އަރިއަތޮޅު އުތުރުބުރީ ރަށެއްގައި ދެމައިންނަށް އިންޒާރުދީ ބިރުދެއްކި ފިރިހެން މިހާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން މާލެ ގެނެސް ފަރުވާދޭން ފަށައިފި އެވެ.

އާއިލާއިން "ވަން" އަށް މައުލޫމާތު ދެމުން މިއަދު ބުނީ ޖެންޑާ މިނިސްޓްރީގެ ފަރާތުން ޓީމެއް ގޮސް އެ ފިރިހެން މީހާ މީގެ ދެދުވަސް ކުރިން މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އައިޖީއެމްއެޗުގައި އެޑުމިޓުކޮށްގެން ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ދޮށީ ފިރިހެން ދަރިފުޅު ރުޅި އަންނަ ވަގުތު ގޭގައި ހުންނަ ތަކެއްޗަށް ގެއްލުންދީ އޭނާއާއެކު ދިރިއުޅެމުން އަންނަ އޭނާގެ މަންމަ އާއި ކޮއްކޮ މަރާލާނެ ކަމުގެ އިންޒާރާއި އަނިޔާ ދެމުންދާ ކަމަށްބުނެ އެ ދެމައިން ވަނީ "ވަން" އަށް މައުލޫމާތު ދީފަ އެވެ.

ގޭތެރޭގެ އެކި ތަންތަނުގައި ހަޑި ހުތުރުބަހުން ލިޔެ ކުޑަ ކުއްޖާގެ ކިޔެވުމަށް ހުރަސްއެޅޭފަދަ އެތައް ކަމެއް ކުރަމުންދާ ކަމަށްވެސް އެ އާއިލާއިން ވަނީ ބުނެފަ އެވެ. އަދި ކުޑަ ކުއްޖާއާއި އެކުއްޖާގެ މަންމައަށް ގެއިން ބޭރަށް ނުދެވޭނެ ކަމަށްބުނެ ބިރުދައްކައި ގޭގައި ބަންދު ކުރާ މައްސަލައާއި ގޭގައި ކައްކާފައި ހުންނަ ކާއެއްޗެހި އޭނާ ކައި ނިމުމުން އުކާލައި ނުވަތަ ވެލި އަޅާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ވަޅި ހިފައިގެން އައިސް ކޮށާލާނެ ކަމުގެ އިންޒާރު ދެމުންދާތީ ބައެއް ރޭ ރޭ އެ ދެމައިން މަގުމަތީގައި އިރު އަރަންދެން ތިބެން ޖެހޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިކަމަށް ހައްލެއް ހޯދުމަށް އެކި މުއައްސަސާތަކުގައި އާދޭސްކުރުމުންވެސް އެކަމަށް މާބޮޑު އަޅައިލުމެއް ނުލިބޭ ކަމަށް އެ އާއިލާއިން ވަން އަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން މީގެ ކުރިން "ވަން" އިން ވަނީ ވަރަށް ތަފުސީލީ ރިޕޯޓެއް https://oneonline.mv/60048 ގެނެސްދީފަ އެވެ.

މި ރިޕޯޓު ޝާއިއުކުރި ފަހުން ޖެންޑާ މިނިސްޓްރީން އެ އާއިލާގެ ހާލު ގާތުން ބަލައި ރައްކާތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާއިންނާއި އާއިލާއިން ބުނެފައިވެއެވެ.

މީގެ ކުރިން އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްގެން ހެދި ޓެސްޓުތަކުން ސިކުނޑީގެ މައްސަލަތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް އާއިލާއިން ބުންނެވެ. އަދި އޭނާގެ އުޅުމުންނާއި އަމަލުތަކުން އޭނާއަށް ނަފުސާނީ ފަރުވާ ބެނުންވާކަން އެނގޭ ކަމަށާއި ނަމަވެސް ގަދަކަމުން އެކަން އާއިލާއަށް ކުރަން ނުކުޅެދިފައިވާކަން އެ އާއިލާއިން ވަނީ ބުނެފަ އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ފިރިހެން މީހާ މީގެ ދެ ދުވަސް ކުރިން މާލެ ގެނެސް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްގެން ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށާއި އެ ޓެސްޓުތަކަށްފަހު އިތުރު ފަރުވާދޭން ޖެހޭ ނަމަ އެކަންވެސް ކުރާނެ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެ ފިރިހެން މީހާ މާލެ ގެންނަން ޖެހުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން އެރަށަށް ގޮސް 12 ގަޑި އިރުވަންދެން އެ މީހާ ގާތު އާދޭސްކުރީ އަންނަންވެގެން. ގަދަބާރު ނުދައްކަންވެގެން އަމިއްލަ ރުހުމުގަ އާދޭތޯ މަސައްކަތް ކުރީ. އަޅުގަނޑުމެންނާއެކު ފުލުހުންގެ ޓީމެއްވެސް ދިޔަ. ދެން 12 ގަޑިއިރުގެ މަސައްކަތަށްފަހު އޭނަ އޯކޭވީމަ މާލެ ގެނެވުނީ. މިހާރު ޓެސްޓުތައް ހަދަމުން މިދަނީ. ޓެސްޓުތަކުގެ ނަތީޖާ ލިބުނީމަ ދެން އިތުރު އެކްޝަނެއް ނަގަން އެނގޭނީ." އޭނާ ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ އާއިލާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މީގެ ކުރިންވެސް އެގެއިން އެހެން ތަނަކަށް ބަދަލުވާން އެދުނު ކަމަށާއި ނަމަވެސް އެކި އެކި ސަބަބުތަކާ ހުރެ އެ އާއިލާއަށް އެހެން ގެއަކަށް ބަދަލުނުވެވުނު ކަމަށެވެ. ނަމަވެސް މިކަމުގައި ދެން ކުރެވެން އޮތް ކަމެއްވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.