ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ޤަޟާއީ އަހަރު" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު "ޤަޟާއީ އަހަރު 2022" އިފްތިތާހުކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ޤަޟާއީ އަހަރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވި މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތަށް ކަނޑައެޅުމެވެ.
މި ރަސްމިއްޔާތުގައި ޝަރުއީ ދާއިރާގެ މިދިޔަ އަހަރުގެ މަސައްކަތްތައް އަދި މިއަހަރުގެ ލަނޑުދަނޑިތައް ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ވެސް ވަނީ ދައްކައިފައެވެ.
މި ރަސްމިއްޔާތުގައި ވަނީ، ޝަރުއީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތައާރަފްކުރި ތިން އެޕްލިކޭޝަނެއް އިފްތިތާހުކޮށްފައެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އާ ވެބްސައިޓްވެސް އިފްތިތާހުކޮށްފައެވެ.
ޝަރުއީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތައާރަފްކުރި ތިން އެޕްލިކޭޝަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިފްތިތާހުކޮށްދެއްވިއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ވަނީ ސްޓޭޓް އޮފް ޖުޑީޝަރީ އެޑްރެސް އިއްވަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު