އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީ.ޕީއެސް)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
އޯއޭސީޕީއެސް ގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ، ހުސްވި ޖެނުއަރީ މަހުގެ 11 ގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ދިވެހިރާއްޖެ މި ޖަމިއްޔާގެ މެންބަރު ގައުމަކަށްވުމުން ރާއްޖެ އާއި އެފްރިކާ، ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އޯއޭސީޕީއެސް އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށާއި، އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ޔޫރަޕުގެ ޝެންގަން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިހާރު 79 ގައުމެއް ބައިވެރިވާ މި ޖަމިއްޔާގައި ރާއްޖެއިން ބައިވެރިވެއްޖެނަމަ ރާއްޖެ ވެގެންދާނީ މި ޖަމިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ގައުމަށެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ރާއްޖެ ފިޔަވައި ކުދި ޖަޒީރާ ހުރިހާ ގައުމުތަކަކީ މި ވަގުތު މި ޖަމިއްޔާގެ މެންބަރު ގައުމުތަކެވެ.
އެ ޖަމިއްޔާގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދިނީ، މިއަދުގެ ޖަލްސާގައި ތިއްބެވި 32 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު