ރިސޯޓު ތަރައްގީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރެއިން ނުވަ ރަށަކަށް، 18 ފަރާތަކުން ބިޑް ހުށަހަޅާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރ، މުހައްމަދު ޚުއްސާން 'ވަން' އަށް މިއަދު ވިދާޅުވީ އުއްމީދުކުރި ވަރަށްވުރެ ހުށަހަޅާފައިވާ ބީލަންތަކުގެ އަގުތައް ރަނގަޅު ކަމަށާއި ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި ގިނައީ ދިވެހި ކުންފުނިތައް ކަމަށެވެ. އަދި ބީލަން ހުށަހަޅާފައި ފަރާތްތަކުގެ ތެރޭގައި މިހާރު ރިސޯޓު ހިންގާ ބޮޑު ކުންފުންޏެއް ނުހިމެނޭ ކަމަށް ޚުއްސާން ވިދާޅުވިއެވެ.

  • ބީލަން ހުށައަޅާފައިވާ ރަށްތަކަކީ:
  • ހއ. އަތޮޅުން 2 ރަށް
  • ފ.އަތޮޅުން 2 ރަށް
  • ގދ. އަތޮޅުން 2 ރަށް
  • ގއ. އަތޮޅުން 1 ރަށް
  • މ. އަތޮޅުން 1 ރަށް
  • ތ. އަތޮޅުން 1 ރަށް

ޚުއްސާން ވިދާޅުވީ ބީލަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ކުރިއަށް ގެންގޮސް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ރަށްތައް އެވޯޑް ކުރުމަށް ރާވައިފައިވާ ކަމަށެވެ.

ރާއްޖޭގެ ދިހަ އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ރަށްތަކުގެ ތެރެއިން ލ، ގއ، ގދ، އަތޮޅުގެ ރަށްތައް ފިޔަވައި އެހެން ރަށްތަކަށް ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވަނީ އިއްޔެ އެވެ. ލ، ގއ، ގދ، ރަށްތަކުގެ ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވީ މިއަދު އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ، ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކުރިން ބުނެފައެވެ.