ރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ގުޅުންތަކަށް އިހުތިރާމުކުރުމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށާއި، ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.

އީސީގެ މިއަދުގެ މި އިލްތިމާސަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ މާލޭގައި ބާއްވަން ހަމަޖައްސާފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ބާއްވާ "ނޭވާ ހޮޅިއަށް" އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ ފުލުހުން އިންޒާރުދީފައިވަނިކޮށެވެ.

އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ގާނޫނާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރޭގައިކަން ޕާޓީތަކަށް ހަނދާންކޮށްދީފައެވެ.

"ޕާޓީތަކުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ސިޔާސީ ހަރަކާތްތައް ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުމާއި ދައުލަތުގެ ހާރިޖީ ސިޔާސަތުތަކާއި ހާރިޖީ ގުޅުންތަކަށް އިހުތިރާމުކުރުމާއެކު ކުރިއަށްގެންދެވުމަށާއި ދައުލަތުގެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން މި ކޮމިޝަނުން އިލްތިމާސްކުރަމެވެ..،" އީސީން ބުންޏެވެ.

އީސީން އިތުރަށް ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫގެ ތެރެއިން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އަބަދުވެސް އެ ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، ހުކުރު ދުވަހުގެ އެއްވުމަކީ، ސުލްހަވެރިކަމާއެކު މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމަކަށް ނުވާތީ، އެ އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެއްވުން ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެ އެއްވުމުގައި ބައިވެރިވެ، ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުވާ ކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށެވެ.

އެ އެއްވުމުގައި މާލޭގެ ގޭންގުތަކުން ބައިވެރިކޮށްގެން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އަދި އެފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލައި، ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

ފުލުހުން އިންޒާރު ދިން ނަމަވެސް، އިދިކޮޅުން ބުނީ އެއްވުން ކުރިއަށްދާނެ ކަމަށާއި އެއްވުމުގައި ގޭންގުތައް ބައިވެރިވާ ނަމަ އެއީ ހަމަނުޖެހުން ހިންގަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީން ކުރުވާ ކަމެއް ކަމަށެވެ.