ވަޒީފާއެއް އަދައެއް ނުކުރެ އެވެ. އުޅެނީ ލަގްޒަރީ ފެންވަރުގަ އެވެ. ކައިރީގައި ތިބޭ މީހުންނަކީވެސް އެއްވެސް ވަރަކަށް ވަޒީފާ އަދާކުރާ ބައެއް ނޫނެވެ. ދުވާލަކު އެތައް ފަހަރެއްގެ މައްޗަށް ސޯޝަލް މީޑިއާއަށް ފައިސާ ބޮނޑިތަކުގެ ވީޑިއޯއާއި ފޮޓޯ ދޫކޮށްލަ އެވެ. އެކަމަކުވެސް އަދާ ކުރާ ވަޒީފާއެއް ނެތެވެ. ކޮންމެ ބްރޭންޑަކުން ކާރެއް އޮވެ އެވެ. ލޯންޗު ފަހަރު ހުރެއެވެ. އަމިއްލަ ސަފާރީ ހުރެއެވެ. ރެސްޓޯރަންޓުތައް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއީ އުމުރުން 35 އަހަރު ނުވާ ޒުވާނެއްގެ ވާހަކަ އެވެ. މިވާހަކަތައް "ވަން" އާ ހިއްސާކުރި މީހާގެ ހަމަ އެކަނި ޝަރުތަކީ އޭނާގެ ނަން މި ރިޕޯޓުން އުނި ކުރުމެވެ. ހުރިހާ ވާހަކައެއް ކިޔައިދިނީ މިއިން އެއްވެސް ވާހަކައެއް ރެކޯޑު ނުކުރުމަށް ޝަރުތު ކުރަމުންނެވެ. އެކަމަކު ހެއްކާއި ގަރީނާ އޭނާ ދެއްކި އެވެ. އޭނާ ބުނާގޮތުގައި އެއްވެސް މީހަކަށް އެއިން ހެއްކެއް ދޭން އޭނާ ބޭނުމެއް ނުވެ އެވެ. ބުނިހާވެސް އެއްޗަކީ ސޯޝަލް މީޑިއާ ހާވައިލުމުން އެ ހުރިހާ އެއްޗެއް ފެންނަން ހުންނާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ އާންމު އެއް ވަބާ އަކީ އަދި ފިލައިގެން ނުދާ އެއް ވަބާއަކީވެސް މަސްތުވާތަކެތީގެ ވަބާއެވެ. މި ވަބާގައި އެ ޒުވާނާ ޖެހުނުގޮތްވެސް އޭނާގެ ގާތް މީހާ ވަނީ ކިޔައިދީފަ އެވެ.

އެގޮތުން މަދަރުސީ ދައުރު ރަށު ސްކޫލުން ނިންމާލާފައި އޭނާ މާލެ އައީ މަތީތައުލީމު ހޯދުމުގެ ނިޔަތުގަ އެވެ. އެކަމަކު އަތުގައި ހިފީ ކިޔެވުމެއް ނޫނެވެ. މަސްތުވެ އެތަކެތި ވިއްކައި ވިޔަފާރި ކުރާ ބައެއްގެ ތެރެއަށް އޭނާ ގެނބެންފެށި އެވެ. ނޭވާ ހޮޅިއަށް އެޅުމުގެ ކުރިން ސަލާމާތްވާން މަސައްކަތްވެސް ކުރި އެވެ. ރަނގަޅު ވަޒީފާއެއް ހޯދައި އެތަނުގައި ދެތިން އަހަރު ހޭދަކުރި އެވެ.

"އޭނަ އަބަދުވެސް ލަގްޒަރީކޮށް އުޅެން ބެނުންވާނެ. އަނެއްކާ އޭނަގެ އަންހެނުންނަކީވެސް އެހާ ޕޮޝް ލައިފެއްގަ އުޅެން ބޭނުންވާ މީހެއް. ދެން އޭނަ ފަހުން ފަހުން އައިސް ވަޒީފާއަށް ނުގޮސް ހުއްޓާލީ. އޭރު ކައިވެންޏެއް ނުކުރޭ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން އެ ބޭއްވި ކައިވެނީގެ ހަފުލާގެ އަގު އެކަނިވެސް ތިން ހަތަރު ލައްކައަށް އަރާނެ. އެކަމަކު އޭރު ވަޒީފާ އަށް ނުގޮސް ހުންނަތާ ތިން ހަތަރު އަހަރު ވެދާނެ." ޒުވާނާގެ ކަންކަން ރަނގަޅަށް އެނގޭ މީހާ ބުންޏެވެ.

މި މީހާގެ ވާހަކަތަކުގެ ހަގީގަތް ހޯދަން މަސައްކަތް ކުރީމެވެ. އޭނަގެ ވާހަކައިގައި އެއްވެސް ތަފާތެއް ނެތެވެ. މިއީ ރާއްޖޭގެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ޒުވާން ދެމަފިރިއެއްގެ ވާހަކަ އެވެ. އަންހެން މީހާވެސް ކައިވެނި ކުރުމުގެ ހައެއްކަ މަސް ކުރިން ވަޒީފާ ދޫކޮށްލީ އެވެ. އެހެން ނަމަވެސް މާލޭގައި އެމީހުން ދިރިއުޅޭ އެޕާޓުމަންޓަކީ އަހަރު ދުވަހުގެ ކުލި އެއްފަހަރާ ދައްކައިގެން ނަގާފައިވާ އެޕާޓުމަންޓެއް ކަން ވަނީ އެނގިފަ އެވެ. އެ އެޕާޓުމަންޓުގެ ޑިޒައިންތައް ބަދަލުކޮށް ލަގުޒަރީ ފެންވަރަކަށް އެ އެޕާޓުމަންޓު ވަނީ ހަދައިފަ އެވެ. ދެމީހުންކުރެ އެކަކުވެސް ވަޒީފާ އަދާ ނުކުރާއިރު، މިވަރަށް ފައިސާ ހޯދަނީ ކިހިނެއްތޯ އާއިލާގެ ބައެއް މީހުންވެސް ސުވާލު އުފައްދައެވެ.

އާއިލާގެ ފަރާތުން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ، ކައިވެނީގެ ހަފުލާއަށް ހަރަދު ކުރާވަރުވެސް އެ ދެމަފިރިންގެ އަތުގައި ނުހުންނާނެ ކަން ޔަގީންވާ ކަމަށެވެ. އެކަމަކު ކުއްލިއަކަށް އެފައިސާ ހޯދީ ކޮންތާކުން ކަމެއް ނޭނގޭ ކަމަށާއި އަހަރަކު ހައެއްކަ ފަހަރު ބޭރު ގައުމުތަކަށްގޮސް އެންމެ މުއްސަނދިކޮށް އުޅެފައި އެމީހުން އަންނަނީ ކޮންތާކުން ހޯދާ ފައިސާއަކުން ކަމެއްވެސް ނޭނގޭ ކަމަށެވެ.

"އަހަރަކު ހައެއްކަ ފަހަރު ދުބާއީ، ބެންކޮކް، ތުރުކީ މިކަހަލަ ބޮޑެތި ގައުމުތަކަށް ދަތުރުކުރާނެ. ނުވިތާކަށް އެކުގަ އުޅެ ރައްޓެހިން ގޮވައިގެންވެސް މި ގައުމުތަކަށް ދާނެ. އަނެއްކާ ހުރިހާ ބުރޭންޑެއްގެ ކާރުތައްވެސް ގެންގުޅޭ. ކީކޭ ބުނާނީ. މީހުން ބުނޭ ޑުރަގުގެ ވިޔަފާރި ކުރަނީ އޭ. އެއީ ހަގީގަތެއް ކަމެއް ނޭނގޭ. އެކަމަކު ވަޒީފާ އަކަށް ނުދާ ދެމަފިރިން މިހާ މުއްސަނދިކޮށް އުޅޭނީ ކޮންމެވެސް ކަމެއް ކުރާތީ. އެނގޭހާވެސް އެއްޗަކީ ގޭގަ ހުރެގެން އާމްދަނީ ހޯދަންވެސް މަސައްކަތެއް ނުކުރާކަން. ނުވިތާކަށް ގެންގުޅޭ ރައްޓެހިން ތިބެންވެސް ތަނެއް ހިފާފަ ހުންނަނީ." އޭނާ ބުންޏެވެ.

މިއީ އެންމެ ދެމަފިރިއެއްގެ ވާހަކަ އެވެ. މިފަދަ އެތައް ބަޔަކު މި ކުޑަ ކުޑަ ރާއްޖޭގައި އެބަތިއްބެވެ. މަދަރުސީ ދައުރު ނިންމާލާފައި މާލެ އަށް އަންނަ ބައެއް ކުދިންގެ "ބެކް ޕެކާސް"ގެ ގޮތުގައި ތިބެނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރާ އަދި އެ ބޭނުންކުރާ މީހުންނެވެ. މަދު ރުފިޔާ ކޮޅަކާއި ބޯހިޔާ ކޮށްލާނެ ތަނެއް ދީފައި އެކުދިން ހައްދައިލަނީ އެވެ. ދެން އެކުދިން ބޭނުން ކުރަމުން ދަނީ މަސްތުވާތަކެތި އުފުލާ "ބޯޓުފަހަރު"ގެ ގޮތުގަ އެވެ.

އަދިވެސް އެއްވާހަކައެވެ. ރާއްޖޭގެ ދެކުނުގެ ރަށަކަށް ނިސްބަތްވާ އަންހެނެކެވެ. އޭނާއަކީ ސާޅީހުގެ އަހަރުތަކާ ހަމައަށް ވިޔަފާރި ދަތުރު ތަކާއި އަމިއްލަ ދަތުރުތަކުގައި މީހުންގެ ތެރޭގައި "ކަމުވޮށިގެންވާ"، ގަދަރު އުފުލިގެންވާ ބަސްވިކޭ މީހެކެވެ. އެއި މުއްސަނދި ފިރިހެނަކާ ކައިވެނިކޮށްގެން އުޅުނީމަ އެވެ. މިކަން ހާމަވާ ކިތަންމެ މަންޒަރެއް ފެނެއެވެ. އޭނާގެ ފަސްދަރިން ތިބިއިރު ދޮށީ ދެކުދިންގެ ފުރާވަރު އުމުރު ނިމި އެއްކުއްޖަކު މީހަކާ އިންނަން ކައިވެނި ހަފުލާ ތައްޔާރު ކުރަމުން އަންނަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރެވުނެވެ.

ނަމަވެސް ހަމަ އެނޭވާގައި ދޫކޮށްލީ އެއީ ސާބިތު ނުވާ ތުހުމަތަކަށްވީމައެވެ. ކައިވެނީގެ ހަފުލާ މެދުކަނޑާލި ނަމަވެސް އަންހެން ކުއްޖާވެސް އަދި އަންހެންކުއްޖާގެ އާއިލާވެސް ފިރިހެން މީހާއާ އޮތް ގުޅުން ކަނޑާ ނުލައި އެއަށްވުރެ ފުރިހަމަ ހަފުލާއަކަށް ތައްޔާރުވިއެވެ. ހުޅުމާލޭގައި ހަމަ އެންމެ މަތީ ފެންވަރުގެ ހަފުލާއެއްގައި މިކައިވެނި ނިމިގެން މިދެމަފިރިން ހަނީމޫނަށް ދިޔައީ ދުބާއީއަށެވެ. "ވަން" އަށް މައުލޫމާތު ދިން ފަރާތަކީ މިއާއިލާ ވަރަށް ގާތުން ދަންނަ ފުދޭވަރެއްގެ ގާތް މީހެކެވެ.

އޭނާ ބުނީ މި ކުދިންގެ މަންމައަށް ވަރަށް ނަސޭހަތްވެސް ދިން ކަމަށެވެ. އަދި އަންހެން ދަރިފުޅު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކާ އިންނަން ގަބޫލު ނުވުމަށްވެސް އެތައް އާދޭހެއް ކުރި ކަމަށެވެ. ރޮވިފައި ހުރެ އަންހެންމީހާ ބުނި ގޮތުގައި އެއީ ކޮންމެވެސް ވަރެއްގެ ތިމާގެވެސް މީހެކެވެ. އަދި އެގޮތަށް އޭނާއާއި އޭނާގެ ދަރިންވެސް ނިމިދާތީ ވަރަށް ދެރަވާ ކަމަށްވެސް ބުންޏެވެ.

"ކީއްކުރާނީ. ކުޑަކުޑައިރުއްސުރެ ޔަތީމު ޣަރީބަކަށްވީ. އަޅައިލާނެ އެއްވެސް މީހަކު ނެތި އެހެން ބިކަވެފައި އިންދާ ރީތިކަމާހެދި މި ކުދިންގެ މަންމައާއި އެ ފިރިހެން މީހާ އިނީ. މިއީ ވަރަށް މުއްސަނދި މީހެއް. އެމީހާ އަކީ އެކިކަހަލަ ވިޔަފާރި ކުރާ މީހެއް ކަމަށް އަޑު ފެތުރެނީ. އެކަމަކު ހަގީގަތަކީ އެއީވެސް ޑުރަގު ވިޔަފާރި ކުރާ މީހެއް ކަން. ދެން ގޮވައިގެން އިންޑިޔާއިން ލަންކާއިން އެތަންމިތަނުން އުޅެން ފެށީ، ހަމަ އޭނާގެ ރީތިކަމާއި މީހުންގެ ތެރޭގައި ވާހަކަ ދައްކައި ހަދަން ކުޅަދާނަ މީހަކަށް ވީމަ. ވަރަށް ލީޑާޝިޕް ހައިވާނެ. އެހެންވެ އެމީހާގެ ވިޔަފާރީގެ ކުރިއެރުވުމަށް މި އަންހެންމީހާއާ ކުރި ކައިވެންޏެއް އެއީ."

އޭނާ ކިޔައިދިން ގޮތުގައި އެ އަންހެންމީހާ އިނީ އެއްވެސް މަސައްކަތެއް ކުރުމަކާ ނުލައި ފައިސާ "އޮހޭ" މީހަކާއެވެ. ފަހުން ދެލޯންޗެއްގެ ވިޔަފާރި ކުރަން ފެށީވެސް މީހުންގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި ކަމަށްވެއެވެ. އެއްވެސް މީހަކަށް އެމީހުންނާ ދިމާއަށް އިނގިލި ދިއްކޮށްލެވޭކަށް ނޯވެއެވެ. ބަހެއް ބުނެވޭކަށް ނޯވެއެވެ. ކޮންމެ ހައްޔަރަކުންވެސް އެސްފިޔަޖަހާހާ ހަލުވި މިނެއްގައި އެ ފިރިހެންމީހާވެސް ސަލާމަތްވެއެވެ.

"މިހާރު ދެން އެހެރީ އަތުނުޖެހޭ ވަރަށް ފެންސީ ލައިފަށް ހޭނި ގެނބިފަ. ދެނެއް މިއަތަކަށް ނާންނާނެ. ދަރިންނަށްވެސް އަލިފާން ކާންދީ އަލިފާނަށް ޕެޓްރޯލު އަޅައި އަމިއްލައަށް އަނދައަނދާ ތިބެން ހާނުވާފަ އެތިބީ. ހަށިގަނޑުން ވިޔަފާރި ކުރާ ކަމަށްވަނީ. މިހާރު އޭނަ ނުކުރަނީ ކޮންކަމެއް، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަމިއްލަ ފިހާރަ، ކެފޭ ކަހަލަ ތަންތަން ހުޅުވާ އެތަންތަނުގައި ވެސް އެކަން ކުރެވޭ ގޮތް ހަދާފަ ކަމަށް ވަނީ. ދެ އަންހެންކުދިން އެއުޅެނީ ޕޮޝްލައިފްގަ ކާރުކޮޅުގަ، މުއްސަނދިންގެ އުނގުގަ. ނަސޭހަތަކުން ބުނެދިނުމަކުން ނުގުޑާ ވަރަށް ކުރަލައިފަ އެތިބީ." އެ އާއިލާ ދަންނަ އެމީހާ ބުންޏެވެ.

މިފަދަ ކިތަންމެ ބަޔަކު މިކުޑަކުޑަ ދިވެހިރާއްޖޭގައި އެބައުޅެއެވެ. އެމީހުންގެ އެއްވެސް ހަގީގަތެއް އެއްވެސް ސިއްރެއް ބަޔަކަށް ނޭނގޭ ނުވަތަ ކަނޑައެޅިގެން އެނގުނަސް އެމީހުންނަށް ކުރެވޭނެ ކަމެއްވެސް ނޯވެއެވެ. "ބްލެކްމާކެޓް"ގައި އޮންނަ ޑިމާންޑު ހީކުރާވަރަށްވުރެ މައްޗެވެ. އަދި މިފަދަ މީހުންގެ އެހީތެރިކަމުގައި މުޖުތަމައުގައި ދިރިއުޅޭ އާއިލާތައްވެސް މަދެއް ނޫނެވެ. ސަރުކާރުން ނުވެވޭ އެހީ މީހުންނަށް ފޯރުކޮށްދޭ ނިކަމެތިންނަށްވެސް އެހީވާ ބައެކެވެ. އެކަމަކު މިއެހީ ތަކަކީ އަލިފާންކަމެއް އެއްވެސް ބަޔަކަށް އިހުސާސެއް، ފަހުމެއް ނުވެއެވެ.

އުމުރު ހަމަނުވާ ކުދިންނަށް ވެސް ވާ ގޮތަކީ ނިކަމެތި ފަގީރު ދިރިއުޅުމުގައި އާއިލާގެ އެއްވެސް އަޅައިލުމެއް ނެތި އެހެން މިހެންވެފައި މަގުތައްމަތީ ގިނަވަމުން ދަނިކޮށް މާލެ އައިސް ނުވަތަ ރަށުގައި އުޅެގެންވެސް ފައިސާ ފަސޭހަކޮށް ލިބޭނެ މަގެއް ފަހިވަނީއެވެ. އަރާމު ދިރިއުޅުން ކޮންމެ އިންސާނަކުވެސް ބޭނުންވާނެއެވެ. ހެވާއިނުބައި ނޭނގޭ ކުޑަކުދިންނަށް މިފަދަ މަގުތަކުން ހިނގައިގަންނަން ފަސޭހަވަނީ މިހެންވެގެންނެވެ.

ދާދިފަހުން ފުލުހުން ބޭއްވި ބައްދަލުވުމެއްގައި ޑުރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުގެ އޮފިސަރުން ވިދާޅުވީ ކުޑަކުދިން މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭލެއް ގިނަ ކަމަށެވެ. އަދި އުމުރުން އެންމެ 16 އަހަރުގެ ކުޑަ ކުއްޖަކާ އެކި އެކި މައްސަލަ ތަކުގައި 150 ފަހަރު މަގުމަތިން ހުއްޓުވައި 300 އަށްވުރެ ގިނަ ފަހަރު ސުވާލު ކުރި ވާހަކަ ވެގެންދިޔައި މުޅި ގައުމު އެކަމާ ވިސްނާލަން ޖެހުނު ވާހަކަ އަކަށެވެ.

ގިނަ ޒުވާނުންނަކީ މާބުރަ ބޮޑު މަސައްކަތެއް ނުކޮށް "ލަގްޒަރީ ޕޮޝް ލައިފް"ގައި އުޅެން ބޭނުންވާ މީހުންނެވެ. އެހެން ކަމުން މިފަދަ މީހުންގެ ދަޅަޔަށް ހެއްލިގެން ދިޔުމަކީ ފަސޭހަ ކަމެކެވެ. ކޮންމެ އިންސާނަކީވެސް އަރާމު، ފަސޭހަ ދިރިއުޅުން ބޭނުންވާނެ މީހެކެވެ. އެއީ އިންސާނީ ފިތުރީ ތަބީއަތެވެ. އެހެންނަމަވެސް ދުނިޔެ ހޯދުމުގައި އާހިރަތް ގެއްލޭކަމުގެ ހަނދާން އާކޮށްލުމުން މިފަދަ އަރާމު ދިރިއުޅުންތަކަށް "އުމުރަށް ސަލާން" ބުނާނެކަން ޔަގީނެވެ.