ޚަބަރު

ކޮމިއުނިކޭޝަން މިނިސްޓްރީގައި މަލީހުގެ ކޮޓަރި މަރާމާތުކުރަން ހަތް ލައްކަ ރުފިޔާ ހަރަދުވި: އޮޑިޓް

މުހައްމަދު އިޝާން

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މަގާމުގައި ހުންނެވި އިރު، އެ މިނިސްޓްރީގައި އޭނާގެ ކޮޓަރި އާއި އެތަނާ ގުޅުވައިގެން ހަމަ އެ ޑިޒައިނާ އެއްގޮތަށް ބްލޮކް-ބީ މަރާމާތުކުރުމަށް ސަރުކާރުގެ ބަޖެޓުން 795،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު އާންމުކުރި ކޮމިއުނިކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވަނީ، މަލީހުގެ ކޮޓަރި މަރާމާތުކުރުމުގެ މަސައްކަތުގެ ތަފްސީލުތައް ހިމަނައިފައެވެ. އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި، އެ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކުރި އެ މަސައްކަތުގައި، ބައެއް ކަންކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތު ގާނޫނާ ވެސް ހިލާފަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، މާލިއްޔަތު ގާނޫނުގެ ދަށުން އެގްރީމެންޓްކުރި މަސައްކަތް ލަސްވާ ނަމަ، ގެއްލުމުގެ އަގު (ލިކުއިޑޭޓެޑް ޑެމޭޖަސް) އަށް 119،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެރި އިރު، އެ މިންވަރު މަސައްކަތުގެ އަގުން އުނިކޮށްފައިނުވާ ކަމަށާއި މަލީހުގެ ކޮޓަރީގެ މަރާމަތު ކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ލިބުނު ގެއްލުން އެ މިނިސްޓްރީގެ ލިޔެކިޔުންތަކުން އުނިކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތް ހަވާލުކުރީ 25 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ވިޔަސް، މަސައްކަތް ނިންމީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މަސައްކަތް ލަސްވުމުން ލިބުނު ގެއްލުމުގެ ބަދަލު އަގުން އުނިކޮށްފައި ނުވާ މައްސަލަ މިދިޔަ އަހަރުގެ ސެފްޓެމްބަރު މަހު އޮޑިޓާ ޖެނެރަލް އޮފީހުން ކޮމިއުނިކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 9،834 ރުފިޔާ އުނިކޮށްފައިވާ ކަމަށާއި ނަމަވެސް އެއީ ގެއްލުމުގެ ބަދަލުގެ ޖުމުލަ އަގު ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

މީގެ އިތުރުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މަލީހުގެ ކޮޓަރި މަރާމާތުކުރުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް، އެ މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް، އިއުލާނު ނުކޮށް ކުރިން މަސައްކަތް ކުރަމުންދިޔަ ކުންފުންޏާ ހަވާލުކުރި ކުރުމެވެ. އަދި ފަހުން ހަވާލުކުރި މަސައްކަތް އެ ކުންފުނިން ނިންމީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވިފަހުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މަލީހުގެ ކޮޓަރި މަރާމަތުކޮށް އެތަނުގެ ފޮޓޯ އޭރު އާއްމުކުރުމުން ވަރަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން އެއީ ވައިޓްހައުސްތޯ ވެސް ބައެއް މީހުން މަލީހުއާ ވަނީ ސުވާލުކޮށްފައެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން އޭރު މަލީހު ވިދާޅުވެފައިވަނީ ކޮޓަރި މަރާމާތުކުރީ ސިއްރުން ނޫން ކަމަށާއި އެއީ ބަޖެޓާ އެއްގޮތަށް، ދެފުށް ފެންނަ ގޮތަށް ކުރި މަސައްކަތެއް ކަމަށެވެ.