އެޑްވަޓޯރިއަލް

ދުނިޔޭގެ ފެނުގެ ދުވަސް: ސާފު ބޯފެން ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީ 26 އަހަރު

ކޮންމެ އަހަރެއްގައިވެސް 22 މާޗަކީ ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ފެނުގެ ދުވަހެވެ. އދ. އިން މިދުވަސް ފާހަގަ ކުރުމަށް ނިންމާފައިވަނީ ފެނުގެ މުހިއްމުކަން ހަނދާންކޮށްދިނުމަށެވެ.

ފެނާއި ފެނާ ގުޅުންހުރި މައްސަލަތަކުގެ އަޑު އުފުލުމަށް މިދުވަސް ފާހަގަ ކުރާއިރު ދުނިޔޭގައި ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކީ ސާފު ފެން ލިބުމުން މަހޫރޫމުވެފައިވާ މީހެކެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރެއް ގޮތުގައި އދ.އިން ކަނޑައަޅާފައި ވަނީ (Groundwater: making the invisible visible) މިއެވެ.

ކޮންމެ އަހަރަކުވެސް ފެނުގެ ދުވަސް ފާހަގަ ކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ފެނުގެ ދުވަސް ފާހަގަ ކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

އެމްޑަބްލިއުއެސްސީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ސާފު، ރައްކާތެރި ފެނާ މެދުގައި ރައްޔިތުން ހޭލުންތެރިކުރުމަށް ތަފާތު ކެމްޕޭނުތަކުގެ ތެރެއިން ފެނުގެ މުހިންމުކަމާއި، ފެނުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ފެން އިސްރާފު ނުކުރުމަށް ރައްޔިތުން ހޭލުންތެރިކުމުގެ ޕްރޮގްރާމެއް މި އަހަރުވެސް ކުރިއަށް ގެންދާނެއެވެ. އަދި އެ ކުންފުނިން ފޯރުކޮށްދޭ ސަޕްލައި ފެނުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ޕްރޮގުރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިޔުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.

އެމްޑަބްލިޔުއެސްސީ އިން އުފައްދައި ފޯރުކޮށްދެމުން އަންނަ ފެނަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން، ލޮނު ފެން، ސާފު ފެނަށް ބަދަލުކޮށްގެން، އުފައްދާ ރައްކާތެރި ފެނެކެވެ. މި ފެނަކީ ބުއިމަށް ރައްކާތެރިކަމަށް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަނޑަށްވުރެވެސް ރަނގަޅު ފެންވަރެއްގެ ފެނަކަށް ވާއިރު ފެނުގެ ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ފެން އުފެއްދުމުގެ އެކި މަރުހަލާތަކުގައި ތަފާތު އެކިއެކި ޓެސްޓްތައް ކުރެވެއެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއް ފަހަރު، ފެނުގެ ނެޓުވޯކުގެ ސަރަހައްދުތަކުން ސާމްޕަލް ނަގައި ޓެސްޓުތައް ކޮށް އަދި މިފެން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރު ކުރެއެވެ.

އދ. ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤގީގެ ލަނޑުދަނޑިތަކުގެ ހަވަނަ ލަނޑުދަނޑިއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ލަނޑުދަނޑިއެވެ. މި ލަނޑުދަނޑި ހާސިލުކުރަނީ ތިމާވެށި ރައްކާތެރިކޮށް ޖައްވު ނުސާފުވާމިންވަރު ވެސް ކުޑަކޮށްގެންނެވެ. މިލަނޑުދަނޑި ހާސިލުކުރުމަށް އެކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރުމުންނެވެ. އެގޮތުން ވޯޓާ ސެކިއުރިޓީ ކަށަވަރުކުރުމުގެ ގޮތުން އެ ކުންފުނީގެ ފެން އުފައްދާ މައި މަރުކަޒުގެ އިތުރުން މާލޭގެ އެހެން ދެ ސަރަހައްދެއްގައި ފެން އުފައްދާ ދެ މަރުކަޒެއް ގާއިމު ކޮށް، ފެން އުފެއްދުން ވަނީ ލާމަރުކަޒު ކޮށްފައެވެ.

ސިނަމާލެ ބުރިޖް މެދުވެރިކޮށް ޕައިޕްލައިން އަޅައިގެން މާލެ އަދި ހުޅުމާލޭގެ ފެނުގެ ނެޓްވޯކް ގުޅާލުމުގެ މަސައްކަތްތަކާއި، ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި މާލެއާއި ހުޅުމާލޭގައި އިތުރު ފެން ތާންގީތައް ހެދުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތެއްގައި ފެން އުފެއްދުމަކީ އެމްޑަބްލިޔުއެސްސީ ގެ އަމާޒެވެ. މިގޮތުން އެކުންފުނީގެ 3 އޮޕެރޭޝަން ސެންޓަރެއްގައި އަންނަނީ ފެން އުފެއްދުމުގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރަމުންނެވެ. ކުންފުނީގެ މިސްރާބު ހުރީ އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު ކުރިއަށް އޮތްތާނގައި އިތުރުކުރުމަށެވެ.

1995 ވަނަ އަހަރު ވުޖޫދަށް އައި އެމްޑަބްލިއުއެސްސީގެ މައިގަނޑު އަސާސަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ހަމަހަމަކަމާއެކު ރައްކާތެރި ބޯފެނާއި ނަރުދަމާގެ ފޯރުކޮށްދިނުމެވެ. ދިވެހިރާއްޖެއަކީ ފެނުގެ ވަސީލަތްތައް މަދު ގައުމަކަށް ވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ މަސައްކަތް ފުޅާކޮށް ހިދުމަތް ތަރައްގީކުރުމުގައި އެކުންފުނިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ފެނުގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެންމެންނަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައިދިނުމުގެ މުހިންމުކަން އިތުރުވެފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑަބްލިއުއެސްސީ އިން އަންނަނީ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

އެ ކުންފުނިން ފެނުގެ ދާއިރާގައި ހޯދާފައިވާ ތަރައްގީއަށް ނަޒަރު ހިންގާލާއިރު، އެމްޑަބްލިޔުއެސްސީގެ 26 އަހަރު ދުވަހުގެ އިންޖިނިއަރިން ތަޖުރިބާގެ އެހީގައި، މިއަދު އެ ކުންފުންޏަކީ ރާއްޖޭގައި ފެނުގެ މަޝްރޫއުތައް ހިންގާ އެންމެ ބޮޑު އެއް ކުންފުންޏެވެ.