ވެކްސިން ފުރިހަމަކޮށްފައިވާނަމަ އަންނަ މަހުން ފެށިގެން ސިންގަޕޫރުގައި ކަރަންޓީން ވާން ނުޖެހޭގޮތަށް ނިންމައިފިއެވެ.
ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން އަންނަމަހު އެކަކުން ފެށިގެން އެގައުމަށް ދަތުރުކުރާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ނިންމާފައިވާއިރު މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުމަށްވެސް ލުއި ދޭން ނިންމާފައިވާކަން އެގައުމުގެ ބޮޑުވަޒީރު ލީ ސިއެން ލޫން ވަނީ އިއުލާންކުރައްވާފައެވެ.
މީގެ އިތުރުން ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި މީގެކުރިން އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އެއްވެވޭނެ އަދަދަކީ 5 މީހުން ކަމަށް އޮތް އޮތުން، 10 މީހުންނަށް އިތުރުކުރަން ވަނީ ނިންމައިފައެވެ. މީގެ ކުރިން ކޮވިޑުގެ ހާލަތުގައި ގިނަބަޔަކު ގޭގައި މަސައްކަތްކުރަން ކަނޑައަޅާފައިވާއިރު، ދޭން ނިންމާފައިވާ ލުއިތަކާއެކު މުވައްޒަފުން ވަޒީފާއަށް ނުކުތުމަށް ނިންމާފައިވާކަންވެސް ލީ ވަނީ އިއުލާނުކުރައްވާފައެވެ.
ސިންގަޕޫރުގައި މީގެ ކުރިން ކޮވިޑުގެ ހާލަތުގައި މިޔުޒިކު ހަރަކާތްތައް ބޭއްވުން މަނާކޮށްފައިވާއިރު، މިމަހުގެ 29 އިން ފެށިގެން އެފަދަ ހަރަކާތްތައް އެގައުމުގައި ބޭއްވުމަށްވެސް ހުއްދަދޭން ވަނީ ނިންމާފައެވެ.
އިރުމަތީއޭޝިއާގެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުން އަންނަނީ އެގައުމުން ފުރުމުގެ ކުރިން ހަދަން ޖެހޭ ކޮވިޑު ޓެސްޓު ހެދުން އުވާލުމަށްވެސް ވިސްނަމުންނެވެ.
މިއަދު ޓީވީ މެދުވެރިކުރައްވައި ލީ ދެއްވި ބަޔާނުގައި ސިންގަޕޫރުގައި އޮމިކްރޯންގެ ހާލަތު މިހާރު ކޮންޓްރޯލުކުރެވިފައިވާ ކަމަށާއި ބޯޑަރުތައް ހުޅުވާލަން ނިންމާފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިފަހަކަށް އައިސް އެގައުމުގައި ކޮވިޑަށް ޕޮޒިޓިވްވާ ގިނަ ކޭސްތަކަކީ މުޖުތަމައުގެ ތެރެއިން ޕޮޒިޓިވްވާ ކޭސްތައް ކަމަށާއި ގައުމުން ބޭރުން އަންނަ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވަނީ ނިސްބަތުން ވަރަށް މަދު އަދަދުތަކެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.
ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އައުމާއި ގުޅިގެން ސިންގަޕޫރުން ލުއިދޭން ދޭން ނިންމާފައިވާއިރު މީގެކުރިން އޭޝިއާ ޕެސިފިކްގެ ބައެއް ގައުމުތަކުން ވަނީ ކޮވިޑުގެ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައެވެ.
އެގޮތުން އިންޑޮނޭޝިއާއިން ހޯމަދުވުން ފެށިގެން ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު އެގައުމަށް އެތެރެވާ ފަރާތްތައް ކަރަންޓީން ވާން ނުޖެހޭގޮތަށް ކަނޑައަޅާފައިވާއިރު ތައިލޭންޑުން ވަނީ ފެބްރުއަރީ 1 އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން އުވާލާފައެވެ.
މީގެ އިތުރުން މިމަހުގެ ކުރީކޮޅު ދެކުނު ކޮރެއާ އަދި މެލޭޝިއާއިން ވެސް ވަނީ އަންނަ މަހު 1 އިން ފެށިގެން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން އުވާލާނެކަން އިއުލާނުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ