ކުޅިވަރު

ފ. އަތޮޅު ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ބިލެއްދުއަށް، އަންހެން ޗެމްޕިއަންކަން މަގޫދުއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް"ގެ ފުރަތަމަ މުބާރާތް ފ. އަތޮޅުގައި ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އިއްޔެ އާއި ރޭ ފ. އަތޮޅު މުބާރާތުގެ ފައިނަލްތައް ކުޅެފައިވާ އިރު، އެ އަތޮޅުގެ ފިރިހެން ޑިވިޝަން ޗެމްޕިއަންކަން ހޯދީ ބިލެއްދޫންނެވެ. އަންހެން ޑިވިޝަން ތަށި ހޯދީ މަގޫދޫންނެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބިލެއްދޫ ރައިޒިން ސްޓާސް އެކެޑަމީން ހޯދީ ފައިނަލުގައި އިއްޔެ ހަވީރު 3-1 ސެޓުން މަގޫދޫ ބަލިކޮށްގެންނެވެ. ރޭ ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލުގައި މަގޫދޫން ހޯދީ ތިން ސެޓުން ދަރަނބޫދޫގެ ޕާޕަލް ޕަވާސް ޓީމު ބަލިކޮށްގެންނެވެ.

ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ބިލެއްދޫން ފުރަތަމަ ސެޓު 17-25 އިން ގެންދިޔަ ނަމަވެސް ދެން ކުޅުނު ސެޓު ގެންދިޔައީ 26-24 އިން މަގޫދޫއެވެ. އެ ސެޓު މަގޫދޫން ގެންދިޔަ ނަމަވެސް ދެން ކުޅުނު ދެ ސެޓު 25-15 އާއި 25-19 އިން ގެންގޮސް، ބިލެއްދޫން ޗެމްޕިއަންކަން ޔަގީން ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ބިލެއްދޫ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ވެސް ކުޅުންތެރިޔާ، އަހުމަދު ނާފިއުއެވެ.

އަންހެން ފައިނަލުގައި ދަރަނބޫދޫ ކައިރިން މަގޫދޫން ސެޓުތައް ގެންދިޔައީ 25-23، 08-25 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މަގޫދޫގެ އައިޝަތު ރީމާއެވެ.

މަގޫދޫ އަންހެން ޓީމާއި ބިލެއްދޫން ފިރިހެން ޓީމުންވެސް މުބާރާތް ނިންމާލީ މެޗަކުން ބަލިނުވެއެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 12،000 ރުފިޔާ ދިންއިރު، ރަނަރަަޕަށް ވަނީ 5،000 ރުފިޔާ ދީފައެވެ.

އަޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވާ ވޮލީގެ އެންމެ ބޮޑު މުބާރާތެވެ. ވީއޭއެމުން ނިންމާފައި އޮތީ އަތޮޅު މުބާރާތުގެ އަތޮޅު ބުރު، އަތޮޅު ކައުންސިލުތަކުން ހުޅުވާލައިގެން އިންތިޒާމު ކުރާ ގޮތަށެވެ. ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އެހީތެރިކަމާއެކު 20 އަތޮޅުގައި 20 މުބާރާތް ބޭއްވުމުގެ ޓާގެޓެއް ވީއޭއެމްގެ އެބައޮތެވެ.

އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަތޮޅު މުބާރާތްތައް ނިމުމުން ދެން އޮންނާނީ ހަތް ޒޯނެއްގެ މެދުގައި ކުޅެވޭ ޒޯން މުބާރާތްތަކެވެ. ޒޯން އެކެއްގައި އޮތީ ހއ، ހދ އަދި ށ އެވެ. ޒޯން ދޭއްގައި އޮތީ ނ، ޅ، ބ އަދި ރ އެވެ. ޒޯން ތިނެއްގައި އޮތީ ކ، ވ، އއ އަދި އދ އެވެ. ޒޯން ހަތަރެއްގައި އޮތީ މ، ފ އަދި ދ އެވެ. ޒޯން ފަހެއްގައި އޮތީ ތ އަދި ލ އެވެ. ޒޯން ހައެއްގައި އޮތީ ގއ އާއި ގދ އެވެ. އަދި ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

ޒޯން ޗެމްޕިއަނުންނަށް އެސޯސިއޭޝަން ކަޕްގެ ތެރެއިން ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެއީ ހަތް ޒޯން ޗެމްޕިއަނުން އެސޯސިއޭޝަން ކަޕްގެ ފައިނަލް ބުރުގައި ކުޅެގެންނެވެ.