހާން އޭނާގެ ލޮލުގައި އޮތް އަވިއައިނު ނަގާ ދެކޮޅު ހޯދާލިއެވެ. އިރު އޮއްސުމަކާ ގާތްވަމުން އަންނާތީ ރަތްވިލާ އުދަރެހުގައި ގިނަވާން ފަށާފައިވާ މަންޒަރު މޫސުމް ރީތި ދުވަހެއްކަމުން ވަރަށް ސާފުކޮށް ފެނެއެވެ. އެހާމެ މަންޒަރު ހިތްގައިމެވެ. ޒަޔާންޒޯހާންގެ ނަޒަރު ހޯދަމުން ދިޔަ މީހާއަށް އޭނާ ފެނިއްޖެއެވެ. ދެމީހުންގެ ހަަތރުކަޅި ބައްދަލުވުމާއެކު އެކަކު އަނެކަކަށް އަތްހޫރާ ސަލާމަށް ގޮވާލިއެވެ.

ޒަޔާންޒޯހާން ބަލާއައިސް ހުރީ މިއަތޮޅުގެ މަޝްހޫރު ކޮލިގަނޑުވަރުގެ މުނިމާމަދަރިފުޅެއް ކަަމަށްވާ ނިރާއެވެ. އެންމެނަށްވެސް އެނގޭ އެތައްބަޔަކު ނުހަނު ލޯބިވާ މަރުހޫމު މުހައްމަދު ސައްތާރު ސައީދުގެ ހަނގު ދަރިފުޅެވެ. ޒަޔާންޒޯހާންގެ ކޮލެޖުދައުރުގެ އެކުވެރިއެކެވެ. ރާއްޖެއިން ބޭރުގައި ދެމީހުން ތައުލީމު ހާސިލު ކުރަމުން އައިސް، ނިރާ ކުއްލިއަކަށް ރާއްޖެ އަންނަން ޖެހުނީއެވެ. އާއިލާގެ ހާލަތު ތަންކޮޅެއް ގޯސްވެ ފަހަރިއަކު ބަލިވުމާއެކު މާމަވެސް ވަރަށް ހާލުދެރަވެ އާއިލާ ތެރޭގަ މައްސަލަތަކެއްވެސް ޖެހުމުންނެވެ. ދެމެދުގައި އޮތް އެކުވެރިކަމަށްވުރެ ގާތްގުޅުމާއެކުވެސް ނިރާ އެގޮތަށް ރާއްޖެ އަންނަން ޖެހުނު ސަބަބެއް ނުބުނެއެވެ.

އޭގެ ފަހުން ވޭތުވެދިޔަ ހައެއްކަ އަހަރު އެދެމީހުންގެ ދެމެދުގައި ވަރަށްބޮޑު ދުރުކަމެއް އުފެދިފައިވީ ނަމަވެސް އަބަދުވެސް ދެމީހުން އެކަކު އަނެކަކުގެ ހާލު ބަލައި އުޅެއެވެ. ދެން ކުއްލިއަކަށް ދާދި އިހަކަށްދުވަހު ނީރާއަށް ޒަޔާންޒޯހާންގެ ވަރަށް އާދޭސްކޮށްފައި ކަމަކަށް އެދިފަ ވާ މެސެޖެއް ލިބުނެވެ. ކިޔަވައިގެން ރާއްޖެ އައިފަހުން މިވީ ދޮޅު އަހަރެއްހާ ދުވަސްތެރޭ ޒަޔާންޒޯހާން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސް، އަމިއްލަ ވިޔަފާރިއެއްގެ ގޮތުން އިނގިރޭސި އަދި ދިވެހިން، ދުނިޔޭގެ ފެންވަރުގައި، މުޅި ދުނިޔެއަށް މަޝްހޫރު މަޖައްލާއެއް ކަމަށްވާ 'ހަކިބަ' ނެރޭތާ ހަތްމަސް ވެއްޖެއެވެ. އަދި މިއަންނަ މަހުގެ ހަކިބަ ގެ 'ކަވަރސްޓޯރީ' މަހުގެ ބޮޑު ވާހަކައަކަށް ގަމުގައި ހުންނަ ރީތިކަމުގެ މިސާލެއް ނެތްހާ ފުރިހަމަ، އަދި ތަފާތު، މިސްކިތުގެ ވާހަކަ އެހެން ނޫސް މަޖައްލާތަކުގައި ހުރި ވަރަށްވުރެ، ތަންކޮޅެއް ފުޅާކޮށް ތަފުސީލުކޮށް ލިޔުމަށް ޒަޔާންޒޯހާން ވަނީ ނިންމާފައެވެ.

މިމިސްކިތަކީ އިލްމީ ހަޒާނާއެެއްކަހަލަ ލައިބްރަރީއެއް ހުރުމާއެކު އެމިސްކިތުގެ ލައިބްރަރީން ތަފާތު ކޯސްތައް ކިޔަވައިދޭ، މުދިމުކޯސް، ގިރާއަތުކޯސް، ނުހަނު ކުުޑަކުޑަ އަގެއްގައި އަދި ސުންނަތުގެ ހަދީޘް އިލްމު ހިލޭސާބަހަށް ކިޔަވައިދޭ މިސްކިތެކެވެ. މިސްކިތުގެ ނަމާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ތުންތުންމަތިން ދައްކާ އުޅުނަސް އެކަމަށް ސައްހަ ހަބަރެއް އެއްވެސް ނޫހެއްގައި ޖެހިފައެއް ނެތެވެ. މިސްކިތުގެ ނަމަކީ "މަސްޖިދުލް ކައުޘަރު" ކަމަށްވާއިރު މީހުން ކިޔާ ގޮތުންނަމަ އެއީ ގަނޑުވަރު ސައީދުގެ ހަނގު ފިރިހެން ދަރިފުޅު އޭނާގެ އަނބިމީހާގެ ނަމުގައި އެއަނބިމީހާއަށް ބިނާކޮށްދީފަވާ މިސްކިތެކެވެ.

އެހެންނަމަވެސް އެންމެނަށްވެސް އެނގޭ ގޮތުގައި، މުހައްމަދު ސައްތާރު ސައީދުގެ، "ކައުޘަރު" ކިޔާ ޅީދަރިފުޅެއްވެސް އަދި ދަރިފުޅެއްވެސް ނެތެވެ. އަދި ކޮލިގަނޑުވަރުގެ އާއިލާގެ ދުރުހިސާބުންވެސް މިނަން ކިޔާ އެއްވެސް މީހަކު އުޅެފައެއްވެސް ނެތެވެ. އެހެންކަމުން މިނަމާއި މިސްކިތާއި ހުރީ ކޮންގުޅުމެއްތޯއާއި އަދި އެނަމާއި ގަނޑުވަރު އާއިލާއާ ހުރި ގުޅުން ދެނެގަންނަން މީހުން ނޫސްތަކުގައި ލިޔުމަށް ކުރި ސުވާލަށް ގަނޑުވަރުން ދިން އެއްވެސް ޖަވާބެއްގައި "ޖަވާބެއް ނެތް" "ނޯކޮމެންޓްސް" އެއީ ހަމަ ލޯބިވާ މީހެއްގެ ނަމެއް، މިފަދަ ސިއްރުން ފުރިފައިވާ މައުނަވީ ޖަވާބު ނޫން ޖަވާބެއް ނެތެވެ. އަދި އެއްވެސް މީހަކަށް ގަނޑުވަރާ ބެހޭގޮތުން ތޯތޯ ވާހަކައެއް ނުލިޔެވޭނެއެވެ. އަދިވެސް އަތޮޅާއި ގައުމުގައިވެސް އެމީހުންގެ އާއިލާ ބާރުގަދައެވެ.

ޒަޔާންޒޯހާން އައީ ވަރަށް ވަރުގަދަ ދެއުއްމީދަކާއެކުގައެވެ. ފުރަތަމަ އުއްމީދަކީ ނިރާއަށް ކައިވެނި ހުށަހަޅާ އާނބަސް ލިބި ނިރާ ލައްވާ ރަން ކިޔުއްވުމެވެ. އަނެއް އުއްމީދަކީ މިފަހަރު އޭނާގެ މަޖައްލާ އޭނާ ބޭނުންވާ މައުލޫމާތު ލިބިގެން ފުރިހަމަ ކަމާއެކު ނެރެވޭ ގޮތްވުމެވެ. މިދެކަމުގައިވެސް އޭނާއަށް ބޭނުންވަނީ ނިރާގެ އެހީތެރިކަމެވެ. އަދި އޭނާ މިއަތޮޅަށް ދަތުރު ހަދައިގެން އައީ ނިރާގެ އާނބަސް ލިބުނު މެސެޖަށްފަހުގައެވެ. އޭނާގެ އާއިލާގެ ގާތްތިމާގެ މީހަކަށްވެސް އިނީ ލޯބޯކޮށިވެފައި އިން ހުވަފަތް ބޮޑުދައިތައެކެވެ. ޅައުމުރުގައި ޔަތީމު އަރީބަކަށް މިސްކީނަކަށް ވި ޒަޔާންޒޯހާން މިއަދު މަޝްހޫރު މޮޅު ލިޔުންތެރިއަކަށް ހެދީ އޭނާގެ އަޒުމާއި ހިތްވަރާއި ބުރަ މަސައްކަތެވެ.

މިދަތުރުގައި ބޮޑުދައިތަ ގެންނަން ބޭނުންވިޔަސް ދައިތަ އެދުނީ އޭނާ އެކަނި އައިސް ޅީދަރިފުޅު ގޮވައިގެން ދައިތަ ގާތަށް އައުމަށެެވެ. އަދި ޒަޔާންޒޯހާން އައީ އެގޮތަށް އަޒުމު ކަނޑައަޅައިގެން އެހުރިހާ ކަމަކަށް ތައްޔާރުވެގެންނެވެ. މިހާރު ނިރާއާ އެކު ކޮލިގަނޑުވަރާ ދިމާއަށް ދަތުރުކުރަމުން ދިޔަ އަމިއްލަ "ރޭންޖްރޯވާ"ގެ ތެރޭގައި އިން ޒަޔާންޒޯހާންގެ ހިތުގެ ތެޅުން ދަނީ ބޮޑުވަމުންނެވެ. އަނެއްކާ އޭނާގެ މިސުވާލުތަކަށް ޖަަވާބު ދޭން ޖެހުމުން އެއާއިލާ އަލުން އެއްވެސް ހިތާމައެއް ތަކުލީފެއް އުފުލަން ޖެހިދާނެބާވައެވެ. އޭރުން ވާނީ ކިހިނެއްބާވައެވެ.

ޒަޔާންޒޯހާންގެ ހިތުގެ އަޑު ނިރާއަށް ފޯރީ ކަމަށްވެެސްވެދާނެއެވެ. ނިރާ ޒަޔާންޒޯހާންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އަދި ހަަތަރުކަޅި ހަމަކޮށްލުމާއެކު ބޮޑުހިނިތުންވެލުމެއް ދެމުން ލޯމަރާ ބޯހަލުވާލިއެވެ. ހާސްނުވާށޭ، ވާނީ ރަނގަޅަށޭ. ބުނެލި ކަހަލައެވެ. އޭރު ރޭންޖްރޯވާ ގަނޑުވަރުގެ ބޮޑު ދޮރާށްޓާ އަރާހަމަވެއްޖެއެވެ. ޒަޔާންޒޯހާން އެދިމާއަށް ބަލާލިއެވެ. ހަމަހަގީގަތުގައިވެސް މިއީ ގަނޑުވަރެކެވެ. ތަނަވަސް ބޮޑު ގޭޓު ހުޅުވާލުމުން އެތެރެއަށް ވަދެގެން ދިޔަ ރޭންޖްރޯވާގެ ފަހަތުން ގޭޓު ލައްޕާލާފައި ދޮރުވާނު ދުވެފައި އައިސް ކާރުގެ ދޮރުހުޅުވާލަދިނެވެ.

(ނުނިމޭ)