(18 މާޗްގެ އަދަދާ ގުޅޭ)
1980 ވަނަ އަހަރު ޖަރުމަންވިލާތުގެ ޚާރިޖިއްޔާއިން އިސްލާމްދީނުގެ މައުޟޫޢުގައި ސެމިނާރެއް ބޭއްވިއެވެ. އެ ސެމިނާރ އަށް އަޅުގަނޑު އެ މަޒުމޫނު ހުށަހެޅީމެވެ. އެ ސެމިނާރގެ މަޤްޞަދަކީ ޖަރުމަންވިލާތުގެ ސަފީރުންނަށް އިސްލާމްދީނާއި، އިސްލާމީ ޤައުމުތަކުގެ ޙާލަތާއި، ކަންހިނގާ މަގު އޮޅުންފިލުވައިދިނުމެވެ. އެ ދުވަސްވަރު މިޞުރުގެ އިމާމަކާ އަޅުގަނޑާ ބައްދަލުވިއެވެ. އަޅުގަނޑު އޭނާއަށް އަޅުގަނޑުގެ މަޒުމޫނު ބައްލަވާލައްވަން އެރުވީމެވެ. އޭނާ އެ މަޒުމޫނު ވިދާޅުވުމަށްފަހު އަޅުގަނޑު ގާތު ވިދާޅުވިއެވެ.
"ސާދަ ޞަފުޙާގެ މައްޗަށް އެކުލެވިފައިވާ މި މަޒުމޫން އެނގެނީ ކަލޭ އިސްލާމްވެއްޖެ ކަމެވެ." އެ އަޑު އިވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. މިޞުރުގެ އިމާމު އަނެއްކާވެސް ސުވާލުކުރެއްވިއެވެ. "އެ މަޒުމޫނުގައި ކަލޭ ލިޔެފައި ހުރި ވާހަކަތައް ކަލޭ ޤަބޫލުކުރަމުހެއްޔެވެ؟" އަޅުގަނޑު އާދޭހޭ ދަންނަވައި ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވެއްޖައީމެވެ."
ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އިސްލާމް ދީން ރޫޙާނީ ގޮތުން އޭނާގެ ހިތްޕުޅު މައިތިރިކޮށް ހަމަޖައްސައިދިނެވެ. އޭނާގެ ޙަޔާތްޕުޅުގެ ވަޒަން ހަމަކޮށްދިނެވެ. އޭނާގެ އަމިއްލަފުޅު ނަފްސާމެދު ޔަޤީންކަން އުފައްދައިދީ އޭނާއަށް ހިތްގައިމުކަން ހޯދައިދިނެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އިސްލާމްދީނުގެ ބަރަކާތްތެރި ދާއިރާއަށް ވަނުމުން އަޅުގަނޑަށް ވަރަށް ގިނަ އަޚުންތަކެއް ލިބިގެން ދިޔައެވެ. އެބައިމީހުންނާއެކު އަޅުގަނޑުގެ އުފަލާއި ހިތާމަ ޙިއްޞާކުރީމެވެ. އިސްލާމީ އުޚުއްވަތާއި އެއްބަނޑު އެއްބަފާކަމުގެ ދަގަތްފާނީބާރު އަޅުގަނޑަށް އެންމެ ބޮޑަށް އިޙްސާސްވީ 1988 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޢުމްރާއެއް ވުމަށްޓަކައި އަޅުގަނޑު މައްކާއަށް ކުރި ދަތުރުގައެވެ. ޖިއްދާގެ ޕާސްޕޯޓު އޮފީހުގެ އޮފިސަރެއް ވަރަށް ފަރުވާތެރިކަމާއެކު އެތަކެއް ފަހަރު އަޅުގަނޑުގެ ވިސާ ޗެކްކުރިއެވެ. އޭނާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ކޮންމެވެސް މައްސަލައެއް އުޅެނީ ނޫންބާވައޭ އޭނާގެ ހިތަށް އެރިހެން ހީވިއެވެ. ނަމަވެސް ކުއްލިއަކަށް އަޅުގަނޑަށް ފެނުނީ އޭނާގެ ލޮލުން ކަރުނަ އޮހޮރިގަތްތަނެވެ. އޭނާ ދުވެފައި އައިސް އަޅުގަނޑާ އޮޅުލައިގަތެވެ. އޭނާގެ ހިތަށް ކުޅަ އަސަރުގެ ވަރުގަދަކަމުން ބޭއިޚްތިޔާރުގައި "އަހަރެންގެ އިސްލާމީ އަޚާއެވެ." އޭނާއަށް ގޮވައިލެވުނެވެ.
އަޅުގަނޑަށް އެތައް ފަހަރަކު ފެނި ތަޖުރިބާކުރެވިފައިވާ ގޮތުގައި އިރުމަތީގެ މުސްލިމަކަށް އޭނާގެ މުސްލިމު އަޚަކު ފެންނަ އިރަށް އުފަލުން ނަށައިގަނެވެއެވެ. އުފަލުން ހަޅޭއްލަވައިގަނެވެއެވެ. ހުޅަނގުގެ މީހުންނަށް އެ އިޙްސާސް ވިސްނައިގަނެވޭނީ ކިހިނަކުންތޯއެވެ؟ އެމީހުން ދަންނަ ގޮތުގައި މުސްލިމުންގެ މެދުން އިންސާނީ ޖަޒުބާތު ވަނީ ނެތިވެ ގޮސްފައެވެ.
25 ޑިސެމްބަރު 1980 ގައި ޑޮކްޓަރ މުރާދު އިސްލާމްވެވަޑައިގެންނެވި ކަން އިޢުލާން ކުރެއްވުމަށް ފަހު ކުރިޔަށްވުރެވެސް ވަރުގަދަޔަށް އިސްލާމްދީން އުނގެނިވަޑައިގަންނަވާން ފެށްޓެވިއެވެ.
ޑޮކްޓަރ މުރާދު އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ލިޔުއްވައިފައިވެއެވެ:
"އަޅުގަނޑުގެ ފޮތެއް ކަމުގައިވާ "ޑައެރީ އޮފް އަ ޖަރމަން މުސްލިމް" ލިއެފައި ޖަރުމަންގެ ޚާރިޖިއްޔާއަށް ހުށަހެޅުމުން ޖަރުމަންގެ ޚާރިޖިއްޔާއިން އެ ފޮތަށް ދިނީ ވަރަށް އެދެވޭ ތަރުޙީބެކެވެ. ޚާރިޖިއްޔާއިން އެ ފޮތާ ޤަބޫލުވިއެވެ. ޚާރިޖިއްޔާއިން ދެކޭ ގޮތުގައި އިސްލާމީ ޤައުމުތަކުގައި ތިއްބަވާ ޖަރުމަން ސަފީރުންނަށް އިސްލާމްދީން އެނގިވަޑައިގަންނަވަން ޖެހޭނެއެވެ. އަޅުގަނޑުގެ ފޮތަކީ އިސްލާމްދީނުގެ މައުޟޫޢުގައި ވަރަށް ރަނގަޅު ފޮތެއްކަމުގައި ޚާރިޖިއްޔާއިން ބަލައިގަތެވެ. އިސްލާމީ ޤައުމުތަކުގައި ތިއްބަވާ ހުރިހާ ޖަރުމަނު ސަފީރުން މުޠާލިޢާ ކުރެއްވުމަށްޓަކައި އެފޮތް ފޮނުވުމަށް ޚާރިޖިއްޔާއިން އެންގިއެވެ. އެ ހުރިހާ ސަފީރުންވެސް އެފޮތާ ވަރަށް ޤަބޫލުފުޅުވިއެވެ. އެފޮތަށް ވަރަށް ތާރީފު ކުރެއްވިއެވެ. އެއަށް ފަހު އަޅުގަނޑު ބަދަލުވީ ސޯޅަ ޤައުމެއްގެ މައްޗަށް އެކުލެވޭ ނޭޓޯގެ އިންފޮމޭޝަނާ ބެހޭ އިދާރާގެ ޑައިރެކްޓަރަކަށެވެ."
ޑޮކްޓަރ މުރާދަށް ނޭޓޯގެ ޑައިރެކްޓަރެއްގެ މަޤާމު ހޯދައިދިނުމަށް އެހީތެރިވީ އޭނާގެ ތިލަފަތް ހަމަ ޚިޔާލުފުޅާއި، އޭނާގެ ތެދުވެރިކަމާއި، ވިސްނުންފުޅު ތޫނުކަމެވެ. ހުޅަނގުގެ މީހުންގެ ހިތްތަކުގައި އިސްލާމްދީނާމެދު އޮންނަ ރުޅިޔާއި، ޙަސަދައާއި، ހިތްނުބައިކަން އޭނާއަށް ރަނގަޅަށް އޮޅުންފިލައިވަޑައިގަތީވެސް އޭނާއަށް އެމަޤާމު ލިބިވަޑައިގަތުމަށް ފަހުގައެވެ.
ނޭޓޯގެ ޑައިރެކްޓަރެއްގެ ޙައިޘިއްޔަތުން ޑޮކްޓަރ މުރާދު އޭނާގެ ތަޖުރިބާ އިތުރަށް ބަޔާންކުރައްވައިފައި ވަނީ މިދަންނަވާ މޭރުމުންނެވެ.
"ނޭޓޯގެ މައިއޮފީހަށް އަހަރަކު ތިރީހަކަށް ހާސް މީހުން ޒިޔާރަތްކުރެއެވެ. އެތާނގެ މަސައްކަތް ހުންނަ ގޮތް ބަލައިލުމަށެވެ. އަޅުގަނޑުމެން އެބައިމީހުންނަށް ނޭޓޯއާ ބެހޭ ފިލްމުތައް ދައްކަމުއެވެ. ނޭޓޯ މަސައްކަތްކަތްކުރާ ގޮތް އޮޅުންފިލުފައިދެމުއެވެ. އެގޮތުން އަންނަ މީހުންނާއެކު މެންދުރުގެ ކެއުމުގައި ބައިވެރިވާން އަޅުގަނޑަށް ޖެހެއެވެ. އަޅުގަނޑު ތަށްޓާއި އުލާއި ސަމުސަލާ ހިފައިގެން އެއްކަނެއްގައި މަޑުމަޑުން އިންނަމެވެ. ކެއުމުގައި ބައިވެރިއެއްނުވަމުއެވެ. އަޅުގަނޑު އުޅެނީ ބަލިވެތޯ މީހުން ސުވާލުކުރެއެވެ. އަޅުގަނޑު ޖަވާބު ދެމެވެ. ނޫނެކެވެ. އަހަންނަކީ މުސްލިމެކެވެ. ޙަލާލު ގޮތުގައި ނުކަތިލައި ހުންނަ ޖަނަވާރުގެ މަހާއި އެ ނޫންވެސް ޠާހިރުނޫން ތަކެތި ކައެއް ނުއުޅެމެވެ. ރޯދަމަހު އަޅުގަނޑު ކެއުމުގައި ބައިވެރި ނުވާތީ ސުވާލުކުރާ މީހުންގާތު އަޅުގަނޑު މިހިރީ ރޯދައަށެވެ ފާޅުގައި ބުނަމެވެ.
މެންދުރު ކެއުމުގެ ވަގުތުގައި ވާހަކަދެކެވެނީ ހަމައެކަނި ނޭޓޯއާ ބެހޭ ގޮތަކުންނޫނެވެ. އިސްލާމްދީނާއި މުސްލިމުންނާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވެއެވެ. އެވާހަކަފުޅުތަކާ ބެހޭގޮތުން ޑޮކްޓަރ މުރާދު ވިދާޅުވާ ގޮތުގައި އެގޮތުން ދެކެވޭ ވާހަކަފުޅުތަކުގެ ތެރޭގައި ޔޫރަޕްގެ ޒުވާނުން ކްރިސްޓިއަނިޓީއާ ދުރުހެލިވަމުންދާ ވާހަކަވެސް ދެކެވެއެވެ. އެފަދަ ވާހަކަފުޅު ތަކުގެ ތެރޭގައި ދުނިޔެއަށް މިވަގުތު ވަނީ ކްރިސްޓިއަނިޓީގެ ބަދަލުގައި އެހެން ދީނަކަށް ބޭނުންވެފައި ކަމަށް މުރާދު ވިދާޅުވުމުން އޭނާގެ ހުރިހައި އެކުވެރީން އެކަމާ އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ޑޮކްޓަރ މުރާދު އޭނާގެ އެކުވެރިންގެ އަރިހުގައި ޔޫރަޕަށް އެންމެ ރަނގަޅު ނިޒާމަކީ އިސްލާމްދީން ކަމުގައްޔާއި ޚުދު އޭނާއަކީވެސް މުސްލިމެއް ކަމުގައި ވިދާޅުވުމުން އެބޭފުޅުން ހީފުޅުކުރައްވަނީ އޭނާ ސަމާސާ ކުރައްވަނީ ކަމުގައެވެ. ޑޮކްޓަރ މުރާދު އޭނާގެ ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ލިޔުއްވައިފައިވެއެވެ.
އަޅުގަނޑު ނޭޓޯގެ ޑައިރެކްޓަރަކަށް ހުއްޓައި އަލްޖީރިއާއަށް ކަނޑައެޅިފައިވާ ޖަރުމަންވިލާތުގެ ސަފީރުކަމަށް އަޅުގަނޑު ބަދަލުކޮށްފިއެވެ. އަޅުގަނޑު އެ މަޤާމަށް ހަމަޖެއްސުމުގެ ކުރީން ޚާރިޖިއްޔާގައި ވަރުގަދަ ބަޙްޘެއް ހިނގިއެވެ. ކްރިސްޓިއަން ޤައުމެއްގެ ސަފީރުކަމަށް މުސްލިމަކު ޢައްޔަންކުރުމާ މެދުގައެވެ. އެންމެ ފަހުން ޖަރުމަން ސަރުކާރުން ނިންމީ ޖަރުމަންގެ ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ބޭނުން ދީނެއް އިޚްތިޔާރު ކުރެވިދާނެ ކަމުގައެވެ. ޖަރުމަންގެ ކޮންމެ ރައްޔިތަކަށްވެސް އެ ޤައުމުގެ ސަފީރުކަމުގެ މަޤާމުވެސް ފުރިދާނެ ކަމުގައެވެ.
މަޝްހޫރު މުޞައްނިފު ފުކުޔާމާ އޭނާގެ ފޮތެއް ކަމުގައިވާ "ދަ އެންޑް އޮފް ހިސްޓްރީ" ލިޔުއްވީ އަޅުގަނޑު އަލްޖީރިޔާގައި ހުންނަ ޖަރުމަންވިލާތުގެ ސަފީރުކަމުގެ މަޤާމުގައި ހުއްޓައެވެ. އެފޮތުގައި އޭނާ ލިޔުއްވައިފައި ވަނީ މިހާރު އިންސާނިއްޔަތުގެ ތާރީޚުގެ އެންމެ ފަހު ބާބު ލިޔެވޭން ފެށިފައިވާ ކަމުގައެވެ. އިންސާނިއްޔަތުގެ އޮއްސުމުގެ ވަގުތު ޖެހިއްޖެކަމަށާއި، އިންސާނިއްޔަތު ސަލާމަތް ކުރެވޭ ފަދަ އެއްވެސް ނަޒަރިއްޔާއެއް ދުނިޔޭގައި ނެތްކަމުގައެވެ. ދުނިޔެ ވަނީ ހަލާކުގެ އޮޅިގަނޑުމަތީގައި ކަމުގައެވެ. ސޮވިއެޓް ޔޫނިއަން ރޫޅުމާއި ކޮމިޔުނިސްޓް ނަޒަރިއްޔާ ނާކާމިޔާބުވުމާއި ހުޅަނގުގެ އަޚުލާޤީ ވެއްޓުމާއި، ކެޕިޓަލިޒަމްގައި ހުއްދަނޫން ފައިދާ ހޯދުން އިންތިހާޔަށް ދިއުމާއި މިފަދަ މުހިންމު އެތައް ބާބުތަކެއް އެފޮތުގައި ހިމެނެއެވެ. އެފޮތުގައިވާ ގޮތުގައި މިހާރު ދުނިޔޭގައި އޮތީ ހަމައެކަނި ޖުމްހޫރީ ނިޒާމާއި، މޮޑަނިޒަމާއި، ސެކިޔުލަރިޒަމެވެ. އެފޮތްކިޔުމަށް ފަހު އަޅުގަނޑު ކަނޑައެޅީ އެފޮތަށް ޖަވާބުދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއްކަމުގައެވެ. އެހެންކަމުން އެފޮތުގެ ޖަވާބުގައި "އިސްލާމް ދި އޯލްޓަރނެޓިވް" ގެ ނަމުގައި އަޅުގަނޑު ފޮތެއް ލިޔަން ފަށައިފީމެވެ. ރެއެއްދުވާލެއްނެތި މަސައްކަތް ކޮށްގެން ތިން ހަފްތާގެ ތެރޭގައި އެފޮތް ނިންމައިފީމެވެ.
އެފޮތުގައި އަޅުގަނޑު ބުނެފައިވާނީ ތާރީޚު ނިމުމަކަށް ނުދާ ކަމުގައެވެ. މިހައިތަނަށް ދުނިޔެއަށް ތަޢާރުފުވެފައިވާ ނިޒާމުތައް ނާކާމިޔާބުވުމަށްފަހު އިންސާނިއްޔަތު ހަލާކުން ސަލާމަތްކޮށްދޭނެ ނިޒާމެއްގެ ޙައިޘިއްޔަތުން ބަދަލު ނިޒާމަކަށް އޮތީ ހަމައެކަނި އިސްލާމްދީން ކަމުގައެވެ. މިއަދުގެ ދުނިޔެ ހަލާކުން ސަލާމަތްކޮށްދެވޭނީ ހަމައެކަނި އިސްލާމްދީނަށް ކަމުގައެވެ. އިސްލާމްދީނާމެދު މުޅި ދުނިޔެ ވިސްނައި ފިކުރުކުރަންޖެހޭނެ ކަމުގައެވެ. އިސްލާމްދީނަކީ އަފުރާދުންނާއި ޖަމާޢަތުގެ ހުރިހާ މައްސަލަތަކުގެ ހަމައެކަނި ޙައްލުކަމުގައެވެ. އިސްލާމްދީނަކީ އިލާހީ ނިޒާމެއް ކަމަށާއި، އެނިޒާމު އިންސާނީ ފިޠުރަތާއި އެއްގޮތް ކަމުގައެވެ. އިސްލާމީ ނިޒާމު ބާވައިލެއްވީ މާތް ﷲ ކަމަށާއި، އެކަލާނގެއީ އެންމެހައި އިންސާނުންގެ ޚާލިޤު ކަމުގައެވެ.
އެފޮތް ނިންމުމަށްފަހު އަޅުގަނޑު އަށް ޕަބްލިޝަރެއްގެ ގާތަށް އެފޮތް ފޮނުވީމެވެ. އޭގެ ތެރެއިން ދެފަރާތަކުން އެފޮތް ޝާއިޢު ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރިއެވެ. އެއް ޕަބްލިޝަރަކާއެކު އަޅުގަނޑު އެފޮތް ޝާއިޢުކުރުމުގެ އެގްރީމެންޓެއް ކޮށްފީމެވެ. އެއީ ޖަރުމަންވިލާތުގެ ވަރަށް މުހިންމު ޕަބްލިޝަރެކެވެ. އެބައި މީހުން އެފޮތް ޝާއިޢުކުރީ 1992 ވަނަ އަހަރުގެ ބަހާރު މޫސުމުގައެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު