އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގެ ކެމްޕެއިންގައި މިހާތަނަށް 60 ރަށަށް ދަތުރުކުރައްވާފައިވާ އިރު، އެ ރަށްރަށުގައި ހުރި އެމްޑީޕީގެ އެއްވެސް ޖަގަހައެއް ނުހިނގާ ކަމަށް ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ އެއް ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ނ. އަތޮޅުގެ ރަށްރަށަށް މިއަދު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި، އެ އަތޮޅު ކެނދިކުޅުދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފައްޔާޒު ވިދާޅުވީ މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ފެނުނީ އެމްޑީޕީ ހުއްޓިފައި އޮތްތަން ކަމަށާއި، ޕާޓީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ މިހާރުގެ ހާލަތު ބަދަލުކޮށް ޕާޓީ ހިންގައިލުމަށް ކަމަށެވެ. އަދި މާލޭގައި ހުންނަ އެމްޑީޕީގެ މައި އޮފީހާއި، ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުންނާ މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ޗެއާޕާސަން ކަމުގެ މަގާމުގައި ފައްޔާޒާ ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް އިޝާރާތްކުރައްވައި އިންތި ވިދާޅުވީ، ވާދަވެރި ކެންޑިޑޭޓަކީ މިދިޔަ 16 އަހަރު އެމްޑީޕީ ހިންގާލަން ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅެއް ކަމަށާއި ފެއިލްވެފައި ތިބި ބަޔަކަށް އަލުން ފުރުސަތު ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ވެރިކަމުގައި މި ވޭތުވި، ތިން އަހަރު ސަރުކާރު ހިނގާ މިންވަރަށް ޕާޓީ ހިންގާލެވިފައިނުވާ ކަމަށާއި ޕާޓީގެ ހުރިހާ ލީޑަރުން ސަރުކާރަށާއި މަޖިލީހަށް ވަނުމުގެ ސަބަބުން ޕާޓީ އޮތީ ވަޅުޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ކަންތައްތައް އެގޮތަށް އޮވެގެން އަންނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބެން ނެތް ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެކި ތުހުމަތުތައް ކުރައްވައި، ވާދަވެރި ކެންޑިޑޭޓް އިންތިގެ ކެމްޕެއިން ތަރުޖަމާނު، އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު ދައްކަވަނީ "ވަރަށް ޗީޑި" ވާހަކަތަކެއް ކަމަށެވެ. އަދި އެ ބޭފުޅުން މިހާރު އުޅުއްވަނީ އިދިކޮޅު ޕީޕީއެމްގެ މެންބަރުން އުޅުއްވާ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.