ހުކުމް ކުރެއްވި މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާތައް އިތުރުކުރިކަމަށް ބުނާ މައްސަލަ، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމްގެ މައްޗަށް ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު 12 ގައި ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސްދީފައިވާ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމްގެ ސުލޫކީ މައްސަލަ، ތަހުގީގުކޮށް އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އަކްރަމުއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން ދިޔައީ އޭނާ ހުކުމް ކުރެއްވި މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރިފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާތައް އިތުރުކުރިކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައިގެ އިތުރުން ޖޭއެސްސީން މިއަދު ނެރުނު އިތުރު ބަޔާނެއްގައި ވަނީ ސިވިލް ކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހިމްގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ޖަލްސާގައި ނިންމާފައިވަނީ ފަނޑިޔާރު ފަހީމް، ފަނޑިޔާރުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި މައްސަލަތައް ބެލުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރުމަށެވެ.