ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭގައި ނައިޓް މާކެޓެއް ކުރިއަށް ގެންދަން މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރްޔަމް ޝިއުނާ "ވަން" އަށް މިއަދު ވިދާޅުވީ ނައިޓް މާކެޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ހޯމައިން ފެށިގެން ދިހަ ދުވަހުގެ މުއްދަތަކަށް ކަމަށެވެ. ނައިޓްމާކެޓް ކުރިއަށްދާނީ މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.

ރޯދައާ ދިމާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ނައިޓް މާކެޓްގެ ކޯ-އޯގަނައިޒަރަކީ މައި ފިއުޗާ ޕްރައިވެޓް ލިމިޓެޑްއެވެ.

ޝިއުނާ ވިދާޅުވީ، ނައިޓްމާކެޓްގެ މޭޒު ވިއްކުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައި ކައުންސިލްގެ އާންމު ހިދުމަތްތަކާބެހޭ ބައިގެ ގޯތި ތެރޭގައި ކަމަށެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ ދެ ސަަރަހައްދެއްގައި ވަގުތީ މާރުކޭޓުވެސް ގާއިމްކުރަން ނިންމައިފައެވެ. ނަމަވެސް އެ މަސައްކަތް ފެށޭނެ ތާރީހެއް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.