ހިޔާ ފްލެޓް ތަކުގެ ކުލި ކުޑަކޮށްދޭން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދެން ފުލެޓު ލިބުނު މީހުންގެ ސޮއި ހޯދަން ފަށައިފި އެވެ.
ހިޔާ ޔޫނިއަންގެ ނައިބު ރައީސް، އަހުމަދު ޝަމާލް "ވަން" އަށް މިއަދު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް އެކީ ނުނިންމައި ހަވާލުކުރުމަށް ފަހު އެހާ ބޮޑު އަދަދެއްގެ ކުއްޔެއް ނަގަން ސަރުކާރުން ނިންމާފައިވާއިރު އެކި ސަބަބުތަކާހުރެ އެހާ ބޮޑު އަދަދެއްގެ ކުލި ދައްކަން ޖެހޭތީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމަށެވެ.
ހިޔާ ފްލެޓްތަކަށް ބަދަލުވާން އެކި ގޮތްގޮތުން ނަގާފައިވާ ލޯނުތަކާއި ކްރެޑިޓް ސްކީމްތަކަށް ފައިސާ ދައްކަމުން އެހާ ބޮޑު ކުއްޔެއް ދައްކަން ޖެހުން ވާނީ އާއްމުންނަށް ވަރަށް ދަތި ކަމަކަށް ކަމަށާއި ހިޔާ ފްލެޓްތަކުގެ ކުލި އެންމެ ފުރަތަމަ ކަނޑައެޅުނު އަދަދަށް ކުޑަ ކުރަން ފްލެޓް ތައް ލިބުނު ފަރާތްތަކުން ބޭނުންވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.
"އާއްމު ދިރުއުޅުމުގެ ހާލަތު ހުރިގޮތުންނާއި އަދި ބޮޑެތި ހަރަދުތައް ކޮށް ހިޔާ ޔުނިޓަށް ބަދަލުވެ މިހާރު ހަމަޖެހިފައި އޮތް ކުލި ދެއްކުން އެއީ އެކަށީގެންވާ އަދަދެއް ނޫން. ފްލެޓް ހަވާލުކުރިއިރު ހުރި ގޮތުން އެކަށޭނެ އަގަކީ އެންމެ ފުރަތަމަ ކަނޑައެޅި ކުލީގެ އަގު" ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ ހިޔާ ކޮންމެ ފްލެޓެއްގެ ވެރިފަރާތް ނަމުގައި މާދަމާ އެޗްޑީސީ އަށް ސިޓީ ހުށަހެޅުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި، އެކަމަށްޓަކައި ހިޔާ ޔޫނިއަން އިން ސިޓީ ލިޔެދީ ފްލެޓްތައް ލިބުނު ފަރާތްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ހިޔާ ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
އަދި ކުލި ކުޑަކުރުމަށް އެދުމުގެ އިތުރުން ހިޔާ ފްލެޓް ނިންމުމުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށް ފައިސާ ދެއްކުމަށްފަހު ލަނޑު ލިބިފައިވާ ފަރާތްތަކުގެ ނަމުގައި އެކަމަށް ހައްލު ހޯދައި ދިނުމަށް އެދި އެޗްޑީސީ އަށް ސިޓީ ފޮނުވަންވެސް ސޮއި ހޯދަމުން އަންނަ ކަމަށް ޝަމާލް ވިދާޅުވިއެވެ.
އެޗްޑީސީން ކަނޑައަޅާފައި ވަނީ މެއިންޓެނަންސް ހަރަދުގެ ގޮތުގައި 1،000 ރުފިޔާއާއެކު ކޮންމެ މަހަކު 7،500 ރުފިޔާ ހިޔާ ފްލެޓަކަށް ދައްކަން ޖެހޭގޮތަށެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކަށް ދިން ލުޔެއްގެ ގޮތުން ކުލި ދެއްކުން ހަތް މަސްދުވަހަށް ސަރުކާރުން ފަސްކޮށްދިނެވެ.
ޝަމާލު ވިދާޅުވި ގޮތުގައި ހިޔާ ޔުނިޓް ތަކުގެ އޯނަރުން އެޗްޑީސީގައި އެދެނީ ކުރީ ސަރުކާރުގައި ވެސް ފްލެޓަށް ކަނޑައެޅި ކަމަށް ބުނާ 5،600ރ. އަށް ބަދަލުކޮށްދިނުމަށެވެ. އަދި އެ އަގަށް ކުލި ކުޑަކުރުމަށް އެދި މިދިޔަ އަހަރު ހިޔާ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައިވެ އެވެ.
ނަމަވެސް އެފަހަރު އެޗްޑީސީން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކުގެ ސާވިސް ފީއާ އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8،500ރ. އަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށާއި ފްލެޓް އެޅުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ކުއްޔަށް އެވަރު ނަގައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު