ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް އަންނަ ހޯމަ ދުވަހު ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ 3،000 ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 28 ވަނަ ދުވަހު ދޭން ހަމަޖެހިފައިވާތީ، އެކައުންޓިން ސޮފްޓްވެއާގެ އެކައުންޓްސް ޕޭޔަބަލް މޮޑިއުލް ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ވައުޗަރުތައް މާދަމާގެ ކުރިން ޕޯސްޓުކުރަން އަންގައިފަ އެވެ. އަދި ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ އެޗުއާރު މޮޑިއުލް ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ވައުޗަރުތައްވެސް މާދަމާގެ ކުރިން ޕޯސްޓް ކުރުމަށް ވަނީ އަންގައިފައެވެ.

ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާ ގޮތް:

  • ރޯދަ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާ
  • މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނީ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އެކަނި
  • ރޯދަ މަސް ފެށޭ އިރު، ޕޭ ލީވް އަދި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދޭނެ
  • އެފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ވަޒީފާއަށް ނުކުމެއްޖެ ނަމަ، އެދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުން
  • ރޯދަ މަސް ފެށޭފަހުން އެފަދަ ލީވެއް ނަގާ ނަމަ، ލީވް ނަގާ ތާރީހަކުން ފެށިގެން އިތުރުވާ ފައިސާ އަނބުރާ ހޯދުން