ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދޭ ކަލާސް އެވޯޑުގެ ކުރިއަށް އޮތް ތިން އަހަރުގެ ޓައިޓަލް ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ.

"އެމްޓީސީސީ ކަލާސް އެވޯޑު"ގެ ނަމުގައި ކަލާސް އެވޯޑު ކުރިއަށް އޮތް ތިން އަހަރު ބާއްވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ސްކޫލު ދަރިވަރުން ކުޅިވަރަށް ލޯބި ޖައްސައި ކުޅިވަރުގެ ތެރެއިން ހޯދާ ރީތި ނަން ފާހަގަކުރުމުގެ އިތުރުން، އެ ކާމިޔާބީތަކަށް ހިތްވަރުދިނުމުގެ ގޮތުން ފުރަތަމަ ފަހަރަށް ކަލާސް އެވޯޑް ދިނީ 2014 ވަނަ އަހަރެވެ.

ކަލާސް އެވޯޑު އެންމެ ފަހުން ދިނީ 2019 ވަނަ އަހަރެވެ. އެއީ ކޮވިޑް-19ގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރު ކަލާސް އެވޯޑު ދީފައެއް ނުވެއެވެ.

ކަލާސް އެވޯޑުގެ ސަބަބުން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުޅިވަރުގެ ދާއިރާއަށް ނުކުންނަން އިތުރު ހިތްވަރެއް ލިބިފައިވާ އިރު، މިހާރުވެސް ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ދަރިވަރުންގެ ކާމިޔާބީތައް ގިނަކަން ފާހަގަކޮށްލަންޖެހެއެވެ.