އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ބޮޑު އެއްވުމުގައި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިނުގެންނެވީ އެމްއެންޑީއެފްގެ ސެކިއުރިޓީގެ ހުއްދަ ނުލިބުމުން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ "ނޭވާ ހޮޅިއަށް" ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވައިފައެވެ. އެ ހަރަކާތް މިއަދު ހަވީރު ފެށިއިރު، އެހަރަކާތް ސުލްހަވެރިނުވާނެ ކަމަށް ބުނެ، ހަރަކާތަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް ފުލުހުންގެ އެންގުމަށް ބޯނުލަނބައި އިދިކޮޅުން ވަނީ އެއްވުން ބާއްވައިފައެވެ.
އެ އެއްވުމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
ޕީޕީއެމުން ބުނީ، ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ ސެކިއުރިޓީން ހުއްދަ ދިނުމުން ކަމަށާއި ނަމަވެސް މިއަދުގެ އެއްވުމުގައި ބައިވެރިވުމުގެ ހުއްދަ ސެކިއުރިޓީގެ ފަރާތުން ރައީސް ޔާމީނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ ގެކޮޅުގައި ކަމަށްވެސް ބުންޏެވެ.
މިއަދުގެ މުޒާހަރާ ފެށުމާއެކު، މުޒާހަރާގެ ބައިވެރިންނަށް ފުލުހުންނަށް ވަނީ ހުރަސް އަޅައިފައެވެ. އަދި ވަކި ހިސާބަކުން ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަގައި އެއްވުން ރުޅާލަން މަސައްކަތްކޮށް ބައެއް މީހުން ހައްޔަރުކޮށްފައެވެ.
އޭގެ ތެރޭގައި އިދިކޮޅު ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހިމެނެއެވެ.
ޕީޕީއެމުން ބުނި ގޮތުގައި "އިންޑިއާ އައުޓް" ހަރަކާތުން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު