ޚަބަރު

ރޯދަ 02 ބާޒާރު އަގުތައް: ކުރުނބާގެ އަގު ބޮޑު، ލުނބޯގެ އަގު އަދިވެސް 100 އިން މަތީގައި

ރޯދަ މަހުގެ ދެވަނަ ދުވަހާ ކުރިމަތިލާއިރު މާރުކޭޓުގައި ތަކެތީގެ އަގުތަކަށް މާބޮޑެތި ބަދަލުތަކެއް ނާދެއެވެ.

ރޯދަމަސް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ލުނބޯގެ އަގު ވަނީ ބޮޑުތަނުން ބޮޑުވެފައެވެ. އަދިވެސް ބާޒާރުގައި ގިނަ ގޮޅިތަކުން ލުނބޯ ކިލޯއެއް ވިއްކަނީ 110ރ 120ރ އަށެވެ. މިރުހުގެ އަގުތައްވެސް އަދިވެސް ހުރީ 600ރ އިން މަތީގައެވެ. ބައެއް ގޮޅިތަކުން ކަނޑޫދޫ މިރުސް ކިލޯއެއް 600ރ އަށް ވިއްކަމުން ދާއިރު މިއަދު ގެނެސްފައި ހުރި ތާޒާ ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 750ރ އަށެވެ. އަދި ލ އަތޮޅުގެ މިރުހުގެ އަގުވެސް ހުރީ އެވަރުގައެވެ.

ރޯދައިގެ ކުރިން 25ރ އަށް ވިއްކަމުން އައި ކުރުނބާ މިއަދު ބާޒާރުގައި ވިއްކަން ހުރީ 40ރ އަށެވެ. ގިނަ ވިޔަފާރިވެރިން ބުނާ ގޮތުން ރޯދަމަހަށް ކުރުނބާއަށް އޮންނަ ޑިމާންޑާއި އެއްވަރަށް ސަޕްލައިއެއް ނުކުރެވެއެވެ. އެހެންކަމުން މުޅި ރޯދަމަހު ކުރުނބާގެ އަގު ބޮޑުވާނެ އެވެ.

ފަނި ގިރާ ތަކެއްޗަށް ބަލާއިރު ތޮއްޑޫ ކަރާ މިއަދުވެސް ބާޒާރުގައި ވިއްކަން ހުރީ ކިލޯއެއް 25ރ އަށެވެ. ދިވެހި ދޮން އަނބު ކިލޯއެއް 180ރ އަށް ވިއްކަން ހުރި އިރު ބޭރު އަނބު ހުރީ 110ރ އަށެވެ. އަދި ފޭރު ކިލޯއެއް 140 އަށް ހުރި އިރު ޖުމްހޫރީމޭވާ ކިލޯއެއް މިއަދު އުޅެނީ އުޅެނީ 80ރ އަށެވެ.

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު ކޮޕީފަތް ބޮނޑިއެއް މިއަދު ލިބެނީ 10ރ އަށެވެ. އަދި ކަންކުން ބޮނޑިއެއް 5ރ އަށް ލިބެން ހުރި އިރު ކުއްޅަފިލާފަތް ބޮނޑިއެއް ލިބެނީ 15ރ އަށެވެ. ހިކަނދިފަތް ބޮނޑިއެއް 10ރ އަށް ހުރި އިރު ރާނބާ ފަތް ބޮނޑިއެއް ލިބެނީ 5ރ އަށެވެ.

މަސް މާރުކޭޓަށް ބަލާއިރު ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ކަނޑުމަހުގެ އަގުތައް މިއަހަރު އަދި ހުރީ ބޮޑުކޮށް ކަން ފާހަގަކޮށްލެވެއެވެ. ރޯދައިގެ ކުރިން އާންމުކޮށް 35-40 ލިބެމުން އައި ކަންނެލި ކިލޯއެއް މިއަދު ލިބެން ހުރީ 80ރ އަށެވެ. އަދި 25-30ރ އަށް ލިބެމުން އައި ކަނޑުމަސް ވެސް މިއަދު ލިބެން ހުރީ ކިލޯ އެއް 55ރ އަށެވެ.

މަސް މާރުކޭޓުގައި ފަރުމަހުގެ ބާވަތްތަކަށް ބަލާއިރު ފަރުމަސް ކިލޯއެއް ލިބެން ހުރީ 120ރ އަށެވެ. އަދި މުށިމަސް 20ރ އަށް ފަސް މަސް ލިބެން ހުރި އިރު ރިއްމަސް ލިބެން ހުރީ 20ރ އަށް ތިން މަހެވެ.

މަސްމާރުކޭޓުގައި މަހުގެ އަގުތަކަށް އައިސްފައިވާ ބަދަލަކީ މުލަ ރޯދައަށް ގިނަ ދޯނިފަހަރުތައް ރަށްރަށަށް ފުރައިގެން ދިއުމާއި ގުޅިގެން މަހަށް ނުކުންނަ ދޯނިފަހަރުތައް މަދުވުމުން އައިސްފައިވާ ވަގުތީ ބަދަލެއް ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. އަދި ހަފްތާ އެއްހާ ދުވަސްތެރޭގައި މަހުގެ އަގުތައް ތިރިވާން ފަށާނެ ކަމަށް މަސް ވިއްކާ ފަރާތްތަކުން ލަފާ ކުރެއެވެ.