މޯލްޑިވްސް ޕެންޝަން އޮފީސް ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޕެންޝަން އޮފީހުން ކުރި އިއުލާނުގައި ބުނެފައިވަނީ 19 ޖޫން 2022 ގައި އެ މަގާމު ހުސްވާތީ ޕެންޝަން އޮފީސް ބޯޑުގެ ޗެއާޕާސަންގެ މަގަމާމަށް ކުރިމަތިލުމަށް އާއްމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.

ޕެންޝަން އޮފީހުގެ އިއުލާނުގައި ބުނެފައިވަނީ އެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރި ވާ ފަރާތްތަކުން 5 އޭޕްރީލް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެޕްލިކޭޝަންތައް ޕެންޝަން އޮފީހަށް ނުވަތަ އެ އޮފީހުގެ އީމެއިލް އެޑްރެހަށް ހުށަހެޅުމަށެވެ. އަދި ޗެއާޕަސަންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަތުރު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުތައް ހަމަޖެހިފައިވަނީ، 17 އޭޕްރީލް 2022 ން 26 އޭޕްރީލް 2022 އާއި ދެމެދު ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ޕެންޝަން އޮފީސް ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވީ އާތިފާ އަލީ އެވެ. މިބޯޑުގެ ޗެއަޕާސަން އައްޔަން ކުރާނީ، މިކަމަށްޓަކައި އެކުލަވައިލެވޭ ސެލެކްޝަން ކޮމިޓީއަކުން ހޮވާ ނަންތައް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރުމަށްފަހު ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.

ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނޭ މެންބަރުންނަކީ، ބޯޑުގެ ޗެއާޕާސަންއާއި، ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަގެ އިސް މުވައްޒަފަކާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސާވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ 4 މެންބަރުންނެވެ.